ads
އިންޑިއާ----
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނަށް!
އަވަށްޓެރި އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2.3 މިލިއަނަށް އަރައިފި އެވެ.

މިލިއަނެއްހާ މީހުންނަށް އެގައުމުން ކޮވިޑް ޖެހުނީ އެންމެ 20 ދުވަހުގެ ތެރޭގަ އެވެ. އެއާއެކު އެގައުމުވެފައި މިވަނީ ބަލި އެންމެ ހަލުވި މިނެއްގައި ފެތުރެމުން އައި އެމެރިކާ އާއި ބްރެޒިލްއަށް ވުރެ ވެސް ހަލުވި ކަމާއެކު ބަލި ފެތުރެމުންދާ ގައުމަކަށެވެ.

އެމެރިކާ އާއި ބްރެޒިލްގައި ވެސް 20 ދުވަހުން މިލިއަނެއްހާ މީހުންނަށް ކޮވިޑް ޖެހިފައި ނުވާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ އެގައުމުގައި އިއުލާންކުރި ހަރުކަށި ލޮކްޑައުންއަށް ދިން ބޮޑެތި ލުއިތަކާއެކު އެވެ. އެއާއެކު އެކި ސަރަހައްދުތަކުން ބަލި ޖެހޭ މީހުންގެ ނިސްބަތް ދިޔައީ އިތުރުވެގެންނެވެ. 

އާބާދީގައި 1.3 ބިލިއަނެއްހާ މީހުން ދިރިއުޅެމުންދާ އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އެރުމާއެކު އެގައުމުވެފައި ވަނީ ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަނަށް އެރި ތިން ވަނަ ގައުމަށެވެ. 

ބީބީސީގައި ރިޕޯޓްކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެގައުމުގައި 62,170 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވެ އެވެ. އެއާއެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 2,027,074 އަރާފަ އެވެ. 

މިހާތަނަށް އެގައުމުން ކޮވިޑް ޖެހިގެން 41,585 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކުރާއިރު އެ އަދަދާއެކު އެގައުމުވެފައި ވަނީ ދުނިޔެއިން ކޮވިޑް ޖެހިގެން ފަސް ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ގައުމަށެވެ.

ދުނިޔޭގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ހިމެނޭ، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވެބްސައިޓުން ދައްކާ ގޮތުގައި، އަދިވެސް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ގައުމުގެ ގޮތުގައި އޮތީ އެމެރިކާ އެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 4.9 މިލިއަނުގައި އުޅޭއިރު ދެވަނަ އޮތް ބްރެޒިލްގައި ބަލި ޖެހިފައި ވަނީ 2.9 މިލިއަން މީހުންނަށެވެ. 

އިންޑިއާގައި ބަލި ފެތުރެމުންދާ ގޮތަށް ބަލާއި ސިއްހީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އެގައުމުގައި މިހާރު ބަލި ފެތުރެމުންދާ ހަލުވި މިނުގައި ބަލި ފެތުރޭނަމަ، ބްރެޒިލް ވައްޓާލާ، އެގައުމު ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ގައުމަށް ވުމަށް މާގިނަ ދުވަހެއް ނުނަގާނެ އެވެ. 

ކޮވިޑްގެ ކޭސްތައް އިތުރުވާތީ އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ހަރުކަށި ފިޔަވަޅުތައް ވެސް ދަނީ އަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް