ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--
ހިޔާނާތްތަކުގައި ޒިންމާވާ މީހުންނާމެދު ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅައިފި
ކޮރަޕްޝަން މަދު ކުރުމަށާއި ހިޔާނާތްތަކުގައި ޒިންމާވާ މީހުންނާއިމެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ޚިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާމެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލާ،ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ މިއަދު ވަނީ ބަހުސްކުރައްވާފައެވެ.

އެމައްސަލަ މަޖިލީހަށް ބަލައިގަތީ 21 މެމްބަރުން ވޯޓު ދެއްވައިގެން ފާސްވުމުންނެވެ.

ކުއްލި މައްސަލާގައި ބުނެފައިވަނީ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ދަށަށްގޮސް، ބަލިމަޑުކަމާއި ތަދުމަޑުކަމުގެތެރޭގައި ރައްޔިތުން ނުހަނު ހާލުގައިޖެހިފައިވާކަމަށެވެ. އަދި ރައްޔިތުން ހާލުގައި ޖެހިފައިވަނިކޮށް ދައުލަތުގެ ސިއްހަތާބެހޭ ވުޒާރާއާއި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި، އޮޑިޓް ރިޕޯޓްތަކުން، އެ ވުޒާރާތަކުން ހިންގާފައިވާ ބޮޑެތި ހިޔާނާތުގެ މައްސަލަތައް ފެންމަތިވެ، ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާކަމަށެވެ.

ކޮވިޑް -19 ގެ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި ބަލިމީހުންނަށް ބޭނުންވާ ހިޔާވަހިކަމާއި ވެންޓިލޭޓަރާއި މާސްކްފަދަ ތަކެތި ހޯދުމުގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން އެތައް މިލިއަން ރުފިޔާގެ ހިޔާނާތް ވެފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކާއި، ރައްޔިތުންގެ ފައިސާއަށް ވެފައިވާ ހިޔާނާތްތަކާއި ދައުލަތުގެ ރިޒާވްގައި ހުރި ލާރިކޮޅު ހުސްވަމުންދިޔައިރުވެސް، ބޮޑެތި އަދަދުތަކުން މާލީ ވުޒާރާއިން ފައިސާ ދޫކުރަމުން ދިޔައިރު، އެމުއާމަލާތްތައް ހިންގާފައިވަނީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށްކަން ސަރުކާރުގެ ވުޒާރާތަކުން ބަލާފައި ނުވާކަމަށެވެ.

އަދި ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާތީއާއި ރައްޔިތުންގެ ފައިސާއިން ކޮރަޕްޝަން ހިންގުމަށް މަގު ފަހިކޮށްދީފައިވާކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ތެރޭގައި ކޮރަޕްޝަން ހިންގި ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ އަމަލެއް ނުހިންގޭނެގޮތެއް ހަދައި، ފިޔަވަޅު އެޅުން އަވަސްކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް