ads
މިނިސްޓަރު ޝާހިދު މަސައްކަތުގައި--
ގާނޫނާ އެއް ގޮތަށް ހަރަދު ކުރުމުން މިނިސްޓަރު ޝާހިދުގެ ޝުކުރު މުވައްޒަފުންނަށް
ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީން ހަރަދު ކުރީ ގާނޫނާ އެއް ގޮތަކަށް ކަމަށް އޮޑިޓް ރިޕޯޓުން ކަނޑައެޅުމުން މިނިސްޓަރު އަބްދުﷲ ޝާހިދު މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިނިސްޓްރީގެ ވެރިންނާއި، ހުރިހާ މުވައްޒަފުންނާއި، އަދި ރާއްޖެއިން ބޭރުގައި ހުރި ދިވެހި ޑޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި ސަފީރުންނާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުން ސާބިތުވެގެން ދިޔެއީ "ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ފޮރިން ސާވިސްގެ އެންމެހާ މުވައްޒަފުން ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތް ކުރެއްވުމުގައި އެންމެ އިސްކަމެއް ދެއްވީ ތެދުވެރިކަމާ، އަމާނާތްތެރިކަމާ، ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް" ކަމަށް އެ މެސެޖުގައި ވެއެވެ. 

ކޮވިޑާއި ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް އިއްޔެ އާންމުކޮށްފައިވާއިރު އޮޑިޓް އޮފީހުން ބުނީ އެ އޮޑިޓަކީ، ދައުލަތުގެ މުއައްސަސާތަކުން ކޮވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން 20 މެއި 2020 ގައި ފާސްކޮށްފައިވާތީ، އެ ނިންމުމާ އެއްގޮތަށް، ކުރަމުން އަންނަ އޮޑިޓެއް ކަމަށެވެ. 

އެގޮތުން މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ފޮރިން މިނިސްޓްރީންކޮށްފައިވާ ހަރަދުތައް ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ކޮވިޑް-19 އާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާތަކާއި، ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށް އޮޑިޓެއްކޮށްފައިވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ކަނޑައަޅާފައި ވަނީ 7.1 މިލިއަން ރުފިޔާ ކަމަށާއި އަދި ކޮވޑާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި މީހުން ގެނައުމަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެ މިނިސްޓްރީއަށް ލިބުނު ފައިސާގެ ޖުމްލަ އަދަދު އުޅެނީ ދިހަ މިލިއަނުގައި ކަމަށެވެ.

އެގޮތުން މިހާތަނަށް ކުރެވުނު ހަރަދުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައިވާ ދިވެހިންނަށް ވަނީ 2،658،646 މިލިއަން ދޫކޮށްފަ އެވެ. އަދި ބޭރުގައި ތިބި ދިވެހި މެޑިކަލް ދަރިވަރުންގެ އިތުރުން ވެސް ބައެއް ދިވެހިން އަނބު ރާއްޖެއަށް ގެނައުމަށް ޓިކެޓުގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އޭގެ އިތުރުން ކޮވިޑާއި ގުޅިގެން ކުރި އެހެނިހެން ހަރަދުގެ އަދަދު އުޅެނީ 501،664 ގަ އެވެ.

އޭގެ އިތުރުން އޮޑިޓް ރިޕޯޓުގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރު ގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން ދެ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ.  

އެގޮތުން އިސްލާމިކް މިނިސްޓްރީން ބަލަހައްޓާ ޒަކާތު ފަންޑު މެދުވެރިކޮށް، ރާއްޖެއިން ބޭރު ގައުމުތަކުގައި ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މާޗު 31 ގައި އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 21 މާޗުން ދިހައެއް އޭޕްރީލުގެ ނިޔަލަށް ކަމަށެވެ. 

އަދި ރާއްޖެއިން ބޭރު ގައުމުތަކަށް އެކިއެކި ޒަރޫރީ ބޭނުންތަކަށް ގޮސް ތިބި މީހުންގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި ދިވެހިންނާއި، އެކިއެކި ސަބަބުތަކާއި ހެދި ދިގުމުއްދަތަށް ރާއްޖޭން ބޭރުގައި ބޭސް ފަރުވާއަށް އަމިއްލަ ހަރަދުގަ ގޮސްފައި ތިބި ދިވެހީންގެ ތެރެއިން ފައިސާގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވުމަށް އޭޕްރީލް 26 ގައި ވެސް އުސޫލެއް އެކުލަވާލި ކަމަށާއި އެ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ދިނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނި ގޮތުގައި ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާ ގުޅިގެން ފޮރިން މިނިސްޓްރީން  7،266،467 (ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ހަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ހަތެއް) ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

އޮޑިޓް ރިޕޯޓުގައި ބުނީ ފޮރިން މިނިސްޓްރީން ޖުމްލަ 307 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން އެހީގެ ގޮތުގައި އެކި ގައުމުތަކުގައި އުޅޭ ފަރާތްތަކަށް ދޫކުރި ފައިސާގެ އަދަދު 2،658،646 އަށް އަރަ އެވެ. އަދި ރާއްޖެއިން ބޭރުން ގެނައި މީހުންގެ ތެރެއިން ޓިކެޓު ދީފައި ވަނީ 180 މީހަކަށެވެ. އެއީ ޗައިނާއިން 12 މީހަކު ގެނައުމަށާއި ނޭޕާލުން 99 ފަރާތެއް ގެނައުމުގެ އިތުރުން ޕާކިސްތާނުން ހައެއް އަދި ފިލިޕިންސް އިން 63 މީހަކު ގެނައުމަށެވެ. އެގޮތުން ޓިކެޓަށް ހިނގި ޖުމްލަ އަދަދުގެ ގޮތުގައި އަރަނީ 4،106،158 ރުފިޔާ އެވެ. 

އޮޑިޓުގައި ވަނީ އެކެއް ޖެނުއަރީ އިން 30 ޖޫންއަށް ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާންގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑުގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް މިނިސްޓްރީން އެކުލަވާލި އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ދެކޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް