ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ބައެއް ކެޓަގަރީތަކުން ފެލްޓް މަދުކޮށް މާލޭ ރައްޔިތުންނަށް އިތުރުކޮށްފި
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް ބައެއް ކެޓަގަރީތަކަށް މަދުކޮށް، މާލޭ ރަށްވެހިންނަށް އިތުރަށް ދޭން ނިންމާފައިވާ ކަމަށް ފްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ފްލެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެ ރަށްވެހިންގެ ކެޓަގަރީ އަށް 772 ފްލެޓް އިތުރުކޮށްފައިވާ ކަމަށެވެ. 

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން މިއަދު ވަނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) އަދި H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީގެ އިތުރުން H8 (މާލޭ ރަށްވެހިންނަށް ހާއްސަ) އަދި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ) ކެޓަގަރީގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފަ އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވި ގޮތުގައި ހަތަރު ކެޓަގަރީއަކުން ފްލެޓްދޭ އަދަދު މަދުކޮށް، ކުރިން މާލޭ ރަށްވެހިންނަށްދޭން ކަނޑައެޅި 1000 ފްލެޓުގެ ބަދަލުގައި މިހާރު ދޭން ނިންމާފައި ވަނީ 1772 ފްލެޓެކެވެ. 

ގެނެސްފައިވާ ބަދަލު: 

  • ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ 475 ފްލެޓުގެ ބަދަލުގައި 233 ފްލެޓް
  • ޓީޗަރުންނަށް ހާއްސަ ކުރި ފްލެޓުން 625 ފްލެޓުގެ ބަދަލުގައި 523 ފްލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް - 423 
  • 18 އަހަރާ 40 އަހަރުގެ ކެޓަގަރީ - 805
  • މާލޭ ރަށްވެހިން 1000 ގެ ބަދަލުގައި 1772

އަސްލަމް އިތުރަށް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ކެޓަގަރީއެއް އޮތްނަމަވެސް އެހެން ކެޓަގަރީތަކުގައި ވެސް މާލޭގެ ރަށްވެހިން އެބަ ތިބި ކަމަށެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއަށް ކުރިމަތިލި މީހުންގެ 15 އިންސައްތައަކީ މާލޭގެ ރަށްވެހިން ކަމަށާއި ޓީޗަރުންގެ ދިހަ ޕަސެންޓަކީ ވެސް މާލޭގެ ރަށްވެހިން ކަމަށެވެ. އަދި އެކަނިވެރި މައިންބަފައިންގެ 26 އިންސައްތައަކީ ވެސް މާލޭގެ ރައްޔިތުންކަން ފާހަގަކުރައްވާ ވިދާޅުވީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކެޓަގަރީއަށް 9221 މީހަކު ކުރިމަތިލި ނަމަވެސް މާލޭގެ ރައްޔިތުންގެ ތެރޭގައި ހިމެނެނީ އެންމެ އަށް އިންސައްތަ ކަމަށެވެ. 

"އެހެންވީމަ އެ ކެޓަގަރީއަށް ކިތަންމެ ޑިމާންޑް ބޮޑުކޮށް އޮތް ނަމަވެސް މާލޭގެ ރަށްވެހިންނަށް މިކަމުގައި ކުރިމަތިލާފައި އޮތީ ވަރަށް މަދު ބަޔަކު.. މާލޭގެ ރަށްވެހިންނަކީ އަޅުގަނޑުމެންގެ އަމާޒުކޮށް ކަމަށް. އެއީ ކޮންމެ ގޮތެއް ވިޔަސް މިއީ މާލޭގެ ބޯހިޔާވަހިކަމަށް. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން އަމާޒު ހިފައިގެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭތީ،" އަސްލަމް ވިދާޅުވި އެވެ. 

އަސްލަމް ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ތެރެއިން މާލޭގައި 5122 އާއިލާ މާލޭގައި އުޅެމުން އަންނައިރު އެމީހުންނަކީ އިތުރު އެހެން ތަނެއްގައި ދިރިއުޅޭނެ ގޯއްޗެއް ވެސް ނެތް މީހުން ކަމަށެވެ. އަދި އެމީހުންނަށް ދާނެ އިތުރު ތަނެއް ނެތްކަންވެސް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް