ads
ޒަމާނީ ދަނޑުވެރިކަން ފަށަނީ--
އެޗްޑީސީގެ މުހިންމު މަސައްކަތެއް: ޒަމާނީ ދަނޑުވެރިކަމާއި އެކު ފުޑް ސެކިއުރިޓީ ވަރުގަދަ ކުރަނީ!
މަސްވެރިކަމާއި ދަނޑުވެރި ކަމަކީ ޒަމާނުއްސުރެ ދިވެހިން، ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ނުވަތަ ފުޑް ސެކިއުރިޓީގެ ގޮތުގައި ކުރާ މުހިންމު މަސައްކަތެކެވެ. އަދި އެއީ އިގްތިސާދީ ގޮތުން ވެސް ރަށްރަށަށް އެތައް ކުރިއެރުމެއް ގެނެސްދިން މަސައްކަތްތަކެވެ. ފަހަކަށް އައިސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށްވެ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިންޑަސްޓްރީގެ ކުރިއެރުން ހުއްޓުނެވެ. އެކަމަކު ޓެކްނޮލިޖީގެ ކުރިއެރުންތަކާއި އެކު އަލުން ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރަމުން އަންނަ މަންޒަރު އެބަ ފެނެއެވެ.

އެގޮތުން އަންނަމުންދާ ކުރިއެރުންތަކާއި އެކު ބައެއް ރަށްރަށް ވަނީ ވަކި ވައްތަރުތަކަށް ޚާއްސަ ވެފަ އެވެ. މިސާލަކަށް މަޝްހޫރު ކަނޑޫދޫ މިރުހާއި، ތޮއްޑޫ ކަރާ އަދި ފުވައްމުލަކު އަލަ ފާހަގަ ކުރެވެ އެވެ. ރާއްޖެ އަށް އެތެރެކޮށް ވިއްކާ ތަކެއްޗަށް ވުރެ، ރަށްރަށުގައި ހައްދައިގެން ބާޒާރަށް ނެރޭ އެއްޗެހީގެ ކޮލެޓީ ރަނގަޅުވެފައި، ދިވެހިންނަށް ކަމުދެ އެވެ. އޭގެ ހެތްކަކީ އެ ތަކެތީގެ އަގު ބާޒާރުގައި، އެތެރެކުރާ ސާމާނަށް ވުރެ ބޮޑު ވެފައި، ޑިމާންޑް ވެސް ބޮޑު ވުމެވެ.

އާބަން ފާމިން: ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެޅޭ ލައިފް ލައިނެއް! 

އާބަން ފާމިން އަކީ ކާނާގެ ބާވަތްތައް އުފައްދައި، ގޭގައި ބޭނުން ކުރުމުގެ އިތުރުން ވިއްކަން ބާޒާރަށް ނެރި އޭގެން އާމްދަނީ ހޯދުމެވެ. މިއީ ވަކިވަކި ފަރުދުންނަށް ނުވަތަ ކޮމިއުނިޓީތައް ގުޅިގެން ވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން އާބަން ފާމިންގެ އެންމެ މުހިންމު އެއް ފަލްސަފާ އަކީ ކުދި ޖާގަތަކުގައި، ވީހާވެސް ގިނައިން ކާނާ އުފެއްދޭނެ ގޮތްތައް މަގުފަހި ކުރުވުމެވެ. 

ކުރިން ދިވެހިން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އާންމުކޮށް ގެންގުޅުނީ ގޭގައި ބާވަތްތައް ހައްދައިގެން، އަމިއްލަ އަށް ބޭނުން ކުރާ އުސޫލެވެ. އަދި ފަހުން ގޭދޮށު މީހުން ގުޅިގެން އެފަދަ ކަންކަން ކުރަން ފެށި އެވެ. އަދި އެގޮތުން އެކަން ފުޅާވެ، އާމްދަނީ ލިބޭނެ ވަސީލަތަކަށް އެކަން ބަދަލުވެގެން ދިޔައީ އެވެ. އެކަމަކު މާލޭގެ ތޮއްޖެހުން ބޮޑުވެ އެ އާދަތައް ނެތި ދިޔައީ އެވެ. އެހެންކަމުން ތަރައްގީ ކުރަމުން އަންނަ ސިޓީތަކުގައި މިފަދަ ފުރުސަތުތައް ފަހިކޮށް، އެފަދަ ރަނގަޅު އާދަތައް ދިރުވުމަށް ފުރުސަތު ފަހިކޮށްދިނުމަކީ އިންތިހާ އަށް މުހިންމު ކަމެކެވެ.

ހުޅުމާލެ - އާބަން ފާމިން އަށް ފައްކާ ކުރަނީ:

ހުޅުމާލެ އަކީ މާލޭގެ ތޮއްޖެހުމަށް ހައްލެއް ގެނައުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ. އެގޮތުން ހުޅުމާލެ ޑިޒައިން ކޮށްފައި ވަނީ އެ ރަށުގައި އުޅޭ މީހުންނަށް ހަމަޖެހިލައިގެން އުޅެވޭނެ ފަދަ ރަނގަޅު މާހައުލެއް ބިނާކުރުމަށެވެ. އެ ވިސްނުމުގައި ހުޅުމާލެ ތަރައްގީ ކުރަމުން އަންނަ އިރު، ޕާކު ތަކާއި، ހުސް ސަރަހައްދުތައް ހިމަނާފައި ވެއެވެ. އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ތޮއްޖެހުމުގެ މައްސަލަތައް ކުޑަކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަބަދު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެޗްޑީސީން މިހާރު ވަނީ ކޮމިއުނިޓީ ގާޑަނިން ޕްރޮގްރާމެއް ފަށައިފަ އެވެ. މިއީ އަވައްޓެރިންގެ ގުޅުން ރަނގަޅުވެ، ހުޅުމާލޭގައި ދިރިއުޅުމަށް އެކި ރަށްރަށުން ހިޖުރަކޮށްފައިވާ މީހުންގެ ސޯޝަލް ކަނެކްޝަން އިތުރަށް ވަރުގަދަ ވެގެން ދާނެ ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

your imageއާބަން ފާމިން ޕްރޮޖެކްޓްގެ ސައިޓް މެޕް--

ކޮވިޑް-19 އާ ގުޅިގެން އެޗްޑީސީން ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެންމެން ގުޅިގެން ކާނާގެ ބާވަތްތައް ހައްދައި، ދަތީގައި އުޅޭ ފަރާތްތަކަށް އެކަމުން ލުއިކަން ހޯދައި ދިނުމަށް އެޗްޑީސީން ނިންމި އެވެ. ކާނާގެ ބާވަތްތައް ހެއްދުމަށް އިސްކަން ދޭގޮތަށް ބަދަލު ކުރުމާއި އެކު ސަރުކާރުގެ އެކްޝަން ޕްލޭންގެ ނޫ އިގްތިސާދުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތްތަކުގެ އެގްރިކަލްޗާ ބައިގެ ތެރެއަށް އެޗްޑީސީގެ މި ޕްރޮގްރާމް ވަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ހާއްސަކޮށް އެގްރި-ސެންޓަރުތަކާއި، ކާނާ އުފެއްދުން ސްޓޭންޑަޑައިޒްކޮށް، އުފައްދާ ބާވަތްތަކުގެ ކޮލެޓީ ރަނގަޅު ކުރުމުގެ އިިތުރުން އާބަން ގާޑަން މޮޑެލްތަކާއި، އެގްރިކަލްޗަރަލް ޑޭޓާ ނެގުން ހަރުދަނާ ކުރެވި ރިސޯސް އެލޮކޭޓް ކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މި ޕްރޮގްރާމްގެ ސަބަބުން ކުރިއެރުން އަންނާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

އޭގެ އިތުރުން މި ޕްރޮގްރާމާއި އެކު ވިޔަފާރިވެރިން އުފެއްދުމަށް ޓިވެޓާއި މަސައްކަތް ކުރާނެ އެވެ. އެގޮތުން އަލަށް ފަށާ ވިޔަފާރިތަކަށް ޓެކްނޮލޮޖީ އިންޓަގްރޭޓް ކޮށްގެން ކުރިއަށް ދިއުމަށް ޕްލެޓްފޯމެއް ފަހިކޮށްދޭނެ އެވެ. އަދި އޭގެ ސަބަބުން މި ދާއިރާގެ ހައްލުތައް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތްތައް ފޯރުކޮށްދެވި، އިގްތިސާދީ ގޮތުން ވެސް ކުރިއެރުން ލިބިގެން އަންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ކޮވިޑް-19 އާ ގުޅިގެން އަންނަ އިމްޕެކްޓް ކުޑަ ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމް ފުރަތަމަ ފަށަން ހަމަޖެހިފައި އޮތީ ޕާކެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ހުޅުމާލޭ ރައްޔިތުން ކޮމިއުނިޓީ ގާޑަންތައް ހެދުމަށް ޝައުގުވެރިކަން ހުރުމުން، މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ މެދުގައި ގަސް އިންދުމަށް އެއް ވަރަކަށް ބިން ތައް ބަހާލަނީ އެވެ. އެގޮތަށް ކާނާ ހައްދާއިރު، އެންމެން ގުޅިގެން މަސައްކަތް ކޮށް، ސަސްޓެއިނަބަލް އާބަން ޕްރެކްޓިސްތައް ގެންގުޅެން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. މި ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަން ކުރަން ދޫކުރާނީ 600 އަކަފޫޓުގެ ލޮޓް ތަކެއް ކަމަށާއި، އެޗްޑީސީން އެ ސަރަހައްދުތަކުގައި ޓޫލް ޝެޑަކާއި، ސީޑް އިންކިއުބޭޓާ ޝެޑެއްގެ އިތުރުން ފާހާނާ އާއި ގަސްކާނާ ވިއްކާ ތަނެއް އަދި މީހުން މަޖާކޮށްލަން ތިބޭނެ ޖާގަ ހަދަން ވަނީ ޕްލޭން ކޮށްފަ އެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ ތެރެއިން ދަނޑު ހެއްދުމަށް 48 މީހަކަށް ބިން ދޫކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭނީ 40 ޕަސެންޓް އަންހެނުންނާއި، 30 ޕަސެންޓް މީހުން ނަގާނީ ޒުވާނެއްގެ އިތުރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހެއް ހިމެނޭ ގޮތަށް ގްރޫޕެއް ހަދައިގެންނެވެ. ބާކީ 30 ޕަސެންޓް އަކީ ޖެނަރަލް ކޮށް ހޮވާލެވޭ ބައެއް ކަމަށް އެޗްޑީސީން ބުނެ އެވެ. މި ޕްރޮޖެކްޓަށް ފުރުސަތު ލިބޭ މީހުންނަށް ފިޝަރީޒް މިނިސްޓްރީން، އެ ބަޔަކު އިހުތިޔާރު ކުރާ ބާވަތްތަކެއްގެ ގަސްތައް ހެއްދުމާ ގުޅޭގޮތުން ޓްރެއިނިން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް މިހާރު ގޮސްފައި އޮތް ހިސާބު!

މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ފެށިފަ އެވެ. އެގޮތުން ހުޅުމާލޭގައި އުޅޭ މީހުން ކުރިން ހުއްދަ ހޯދުމަކާއި ނުލާ އިންދާފައި ހުރި ގަސްތައް ނަގައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ ސަރަހައްދު ހުސްކުރުމަށް ހަތް ދުވަހުގެ ނޯޓިސް އެޗްޑީސީން އޭރު ދިނެވެ. އަދި މިހާރު ވަނީ މި ޕްރޮޖެކްޓް ހިންގާ ސަރަހައްދުތައް ވަކި ކުރުމަށް ފެންސް ޖަހަން ފަށައިފަ އެވެ.

އެޗްޑީސީން ބުނީ ލޮޓްތައް ވަކިކޮށް އެހެން މަސައްކަތްތައް ނިންމައި، ހޮވޭ ދަނޑުވެރިންނަށް ކުރިއަށް މަސައްކަތް ފެށި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ބިން ހަވާލު ކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓު ފެށުމަށް އެޗްޑީސީން އަމަލީ މަސައްކަތްތައް ފަށާފައިވާއިރު، ބިން ހޯދުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދި ކުރިމަތި ލުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެޗްޑީސީން އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް