ads
މާލޭގެ މަގުމަތި-- ފޮޓޯ: ސީއެންއެމް
އުޅަނދު ދުއްވުން މަނާކުރީ ޒުވާނުން އެއްވެ އުޅުން މަދުކުރަން: އެޗްޕީއޭ
ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރީ ޒުވާނުން އެއްވެ އުޅުން މަދުކުރުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އަށަކުން ފެށިގެން ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއެކު ގިނަ ބައެއްގެ ފަޑުކިޔުން އަމާޒުވެފައިވަނިކޮށް އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ. 

އަދި އެޗްޕީއޭ އިން ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކާ ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް މަތިވެފައި ވާތީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފަ އެވެ.  

އޭގެ އިތުރުން އެޗްޕީއޭ އިން ބުނީ އެ ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމަށާއި އަދި ބަލި ޖެހޭ މީހުންނާއި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ބޭފުޅުންވެސް ބަލިފެތުރުން މަޑު ޖެއްސުމަށް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދެއްވުން،" އެޗްޕީއޭ އިން ބުނެ އެވެ.

އެ ޓްވީޓާއެކު އެޗްޕީއޭ އިން ވަނީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އުމުރުފުރާ ހިމެނޭ ޗާޓެއް ވެސް ހިމަނާފަ އެވެ. 

އެއަށް ބަލާއިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި އެއަށް ފަހު އެންމެ ގިނައީ 31 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. 

އޭގެ އިތުރުން ތިން ވަނައަށް އެންމެ ގިނައިން ކޮވިޑް ޖެހުނު އުމުރުފުރާއަކީ 41 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނެވެ. 

މީގެ ކުރިން ވެސް އެޗްޕީއޭ އިން ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ނަމަވެސް ކޮވިޑް ޖެހޭ ޒުވާނުންގެ އަދަދު ތިރިކުރުމަށް އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފަ އެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން ވަނީ 26 މީހަކު މަރުވެފަ އެވެ. އެ ބަލީގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން މިހާތަނަށް ބަލީގައި މަރުވެފައި ވަނީ 19 ދިވެއްސަކާއި ހަ ބަންގްލަދޭޝް މީހުންގެ އިތުރުން ފިލިޕިންސްގެ މީހެކެވެ.   

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވެސް ވަނީ 6660 އަށް އަރާފަ އެވެ. އަދި ބަލީގައި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 4148 އަށް އަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް