ads
މީރާގެ ހެޑް އޮފީސް--
ދެވަނަ ކުއަޓާގައި މީރާ އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް
މި އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެވަނަ ކުއާޓާގައި މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 992.27 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރު މި ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނު 3.99 ބިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 75.1 އިންސައްތަ ދަށް އަދަދެކެވެ.

ފާއިތުވި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޓެކުހުގެ ހުރިހާ އާމްދަނީތައް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ކަމަށް މީރާ އިން ފާހަގަކުރެ އެވެ. އެގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ޓެކުހުން މީރާ އަށް ލިބިފައި ވަނީ 670.86 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވު އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު، 79.8 އިންސައްތަ ދަށް އަދަދެކެވެ. 

އޭގެ އިތުރުން މިއަހަރުގެ ދެ ވަނަ ކުއާޓާގައި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން މީރާ އަށް ލިބިފައި ވަނީ 321.86 މިލިއަން ރުފިޔާ ކަމަށް މީރާ އިން ބުނެ އެވެ. މިއީ 2019 ވަނަ އަހަރު ލިބުނު އާމްދަނީ އާއި އަޅާ ބަލާއިރު، 60.3 އިންސައްތަ ދަށް އަދަދެކެވެ. 

މި އަހަރުގެ ދެވަނަ ކުއާޓާގައި ޑޮލަރުން މިރާ އަށް ލިބިފައި ވަނީ 36.76 މިލިއަން ޑޮލަރެވެ. މިއީ ފާއިތުވި އަހަރު ލިބުނު އަދަދަށް ވުރެ 77.1 އިންސައްތަ ދަށް އަދަދެކެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓެކްސް އަދި ޓެކްސް ނޫން ފީތައް ދައްކަންޖެހޭ ސުންގަނޑި މީރާ އިން ވަނީ މިއަހަރުގެ ތިން ވަަނަ ކުއާޓާއަށް ފަސްކޮށްފަ އެވެ. 

ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވެފައި ވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް، ރިސޯޓްތަކުގެ ކުލި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ބަލައިގަތް އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށް މީރާ އިން ބުނެ އެވެ. 

މީރާ އިން ބުނީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ފަތުރުވެރިން އައުން ހުއްޓުމަށް އައުމާއެކު، ފަތުރުވެރިކަމުން ހޯދާ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ވާކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރަމުންދާ ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމް އިން ރިސޯޓްތަކުގެ ކުލި ދެއްކުން މި އަންނަ އަހަރަށް ފަސްކުރުމުން ވެސް އާމްދަނީ އަށް އަސަރުކޮށްފައި ވާކަމަށް މީރާ އިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް