ads
ރައްޔިތުންގެ މަޖިލިސް--
ޖިންސީ ކުށުގެ ގާނޫނަށް އާންމުންގެ ހިޔާލު ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ޖިންސީ ޝިކާރައަށްވާ މީހާގެ އަހުލާގަށް ބަލާ އޭނާއާއި މެދު އެކުށް ނުހިނގާނެ ކަމަށް ކޯޓަށް ކަނޑައަޅަން އޮތްއޮތުން ބަދަލުކުރަން ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. 

މިހާރު މަޖިލީހުގެ ޖެންޑާ ކޮމިޓީން ގާނޫނަށް ބަދަލު ގެނައުމުގެ އިސްލާހު ދިރާސާކުރަމުން އަންނައިރު މަޖިލީހުން މިއަދު ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުން ނުވަތަ ލިޔުމުން މަޖިލީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. 

މީކާއިލް ހުށަހަޅާފައި ވަނީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) (ރ) އަދި (ބ) އުނިކުރުމަށެވެ. 53 ވަނަ މާއްދާގައި ބަޔާންކުރަނީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ދެކޮޅަށް ހެކި ބޭނުންކުރެވިދާނެ ގޮތެވެ. 

އެގޮތުން 53 ވަނަ މާއްދާގެ (ނ) ގައި ވަނީ ކުށުގެ ޝިކާރައަށްވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހްލާގާއި ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާމެދު ހިނގާފައިވާކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭފަދަ ހާލަތެއް ކޯޓަށް ފާހަގަވުމެވެ. 

އަދި (ރ) ގައި ބަޔާންކުރަނީ ކުށުގެ ޝިކާރައަށްވި ފަރާތާއި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ ވާހަކައަށް ރިއާޔަތްކުރާއިރު، ތުހުމަތުކުރެވޭ ކުށް އެގޮތަށް ހިނގާފައިވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާކަމަށް، ކޯޓަށް ގަބޫލުކުރެވުމެވެ.

އޭގެ އިތުރުން (ބ) ގައި ބަޔާންކުރަނީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތާމެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާއާއި ކުށުގެ ޝިކާރައަށްވި ފަރާތާ ދެމެދުއޮތް ގުޅުމަކީ، އަދި އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއަމަލާތްތަކަކީ، ތުހުމަތު ކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމެވެ. 

އެގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި މަގްސަދެެއްގެ ގޮތުގައި ވިދާޅުވީ އެ މާއްދާތައް މިހާރު އޮތްގޮތުން ކުށުގެ ޝިކާރައަށްވާ ފަރާތްތައް ކުށް ރިޕޯޓުކުރުމަށް ޖެހިލުންވެ، ޖިންސީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ފަސޭހަކާއިއެކު މުޖުތަމައަށް ދޫވެގެންދާކަން ފާހަގަކުރެވޭތީ އެފަދަ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖިންސީ ކުށްތައް ހުއްޓުވުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް