ads
މެމްބަރު ޔައުގޫބް--
އެދެފާ ކުޅަ ވައްކަމާ އަހަނެ މިއޮއްތޫ ފަޑައިއަރުވައިފައި، މިއޮއްތޫ ވަގެ ހިފައިފައި: ޔައުގޫބް
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން ކެންޑިޑޭޓުންގެ ބަހުސްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ، އޭނާއަކީ އޮޑިޓަރެއް ކަމަށާއި މަޖިލީހަށް ކުރިމަތިލެއްވީ ވަގުން ހިފުމަށް ކަމަށް ވިދާޅުވި ވާހަކައަށް ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް އެކަމަށް ރައްދު ދެއްވައިފި އެވެ.

ކޮވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ އޮޑިޓް ރިޕޯޓް އާންމުކުރުމާއެކު ޔައުގޫބަށް ފާޑުކިޔުންތައް ސޯޝަލް މީޑިއާގައި އިތުރުވެފައިވާތީ އޭނާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެކަމާއި ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. 

މަޖިލީހުގައި ވާހަކަ ދައްކަވަން ފައްޓަވަމުން ޔައުގޫބް މިއަދު ވެސް ވިދާޅުވެފައި ވަނީ އޭނާއަކީ އޮޑިޓަރެއް ކަމަށެވެ. އަދި އޭނާ ކިޔެވީ ވަގުން ހިފުން ކަމަށާއި އަދި ކުރަމުންދާނީ ވެސް އެކަން ކަމަށެވެ. ޔައުގޫބް ވިދާޅުވީ ވަގުން ހިފުމުގެ މަސައްކަތް ކުރާނީ އެއްވެސް ޕާޓީއަކަށް ވެސް އަދި އާއިލާގެ މެމްބަރަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ. 

"މި ސަރުކާރެކެ ކުރީ ސަރުކާރެކެ އެއްވެސް ސަރުކާރެކެ ނުބަލައި އެއްވެސް ތަފާތަކުޅައުމެކެ ނުބަލާއި ގާތެ ތިމާގެ އެކެބަނޑު އެކެބަފައި މަންމާޓެ ވިޔަސް އެއްވެސް ދީލެކެ ނުދީ އިރާދަކެރެއްވީފެހެ މިކަމާ ކުރިއައްނަޓެ އެރަންނަން،" ޔައުގޫބް ވިދާޅުވި އެވެ. 

ޔައުގޫބް އިތުރަށް ވިދާޅުވީ އޭނާއާ ދެކޮޅަށް ކިތަންމެ ބަޔަކު ނިކުތް ނަމަވެސް އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އަދި ޖެހިލުން ވުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި މަޑުންހުރީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަކަން ފާހަގަކުރައްވާ ޔައުގޫބް ވަނީ އޭނާ މަޑުން ހުންނެވި ސަބަބު ވެސް ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ ބެލުމަށް ފަހު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓުގައި އޮތީ ވެންޓިލޭޓަރު ގެނައުމުގައި މައްސަލައެއް ނެތްކަން ކަމަށެވެ. އަދި އޭގެ ފަހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަޖިލީހުގަ އާއި އެކި ފޯރަމްތަކުގައި ވެސް އެ މަސައްކަތަކީ ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަ މަަސައްކަތެއް ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ. 

ޔައުގޫބް އިތުރަށް ވިދާޅުވީ، ޑަބްލިއުއެޗްއޯއަކީ ވަރަށް ގަދަރާއި އިހުތިރާމު ކުރާ ޖަމިއްޔާއެއް ކަމަށާއި އެހެންކަމުން އެތަނާއި ގުޅިގެން މިވަރުގެ ބޮޑު ވައްކަމެއް ކޮށްފާނެ ކަމަށް އޭނާއަށް ވެސް ގަބޫލުކުރަން ދަތިވި ކަމަށެވެ. އަދި މާލިއްޔަތު ކޮމެޓީގެ މެމްބަރުންނަށް ވެސް އެކަން ގަބޫލުކުރަން ދަތިވި ކަމަށެވެ. 

އޭގެ އިތުރުން ޔައުގޫބް ވިދާޅުވީ އެވަގުތު ވެސް ޝައްކުތަކެއް ކުރެވި މާލިއްޔަތު ކޮމިޓީން ނުވަތަ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިސްވެ ތިއްބަވާ ވަނީ އެކަމުގެ އޮޑިޓް ކުރަން ހުށަހަޅާފައި ކަމަށެވެ. 

"އޮޑިޓްކޮށް ބަލައިގެން އައިމެ އަދެ އޭގެ ނަތީޖާއައްކޫ އެދެފައި ކުޅަ ވައްކަމާ އަހަނެ މިއޮއްތޫ ފަޑައިއަރުވައިފައި. މިއޮއްތޫ ވަގެ ހިފައިފައި،"

ޔައުގޫބް އިތުރަށް ވިދާޅުވީ، އެ ދުވަހުވި ވައުދުތައް މިއަދު ފުއްދަމުން އަންނަ ކަމަށާއި އެގޮތުން ލިބުނު ހިތްހަމަޖެހުމަކީ މަޖިލީހުގައި ހުންނަވައިގެން އެ ވައުދު ފުއްދުމުގެ ފުރުސަތު ލިބުން ކަމަށެވެ. 

އެގޮތުން ވަގުން ހިފުމުގައި ކުޑަ ދުލެއް ވެސް ނުދޭނެ ކަމަށާއި އެގޮތުން ޖޭޕީ މެމްބަރެއް ވިޔަސް އަދި ކޯލިޝަނުގައި ހިމެނޭ އެހެން މެމްބަރެއް ކަމުގައި ވިޔަސް ވައްކަން ކޮށްފިނަމަ އެކަމުގައި ދޫނުދޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. 

އޭގެ އިތުރުން ޔައުގޫބް ވަނީ އޭނާއޭ ކިޔައިގެން ކިތަންމެ ވާހަކައެއް ދެއްކިޔަސް ވައްކަމުގައި ނުޖެހޭނެ ކަމަށާއި ހުންނާނީ ސާބިތުކަމާއެކު ކަމަށެވެ. 

ކުރީ ސަރުކާރަށް ފާޑުވިދާޅުވެ، ޔައުގޫބް ވިދާޅުވީ އެ ސަރުކާރާއި މިސަރުކާރުގެ ތަފާތަކީ ކުރީ ސަރުކާރުގައި ވައްކަން ކުރާ މީހާއަށް ހިމާޔަތްދީ ވައްކަންކުރާ ކަމަށް ބުނާ މީހާ އައީ ވަޒީފާއިން ވަކިކުރަމުން ކަމަށެވެ. އެކަމަކު މިއަދުގެ ސަރުކާރުން ވައްކަން ކުރާ މީހާ ޖަލަށް ނުވަތަ އެމީހާއާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި ވައްކަން ކުރި ކަމުގެ ވާހަކަ ދައްކާ މީހާއަށް ހިމާޔަތްދޭނެ ކަމަށެވެ. 

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރުމުގައި މަކަރާއި ހީލާތް ހެދިކަން ފަޅާއެރުމާއެކު ޔައުގޫބަށް ފާޑުކިޔުން އަމާޒުވީ ބިޑް ކޮމިޓީގައި ހިމެނޭ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދަކީ އޭނާގެ އެއްބަފާ ބޭބެގެ ދަރިއެއް ކަމުންނެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ބިޑް ކޮމިޓީން ވަނީ ލިޔެކިޔުންތަކެއް ތައްޔާރުކޮށް އަސްލު ލިޔެކިޔުންތަކެއް ކަމަށް ދެއްކުމަށް މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ތަހުގީގުކުރުމަށް މިވަގުތު ބިޑް ކޮމިޓީގައި ހިމެނޭ އިސްވެރިން ތިއްބެވީ މަސައްކަތުން އެކަހެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް