ads
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް--
އެމްއެމްއޭ ގެ ގަވަރުނަރު ވަކިކުރުމަށް ޖާބިރު ގޮވާލައިފި
މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ވަގުތުން ވަގުތަށް ވަކިކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށައެޅުއްވި ކުއްލި މައްސަލައެއްގައި ވިދާޅުވެފައި ވަނީ މިވަގުތު ދިވެހި އިގްތިސާދު އަލުން އިއާދަކޮށް ދިވެހި ރައްޔިތުންނަށް މާލީގޮތުން ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލެއް ގެނެވޭނީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުރި އަލީ ހާޝިމް މަގާމުން ވަކި ކުރައްވައިގެން ކަމަށެވެ. 

އަދި ދިވެހި ފައިސާގެ އަގު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ބޭރުގެ ފައިސާ ގަނެވިއްކޭނެ ފަސޭހަ މަގެއް ހޯދޭނީ ވެސް އަލީ ހާޝިމް ގަވަރުނަރުގެ މަގާމުން ވަކިކޮށްގެން ކަމަށް ވާތީ އެކަމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށައަޅާކަމަށް ޖާބިރު ވިދާޅުވި އެވެ. 

ޖާބިރު ވަނީ އެ މައްސަލަ ހުށައަޅަމުން އަލީ ހާޝިމް އަކީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނަށް ގާބިލު ބޭފުޅެއް ނޫންކަމަށް ވިދާޅުވެފަ އެވެ. 

ޖާބިރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ބޭރުގައުމުތަކުން އިންވެސްޓްކޮށްގެންނާއި ބޭރު ގައުމުތަކުން މުދާ އެކްސްޕޯޓް ކުރުމުގެ މައްޗަށް ކަމަށް ފާހަގަކޮށްފަ އެވެ. އަދި މިވަގުތު ވެސް ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ރާއްޖެ އިން ބޭރުގެ ގިނަ ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރުމުންދާ ކަމަށް ވެސް ޖާބިރު ފާހަގަކުރެއްވި އެވެ. 

ޖާބިރު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި ދިވެހި އިގްތިސާދު ނަގަހައްޓަން ތިބި ވުޒާރާތަކާއި އެމްއެމްއޭ އާއި ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބޭންކުތަކުގެ ނާގާބިލިއްޔަތުކަމުގެ ސަބަބުންނާއި ރާއްޖެއަކީ ދިވެހި ރުފިޔާގެ ނޫޓު ޗާޕުކޮށްގެން ހިންގާ ގައުމަކަށްވެފައި، އެ ނޫޓުތައް އެހެން ގައުމުތަކުގައި ބޭނުން ނުކުކުރެވުމުގެ ސަބަބުން ދިވެހިންނަށް ބޭރު ފައިސާ، ވަކިން ހާއްސަ ގޮތެއްގައި ޑޮލަރު ގަތުމަށް މަޖުބޫރުވެފައިވާ ކަން ފާހަގަކޮށްފަ އެވެ. 

އެހެންކަމުން ޑޮލަރުގެ އަގަކީ ބޭންކް އޮފް މޯލްޑިވްސް ގައި 15.42 ރުފިޔާކަމުގައި ކަނޑައެޅިފައިވާ ނަމަވެސް، ޑޮލަރު ގަނެވިއްކުމުގައި ކަޅު ބާޒާރެއް އުފެދި، އެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިއަދު 20 ރުފިޔާއަށް އިތުރުވެފައިވާކަން ފާހަގަކޮށް ޖާބިރު ވަނީ މިއީ ދިވެހި ރައްޔިތުންގެ ފޯރުންތެރިކަމަށް ގޮންޖަހާ، ރައްޔިތުން ބިކަވެ، ނިކަމެތިވުމަށް ހުށަހެޅިގެންދާ ކަމެއް ކަމަށް ފާހަގަކޮށްފަ އެވެ. 

މިކަމުގެ ފުރިހަމަ ޒިންމާ އެމްއެމްއޭ އިން ނަގަންޖެހޭނެ ކަމަށާއި ރާއްޖޭގެ ސެންޓްރަލް ބޭންކް ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ބޭފުޅާ ހުންނެވީ ކަރަންޓީނުގައި ކަމުގައި ވިދާޅުވެ، އިގްތިސާދު އަނޑިއަޅާލައިފައިވާ މި ދަނޑިވަޅުގައި އެބޭފުޅާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް