ads
ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު--
ބޮޑެތި ބިން ހުރި މީހުން ވެސް ފްލެޓް ލިބުން މީހުންގެ ލިސްޓުގައި ހުރި: ތޯހާ
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓް ކުރީ ސަރުކާރުން އާންމުކުރި އޭގައި މީހުން ބިންވެރިކަން ވެސް ޔަގީންކޮށްފައި ނުވާ ކަމަށް ފްލެޓް ކޮމިޓީން ބުނެފި އެވެ.

މިއަދު ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ، ފްލެޓު ލިބުނު މީހުންގެ ހާލަތު ކުރީ ސަރުކާރުން ބަލާފައި ވަނީ ފްލެޓަށް އެދޭ މީހުން ހުށަހަޅާ ބަޔާން މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބުނެފައިވާ ކަމަށެވެ. އެކަމަކު ފޯމާއެކު ބަޔާން ހުުށަހަޅާފައި ނުވާ މީހުންގެ ދިރިއުޅުޅުމުގެ ހާލަތަށް ވެސް ދިހަ ޕޮއިންޓް ލިބިފައި ހުރިކަން ފާހަގަކުރައްވާ ތޯހާ ވިދާޅުވީ، ބިންވެރިކަން ވެސް ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. 

ތޯހާ ވިދާޅުވި ގޮތުގައި މާލޭގައި އެމީހެއްގެ ނަމުގައި 600 އަކަ ފޫޓަށް ވުރެ ބޮޑެތި ބިން ހުރި ފަރާތްތައް ވެސް އޭރުގެ ފްލެޓު ލިސްޓުގައި އެބަ ހުއްޓެވެ. އެގޮތުން އަމީން އެވެނިއު އާއި ރެއިން ޓްރީ ރެސިޑެންސް ފަދަ ތަންތަނުގައި 1000 އަކަ ފޫޓުގެ ފްލެޓް ހުރި ފަރާތްތައް ވެސް އޭގައި ހިމެނޭ ކަމަށެވެ. 

އޭގެ އިތުރުން ތޯހާ ވިދާޅުވީ މާލޭ ރަށްވެހިންގެ ކެޓަގަރީގައި އޮންނަނީ ފްލެޓަށް ކުރިމަތިލާ މީހާގެ ދަރިންގެ އަދަދު ތިނަކަށް ވުރެ މަތިނަމަ 50 ޕޮއިންޓް ލިބޭނެ ކަމަށް ނަމަވެސް އެ ކެޓަގަރީއަށް ކުރިމަތިލި 120 މީހެއްގެ ތިން ދަރިން ކަމަށް ބަލާއި ފުލް ޕޮއިންޓްދީފައިވީނަމަވެސް ބެލި ބެލުމުން އެނގިގެންދަނީ އެމީހުންގެ ތިބީ ދެ ދަރިންކަން ކަމަށެވެ. 

"އެހެންވީމަ މިކަހަލަ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ހުރި. ދެން އޭގެ އިތުރުން ދަފްތަރުގެ ރަޖިސްޓްރީގައި އެދުވަހު ޖެހުނު ފަރާތްތަކަށް ވެސް އެބަހުރި ފްލެޓް އެވޯޑްކޮށްފައި،"

ތޯހާ ވިދާޅުވީ ޓީޗަރުންގެ ކެޓަގަރީގައިވާ ގޮތުން އެ އެމީހަކީ މާލެ ސަރަހައްދުގައި އުޅޭ ޓީޗަރެއްގެ ގޮތުގައި ދާއިމީ ވަޒީފާގައި އުޅޭ މީހަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ވިހި އަހަރު ޓީޗަރެއްގެ ގޮތުގައި އުޅުނު މީހަކު މާލޭގައި އެންމެ އަހަރަކު އުޅެފައި ހުއްޓަސް، މާލޭގައި ވިހި އަހަރު މަސައްކަތް ކުރި ޓީޗަރާއި އެއް ވަރަކަށް ޕޮއިންޓްދީފައިވާކަން ވެސް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ތޯހާ ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގައި އިއުލާންކޮށްފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓްދޭން ނިންމާފައިވުމުގެ ސަބަބުން އެ ކެޓަގަރީން 25 ޕޮއިންޓް ލިބޭ މީހުންނަށް ވެސް ފްލެޓް ލިބޭ ކަމަށެވެ. އެކަމަކު އެހެން ކެޓަގަރީތަކުން 60 ނުވަތަ 70 ޕޮއިންޓް ލިބޭ ފަރާތްތަކަށް ވެސް ފްލެޓް ނުލިބޭކަން ފާހަގަކުރެއްވި އެވެ. 

"އެހެންކަމުން އަޅުގަނޑުމެން ފްލެޓް ކޮމިޓީގެ ފަރާތުން އޮންނާނެ ސަރުކާރަށް ލަފާދީފަ އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އެންމެ މަދުވެގެން 50 ޕަސެންޓް ޕޮއިންޓް، މާކްސް ނުލިބޭ ފަރާތްތަކަކީ ސޯޝަލް ހައުސިންއަށް ކޮލިފައި ނުވާ ފަރާތްތަކެއް ކަމަށް ފެންނަ ކަމަށް،"

ތޯހާ ވިދާޅުވީ މިހާރު ހަތަރު ކެޓަގަރީއެއްގެ މަސައްކަތް ނިންމާއި، ލިސްޓް އާންމުކޮށްފައިވާއިރު އެ ލިސްޓުގައި ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް ލިބޭ ޕޮއިންޓާއި ކުރިން ސަރުކާރުން ދީފައިވާ ޕޮއިންޓް ވަކިން އެނގޭނެ ގޮތަކަށް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަނުވެގެން ޑިސްކޮލިފައިވާ ފަރާތްތައް ޑިސްކޮލިފައި ކުރި ސަބަބު ވެސް ހިމެނޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް