ads
މާލޭގެ މަގުމަތި--
އަށެއްގެ ފަހުން އުޅަނދު ނުދުއްވޭ ގޮތަށް ނިންމި ނިންމުމާއެކު އާންމުން ފާޑުކިޔަނީ
މާލޭ ސަރަހައްދުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއެކު އޭޕްރީލް މަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަހުކޮޅާއި ހަމައަށް އެގެނައި ލޮކްޑައުންއާއެކު ފުލް ލޮކްޑައުނެއްގައި އޮތުމުގެ ނަތީޖާ ވަރަށް ސާފެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ދަށް ކުރެވި، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދޭން ފެށިއިރު މިއަދު މިވަނީ އޭރު އެ ކުރި މަސައްކަތް ފެނަށް ވެފަ އެވެ. އެތައް ބަޔަކު ގޭގައި ތިބެ، އެވީ ގުރުބާނީގެ މާބޮޑު ފައިދާއެއް ވެސް މިއަދަކު ނުކުރި އެވެ. މިހާރު މިވަނީ ކޮވިޑް-19 ގެ ދެވަނަ ރާޅެއް ދިވެހިންނާއި އަރާ ހަމަކޮށްފަ އެވެ.

އެ އަދަދުތައް ތިރިކުރުމަށް ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ނިންމާފައި ވަނީ މިރޭ 8:00 އިން ފެށިގެން ފަތިހު 5:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާށެވެ. އެކަމަކު މިއީ އާންމުން އެހާ ގަޔާވާ ފަދަ ނިންމުމަކަށް ނުވި އެވެ. އެކަމެއް އިއުލާން ކުރިއްސުރެ އާންމުން އަންނަނީ އެޗްޕީއޭއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. 

މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ވެސް ދަނީ ހިންގަމުންނެވެ. ރޭ އެ ނިންމި ނިންމުމާއެކު ކާފިއު ހިންގަން ފެށުމުގެ ދެގަޑިއިރު ކުރިން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ އެވެ. އެކަމަކު އުޅަނދު ދުއްވުން މަނަޔަސް 9:30 ވަންދެން ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ވެސް ހުންނާނީ ހުޅުވާފަ އެވެެ. އެކަމަށް ބަދަލެއް ނުގެނެ އެވެ. 

ފާޑުކިޔާ މީހުން ބުނަމުންދަނީ ރޭގަނޑު އަށަކުން ފެށިގެން އެއްގަމު އުނޅަދު ދުއްވުން މަނާކުރިޔަސް އެ ވަގުތުތަކުގައި ފިހާރަތައް ހުޅުވާއި އަދިވެސް އެހެން ހިދުމަތްތައް ދެމުން އަންނަނަމަ ވަކި މީހުން މަގުމަތިން މަދު ނުވާނެ ކަމަށާއި އެހެންކަމުން އެއީ ކޮން ގޮތަކަށް ވިސްނާފާއި ނިންމާފައި އޮތް ނިންމުމެއްތޯ ނުވިސްނޭ ކަމަށެވެ. 

އަދި ކޮވިޑަކީ ހަމައެކަނި އެވަގުތު އުޅޭ އެއްޗެއްތޯ ބުނެ އެޗްޕީއޭގެ އެ ނިންމުަމަށް ފާޑުކިޔާ މީހަކު ބުނީ، އެ ވަގުތު ވެހިކަލްތައް ދުއްވުން މަނާކުރާއިރު އެހެން ވަގުތުތަކުގައި މާލޭގެ މަގުތަކުން މީހުން މަދުނުވާ ކަމަށެވެ. ކެފޭ ރެސްޓޯރަންޓުތައް އޮންނަނީ ފުރިފާއި ކަމަށާއި އެކަން ހައްލުކުރަން ފިޔަވަޅު އެޅުން މާބުއްދިވެރިވާނެ ކަމަށެވެ. 

އިތުރު އެހެން މީހަކު ވަނީ މިފަދަ ފިޔަވަޅުތައް އަޅަންވާނީ ފިހާރަތަކާއި އަދިވެސް އެހެން ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފަހު ކަމަށާއި ނޫންނަމަ އެތައް ބަޔަކު ހިނގާފައި ވެސް ބޭރުގައި އުޅޭނެ ކަމަށް ބުނެފަ އެވެ. 

އެޗްޕީއޭގެ ނިންމުމަށް އެތައް ބަޔަކު ފާޑުކިޔަމުން އަންނައިރު މިދުވަސްވަރަކީ ސޯޝަލް މީޑިއާގައި އެޗްޕީއޭ އަށް އިންތިހާއަށް ފާޑުކިޔުން އަމާޒުކުރަމުންދާ ދުވަސްވަރެކެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލްކުރަން ހަރުކަށި ފިޔަަވަޅު އެޗްޕީއޭ އިން ނާޅާއި ކަމަށް އާންމުން ދެކެވެ. މިމަހުގެ ކުރީކޮޅުގެ ތެރޭގައި މާސްކް އެޅުން މަޖްބޫރުކުރީ ވެސް އެތައް ބަޔަކު އެކަމަށް އާދޭސްކުރަމުންދަނިކޮށެވެ. 

އެ ފިޔަވަޅުތަކުގެ ނަތީޖާ ނުފެންނަނީ ކީއްވެތޯ ސުވާލުކުރުމުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ އެ ފިޔަވަޅެއްގެ ނަތީޖާ ފެންނަން ދެވަރަކަށް ހަފުތާ ވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވެފައިވާއިރު ބަލި ކޮންޓްރޯލްނުކުރެވިގެން އުޅެނީ ކިރިޔާ ވެސް ބަލި ޖެހޭ މީހުންގެ އަދަދު ދަށްވާއިރަށް ކޮންމެވެސް ލުޔެއްދޭން އަވަސްވެ ގަންނާތީ ކަމަށް މީހުން ދެކެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް