ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން.
އަމީން އަމިއްލަ އަށް މިނިސްޓަރުގެ މަސްއޫލިއްޔަތުން ދުރުވެވިދާނެތަ؟
އޮޑިޓް ރިޕޯޓާއި އެކު ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފަޅާ އެރުމާއި ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަގާމުގެ މައްސޫލިއްޔަތުން ދުރަށް ޖެހި، އެކަން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީ އަކުން ދަންނަވައިފަ އެވެ. އެކަމަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަ އަށް، މަގާމުގެ މަސްއޫލިއްޔަތުން ދުރަށް ޖެހެވިދާނެ ހެއްޔެވެ؟

އަމީން އަމިއްލަ އަށް މައްސޫލިއްޔަތުން ދުރަށް ޖެހުމަށް ރައީސް އަށް ފޮނުވި ސިޓީގައި އިބާރާތް ކޮށްފައިވާ ގޮތަށް ބަލާއިރު، އޭގައި ގާނޫނީ މައްސަލަތަކެއް ހުރިކަން ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރައްވައެވެ. ވަޒީރަކަށް މަގާމުގެ މައްސޫލިއްޔަތުން އަމިއްލަ އަށް ދުރު ވެވޭނެކަމަށް ވަނީ ޗުއްޓީއެއް ނެގުމުން ނުވަތަ މަގާމުން އިސްތިއުފާ ދިނުމުން ކަމަށް ވެއެވެ.

"ހުވަޔާއި އެކު މަގާމަށް އައްޔަންކޮށް، މަޖިލީހުން ރުހުން ދީފައި ތިބޭ ވަޒީރުން އަމިއްލަ އަމިއްލަ އަށް މަސްއޫލިއްޔަތުން ދުރަށް ނުދެވޭނެ. މަގާމުގެ މައްސޫލިއްޔަތުން އެކަހެރި ވެވޭނީ ލޯފުލް ޗުއްޓީއަކުން ނުވަތަ އިސްތިއުފާ ދީގެން އެކަނި،" ނަން ނުޖަހާ ގޮތަށް މައުލޫމާތު ދެއްވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި ވަޒީރަކަށް އަމިއްލަ އަށް މަގާމުގެ މައްސޫލިއްޔަތުން ދުރުވެވިދާނެ ކަމަށް ބަޔާންކޮށްފައި ނެތެވެ. އަދި އެއީ ބޭރު ގައުމުތަކުގައި ވެސް ކަން ހިނގާ ގޮތެއް ނޫނެވެ.

"އަމިއްލަ އަށް ސެލްފް ސަސްޕެންޝަނަކަށް ދެވޭނެ އެއްވެސް ހަމައެއް ގާނޫނު އަސާސީއަކު ނެތް. އެ ސިޓީގައި ބުނެފައި އޮތީ މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތުން އެކަހެރިވުމަށް ގަސްތުކުރާ ކަމަށް. އެކަމަކު އަސްލު އޭގައި އޮންނަން ޖެހޭނީ ހެލްތު މިނިސްޓަރުގެ މައްސޫލިއްޔަތުން އެކަހެރި ކޮށްދެއްވުމަށް އެދޭކަމަށް،" ވަކީލު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީން އަމިއްލަ އަށް މަގާމުގެ މަސްއޫލިއްޔަތުން ދުރު ވުމުން، މިނިސްޓްރީގެ ހިންގުން ހަމަޖެހިގެން ދާނެ ގޮތާއި މެދު ސުވާލު އުފެދޭ ކަމަށް ކުރިން ވާހަކަ ދެއްކި ގާނޫނީ ވަކީލު ވިދާޅުވި އެވެ. އެކަމަކު މަސްއޫލިއްޔަތުން އެކަހެރި ކޮށްދެއްވުމަށް ރައީސް އަށް ދެންނެވުމުން، ރައީސް އެކަން ހަމަޖައްސަވާއިރު އެ ވުޒާރާއެއްގެ ހިންގުން ކަނޑައެޅޭ އެހެން ބޭފުޅަކަށް ހަވާލު ކޮށް، ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ބައްލަވާ ވަޒީރަކު ދިގު ޗުއްޓީ އަކަށް ވަޑައިގަންނަވާނަމަ، ރައީސް އެ ވުޒާރާ ހިންގުން އެހެން ވަޒީރަކަށް ހަވާލުކުރާ އުސޫލަށް. އެ އުސޫލުގެ ތެރެއިން ވަޒީރަކު މަސްއޫލިއްޔަތުން އެކަހެރި ކޮށްދޭން އެދުމުން އެހެން ބޭފުޅަކު ހަމަޖައްސަން ވަގުތު ލިބޭނެ. އެކަމަކު މިހާރު ހަމަ ކުއްލިޔަކަށް ސިޓީއެއް ފޮނުވާފައި އަމިއްލަ އަށް މި ބުނަނީ މައްސޫލިއްޔަތުން ދުރުވާން ގަސްތުކޮށްފީމޭ. އެއީ ގާނޫނު ދަންނަ ހަމައެއް ނޫން،" އިތުރު ވަކީލަކު ވިދާޅުވި އެވެ.

"އެ ސިޓީ ކިޔާލީމާ ބައެއްފަހަރަށް ހީވޭ އެއީ ރައީސް އޮފީހުން އަންގައިގެން އަމީން ފޮނުވި ސިޓީއެކޭ. އެހެން ވެއްޖެއްޔާ މިއީ ކޮންސްޓްރަކްޓިވް ޑިސްމިސަލް [އިސްތިއުފާ ދޭން ބާރު އެޅުމަށް މަގާމަށް ގެންނަ ބަދަލު] އެއް،"

އާންމު ގޮތެއްގައި ބޭރު ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާނަމަ މިފަދަ ބޮޑެތި މައްސަލަތަކުގައި މަގާމުން އިސްތިއުފާ ދެއްވާނެ އެވެ. ވަރަށް މަދު ހާލަތްތަކެއްގައި އިސްތިއުފާ ދިނުމުގެ ބަދަލުގައި އެކަމެއް ބަލައި ނިމެންދެން، މަގާމުގެ މަސްއޫލިއްޔަތުން ދުރުކޮށްދިނުމަށް އެދިފައި އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގެ ގާނޫނީ ނިޒާމު ހަަމަޖެހިފައިވާގޮތުންނާއި އަމަލު ކުރަމުންދާގޮތަށް ބަލާއިރު އަމީންގެ އެ އަމަލަކީ ގާނޫނު ދަންނަ ކަމެއް ކަމަކަން ނުވެ އެވެ. ގާނޫނު ނުދަންނަ ކަމެއް ކުރި ނަމަ އަމީން އެ ކުރެއްވީ ގާނޫނުން ބޭރު އަމަލެއްތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް