ads
ރީކޯ މޫސާ މަނިކު--
މަޖިލިސް ރައީސްގެ އިތުބާރު ވަޒީރުންގެ މަޖިލީހަށް އޮންނާކަށް ނުޖެހޭ: ރީކޯ މޫސަ
ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު އޮތްތޯ ބަލާކަށް ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ވަޒީރުންނަށް ކޮންމެހެން މަޖްލިސް ރައީސްގެ އިތުބާރު އޮންނާކަށް ނުޖެހޭ ކަމަށެވެ.

އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ބޭނުން ގޮތެއް ނުހެދިގެން އެއުޅެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތީމާ ކަމަށް މޫސަ ވިދާޅުވިއެވެ.

ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި މޫސާ މަނިކު ވިދާޅުވީ ރައީސް ނަޝީދު ދައްކަވަން އެއުޅުއްވަނީ އެމަނިކުފާނުގެ އިތުބާރު ނެތިއްޔާ ކެބިނެޓުގައިވެސް ވަޒީރަކަށް ނީންދެވޭނެކަން ކަމަށެވެ. އެހެންނަމަވެސް ކެބިނެޓަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީ އިން ބާރު ލިބިގެން އެކުލަވާލަފައިވާ ތަނެއް ކަމަށާ ކެބިނެޓުގައި އިންނަވާނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ވަޒީރެއް ކަމަށެވެ.

މޫސަ ވިދާޅުވީ ގިނަ ޕާޓީތަކަކުން ވެރިކަން ކުރާ އިރު އެޕާޓީތަކުގައިވެސް ކޮރަޕްޓު މީހުން ތިބޭނެކަން އިނގެން ޖެހޭނެ ކަމަށެވެ. އިންތިހަބު ތެރޭގައި ހުރިހާ ކަމެއް ރަނގަޅުވެފައި ދެން ކޮންމެހެން ވެރިކަން ލިބުނީމާ ރާގު ބަދަލުވެގެން ނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު އެއުޅުއްވަނީ ސީދާ ކެބިނެޓާވެސް ޖެހިވަޑައިގަންނަވަން ކަމަށާ އެމަނިކުފާނު ވަކި ވަޒީރަކާ ނުގަބޫލޭ ސީދާ އެވިދާޅުވަނީ ކަމަށެވެ.

މަޖިލިސް ރައީސްގެ ގޮތުގައި އިނދެގެން ވަޒީރުންނާ މެދު އެގޮތަށް އަމަލުކުރެވިގެން ނުވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދު އެއަމަލުކުރައްވަނީ މަޖިލީހުގެ މެމްބަރުން ނުވަތަ މަޖިލީހުގެ ރައީސްގެ އަހުލާގީ މިންގަނޑާ ބޭރުން ކަމަށް މޫސަ ވިދާޅުވިއެވެ. އެއީ މުޅި ގާނޫނު އަސާސީގެ ރޫހާވެސް ހިލާފަށް ކަމަށް މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުވަތަ ރައީސްގެ ޑީސިޕްލިން އަށްވުރެ ތަންކޮޅެއް ބޭރަށް ވަޑައިގަންނަވަނީ، އޭތި ކަމަކު ނުދާނެ އިނގޭތޯ، ގާނޫނު އަސާސީގެ މުޅި ރޫހު ގެއްލިގެން ދަނީ، ފާޅުގަ ދިމާލަށް އެބުނަނީ ނޫންތޯ، އެވެނި މީހަކަ ނުގަބޫލޭ، އެހެންވީމަ އެމަގާމުގަ އިންނަވައިގެން އެހެން ނުބުނެވޭ، ކެބިނެޓްގަ ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ހިފޭ ބޭފުޅުން.

މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ވަކި ވަޒީރަކާ މެދު މަޖިލީހުގެ ރައީސް އިތުބާރު ކުރައްވާތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭ ކަމަށާ އެފަދަ މައްސަލަ އެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑކޮޅު ދޫކުރައްވާ އެމަނިކުފާނު އިންތިހާބު ވެވަޑައިގަތް ދާއިރާގެ ގޮނޑީގައި އިންނަވައިގެން އެވާހަތައް ދެއްކެވިދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް