ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް---
މިދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ވަކިކުރުމަކީ އިގްތިސޯދަށް ފައިދާ ހުރި ކަމެއް ނޫން: ޓްރޭޑް ޔޫނިއަން
މިނާޒުކު ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމަކީ ގައުމުގެ އިގްތިސޯދަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނެފި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވާ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޓްރޭޑް ޔޫނިއަނުން ބުނީ ގައުމަށް މިހާ ނާޒުކު ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރު މަގާމުން ދުރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށެވެ. 

އެ ޔޫނިއަނުން ބުނީ ރާއްޖޭގެ އިގްތިސޯދީ މިސްރާބު މިވަގުތު ހުރީ ރަނގަޅަށް ކަމަށް އެ ޔޫނިއަނުން ގަބޫލުކުރާ ކަމަށާއި އެގޮތުން އިގްތިސޯދީ ގޮތުން މުޅި ދުނިޔެ މިވަގުތު ތަހައްމަލުކުރަމުންދާ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިވެރިންނާއި ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިއްމު މަސައްކަތްތައް ވަޅުޖެހިގެން ނުދިއުމަށް ވެސް އިލްތިމާސްކުރާ ކަމަށެވެ. 

އޭގެ އިތުރުން، ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން މިނިސްޓަރު ފައްޔާޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ އެކަމަށް އެ ޔޫނިއަނުން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

"އަދި މި މަސައްކަތް ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އެ މަސައްކަތްތަކަށް މި ޔޫނިއަނުގެ ފުރިހަމަ ތާއީދު އޮތް ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން،" މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ބުނެ އެވެ.

މިނިސްޓަރު ފައްޔާޒު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ފެށުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވަނީ މިނިސްޓަރުގެ ދިފާއުގައި ތެދުވެފަ އެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް އާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ކިނބިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޝިޒް އަދި ގަމު ދާއިރާ މެމްބަރު މުހައްމަދު ވިސާމް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު ވެސް ވަނީ ހިމެނެ އެވެ. 

އޭގެ އިތުރުން ވެސް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އަންނަނީ މިނިސްޓަރަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް