ads
ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި --
ރާއްޖޭގައި ބިދޭސީންނަށް ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އާންމުކޮށްފި
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ހުއްދަ ދިނުމާއި އެ ހުއްދަ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، މަސައްކަތްކުރުމަށް ބިދޭސީންނަށް ވަޒީފާ ދެވޭނެ ގޮތުގެ ގަވައިދު އާންމު ކޮށްފި އެވެ.

ވަޒީފާ އާއި ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދައިފައިވާ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު އާންމުކޮށްފައި ވަނީ މިއަދު އެވެ. 

އެގޮތުން މަސައްކަތްކުރުމަށް ރާއްޖެއަށް ބިދޭސީން ގެންނަ އިރު، މި ގަވައިދާ އެއްގޮތަށް ބިދޭސީން ގެނައުމަށް އިކޮނޮމިކް މިނިސްޓްރީ އިން އިލްތިމާސްކުރެ އެވެ. 

މި ގަވައިދުގެ ދަށުން ބިދޭސީން ރާއްޖެ ގެންނަ ނަމަ އެ މީހާ ރާއްޖެ ގެނައުމުގެ ކުރިން އެމީހާ އަށް ވަޒީފާ ދިން ކަމުގެ ލިޔުމުގެ ގޮތުގައި، "ލެޓާ އޮފް އެޕޮއިންޓްމެންޓް" ހަވާލު ކުރަން ޖެހެ އެވެ. އަދި މި ލިޔުން ވެގެން ދާނީ ދޭސީ މީހާ އާއި ވަޒީފާދޭ ފަރާތާމެދު ސޮއިކުރާ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރަންދެން ވަޒީފާގެ އެއްބަސްވުމަށް ކަމަށް ގަވައިދުގައިވެ އެވެ. 

އޭގެ އިތުރުން ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން އެކްސްޕެޓް އޮންލައިން ސިސްޓަމް ގައި ރަޖިސްޓާ ވާން ޖެހޭނެ ކަމަށް ގަވައިދު ބުނެ އެވެ. އެ ފަރާތަކުން އެކްސްޕެޓް ސިސްޓަމުގައި ރަޖިސްޓަރީވުމަށް ފަހު، އެ ފަރާތެއްގެ ނަމުގައި އެކްސްޕެޓް ސިސްޓަމުގައި މުއާމަލާތްކުރާނެ "ރެޕްރެޒެންޓޭޓިވް" އެއް އައްޔަނު ކުރެވިދާނެ ކަމަށާއި އައްޔަން ކުރާ ރެޕްރެޒެންޓޭޓިވް އަކީ ދިއްވެއްސަކު ކަމުގައި ވާން ވާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. 

މިއަދު ގެ އާންމުކުރި ގަވައިދުގެ ދަށުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެވޭނީ ބިދޭސީން ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށް ފަހު އެވެ. އެގޮތުން މި ކޯޓާ އަށް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށާއި ކޮންމެ ފަރުދަކަށް، ސަރުކާރުގެ ކޮންމެ އޮފީހަކަށް އަދި ގާނޫނީ ކޮންމެ ޝަހުސަކަށް ވެސް އެދެވޭނެ އެވެ.އަދި ގަވައިދުގެ ދަށުން ދޫކޮށްފައިވާ ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ހޯދުމެއް ނެތި، ގަވައިދާ ހިލާފަށް ބިދޭސީއަކު ވަޒީފާގައި ގެންގުޅުމަކީ ނުވަތަ ބިދޭސީއަކު ލައްވައި މަސައްކަތެއް ކުރުވުމަކީ މަނާކަމެއް ކަމަށް ގަވައިދުގައިވެ އެވެ. 

ކޯޓާފީގެ ގޮތުގައި ދައްކަންޖެހޭނީ ކޮންމެ އަހަރަކު 2،000 ރުފިޔާ އެވެ.

މިއަދު އާންމު ކުރި ގަވައިދުގައި ޑިޕޮސިޓް ފައިސާ ބަހައްޓަން ޖެހޭ އުސޫލާއި އެ ފައިސާ ރިފަންޑު ކުރެވޭނެ ހާލަތްތައް ބަޔާން ކޮށްފައިވާ އިރު، އެ ފައިސާ ބޭނުން ކުރާނެ އުސޫލުވެސް ބަޔާންކޮށްފައިވެ އެވެ.

ބިދޭސީ މުވައްޒަފުން ރާއްޖެ އައުމުން އެ މިހަކު ރާއްޖެ އެތެރެވާ ބަނދަރަކަށް ވަޒީފާ ދޭ ފަރާތުން ގޮސް އެ މުވައްޒަފާ ހަވާލުވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. އަދި ވަޒީފާދޭ ފަރާތުން އެމީހަކަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭން ޖެހޭން ކަމަށާއި އެކޮމޮޑޭޝަން ހަމަޖައްސައިދޭ އިރު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިދޭން ޖެހެ އެވެ.

މަސައްކަތް ކުރަން ރާއްޖެ  ގެނެސްފައިވާ ބިދޭސީއަކު މަސައްކަތްކުރަނީ މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ނުވަތަ ސިޓީއެއްގައި ނަމަ، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން، އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަން ގަވައިދު ބުނެ އެވެ. އަދި ބިދޭސީ މީހާ މަސައްކަތްކުރަނީ މީހުން ދިރިނޫޅޭ ރަށެއްގައި ނަމަ، ނުވަތަ ސިނާއީ ރަށެއްގައި ނަމަ، އެ ރަށަކާ އެންމެ ކައިރީގައިވާ، މީހުން ދިރިއުޅޭ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ބަލަހައްޓާ ދަފުތަރުގައި، ވަޒީފާދޭ ފަރާތުން އެ ބިދޭސީއަކު ރަޖިސްޓަރީ ކުރަން ވެސް ގަވައިދު ބުނެ އެވެ. 

ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެގެން ނުވަތަ ވަޒީފާދޭ ފަރާތާއި ބިދޭސީ މުވައްޒަފާ ދެފަރާތުން އެއްބަސްވެގެން އަނބުރާ ގައުމަށް ފޮނުވައިލެވޭ ބިދޭސީން ފުރުވައިލުމުގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ ވަޒީފާދޭ ފަރާތުން ކަމަށް ގަވައިދުގައި ބުނެ އެވެ.

ގަވާއިދުގައި ވާގޮތުން، ބިދޭސީއަކު ވަޒީފާދޭ ފަރާތަށް ފިލައިފި ނަމަ، ނުވަތަ އޭނާ ގެއްލިއްޖެ ނަމަ، އެކަން އެންގުމަށް ކަނޑައަޅައިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އިދާރާއަކަށް، ވަޒީފާދޭ ފަރާތުން އަންގަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް