ads
ފިނޭންސް މިނިސްޓްރީ--
ސަރުކާރަށް އަދި ލިބުނީ ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ 23 އިންސައްތަ
އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމިގެން ދިޔަ އިރު ސަރުކާރަށް ލިބިފައި ވަނީ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ އެންމެ 23 އިންސައްތަކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ސްޓެޓިސްޓިކްސް ދައްކާ ގޮތުން ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކަރަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7,027.2 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަރުކާރާށް ވަނީ އާމްދަނީގެ ގޮތުގައި 15,028.9 މިލިއަން ރުފިޔާ ލިބިފަ އެވެ. 

މި އަހަރު ސަރުކާރަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އަކީ 29,921.6 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ޖުލައި 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ޓެކުހުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 5,662.8 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 10,853 މިލިއަން ރުފިޔާގެ 52 އިންސައްތަ އެވެ. 

ޓެކްސް ނޫން އެހެން ގޮތް ގޮތުން ސަރުކާރަށް ލިބިފައި ވަނީ 1,331.9 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރު ނަން ޓެކްސް ރެވެނިއުގެ ގޮތުގައި ސަރުކާރަށް ވަނީ 3,233.3 މިލިއަން ރުފިޔާ ލިބިފަ އެވެ. 

މި އަހަރުގެ މިހާތަނަށް ކެޕިޓަލް ރިސީޕްޓްސް ގެ ގޮތުގައި 4.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި 13.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ. 

އޭގެ އިތުރުން ފާއިތުވި އަހަރުގެ މި މުއްދަތުގައި ގްރާންޓްސްގެ ގޮތުގައި 982.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރު ލިބިފައި ވަނީ 31.6 މިލިއަން ރުފިޔާ އެވެ. 

ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާ އިރު، މިއަހަރުގެ މި މުއްދަތުގައި ސަރުކާރުން ކޮށްފައިވާ ހަރަދުތައް ވެސް ދަށެވެ. 

އެގޮތުން ފާއިތުވު އަހަރުގެ މި މުއްދަތުގައި 14,817.5 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް ސަރުކާރުން ހަރަދު ކޮށްފައި ވަނީ 14,641.3 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 10,271.0 މިލިއަން ރުފިޔާ އާއި ކަރެންޓް އެކްސްޕެންޑިޗާގެ ގޮތުގައި 4,370.3 މިލިއަން ރުފިޔާ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއި އެކު ސަރުކާރުން ވަނީ ހަރަދުތައް ކުޑަ ކުރާނެ ކަމަށް ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް