ads
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު-- ފޮޓޯ: ސަން
ވެރިކަމުގެ ނިޒާމު ކަނޑައެޅި ވޯޓު އޮޅުވައެއް ނުލާ: މުއިއްޒު
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގި ވޯޓު އޮޅުވާލާފައި ނުވާ ކަމަށް އެ ވޯޓުގެ ކަންކަން ރައްޔިތުންގެ ޚާއްސަ މަޖިލިހުން ބެލި ކޮމިޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެހެން ވިދާޅުވީ 2007 ގެ ވޯޓު އޮޅުވާލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. 

"2007 ގެ ވޯޓުގައި، ވޯޓު ގުނުމަށް ފޮށިތައް މާލެ ނުގެނެސް ވޯޓު ނަގާ މަރުކަޒުގައި ވޯޓު ގުނީ. މިއީ އެގޮތަށް ގުނުނު ފުރަތަމަ ފަހަރު. އެ ވޯޓު ނެގުމުގެ މަސައްކަތުގައި ހާއްސަ މަޖިލީހުން އެކުލަވާލި ކޮމިޓީއެއްގެ މެމްބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. ވޯޓު އޮޅުވައެއް ނުލާ،" ކުރިން ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި މުއިއްޒުގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ޓްވީޓް ކުރައްވާ ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ އިޖްތިމާއީ އިގްތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށާއި އެގޮތުން ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގްލަބިއްތަކުން ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވަނީ އެމަނިކުފާނު އޮޅުވާލައްވާ، މަކަރު ހައްދަވާފައި ކަމަށެވެ. އެގޮތުން 2007 ވަނަ އަހަރުގެ ނިޒާމުގެ ވޯޓު ވެސް ވަނީ އޮޅުވާލައްވާފައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އޮޅުވާ ނުލައްވަނީ ހަމައެކަނި 2008 ވަނަ އަހަރުގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުންވީ ބަލި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެ އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އިއްޔެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ގާނޫނުއަސާސީއަށް ވެސް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވިއިރު ރައީސް ނަޝީދެކޭ އެއްގޮތަށް އެ ޕާޓީގެ ގިނަ މެމްބަރުން ވެސް ގަބޫލުކުރައްވަނީ ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް