ads
ތާޖުއްދީން ސްކޫލު--
ކޮވިޑް ޖެހޭ މީހުންނަށް ފަރުވާދޭން ތާޖުއްދީން ސްކޫލު ތައްޔާރުކުރަނީ
ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ސީރިއަސް ނޫން ފަރުވާތައް ދިނުމަށް ތާޖުއްދީން ސްކޫލު ތައްޔާރުކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފި އެވެ.

އެސްޓީއޯގެ ސްޕޯކްސްޕާސަން އަބްދުﷲ މުހައްމަދު، ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބޭނުންވާ ގޮތަށް ތާޖުއްދީން ސްކޫލުގައި މެޑިކަލް އިކުއިޕްމަންޓް ގާއިމުކުރުމުގެ މަސައްކަތް އެސްޓީއޯ އިން ދަނީ ކުރަމުންނެވެ. 

އެސްޓީއޯ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެތަނުގައި މަސައްކަތް ކުރިއަށްދާ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އަދި އެތަނަކީ ކޮވިޑް ޖެހޭ މީހުންނަށް ފަރުވާދިނުމަށް ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަަސައްކަތުގެ ދަށުން 19 އެނދުނު ހިމެނޭ ގޮތަށް ހަދަމުންދާ ތަނެއްކަން ފާހަގަކުރެ އެވެ. 

އެތަނަކީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންނަށް ދޭން ޖެހޭ ސީރިއަސް ނޫން ފަރުވާތައް ދެވޭނެ ގޮތަށް ހަދަމުން އަންނަ ތަނެކެވެ. 

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވަމުން އަންނައިރު މިހާރު ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު އުޅެނީ 162 ގަ އެވެ. އެއީ ރާއްޖޭގައި މިވަގަތުހުރި ބެޑް ކެޕޭސިޓީގެ 62 އިންްސަތަ އެވެ. 

އެހެންވެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ސީނިއާ ޑރ. އަލީ ލަތީފް ވަނީ ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވާނަމަ ސްކޫލުތައް ވެސް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. ނޫންނަމަ ހުޅުމާލޭ ފެސިލިޓީގައި އެނދު ކައިރި ކައިރީގައި ޖަަހަން ޖެހިދާނެ ކަމަށާއި މެނޭޖް ނުކުރެވޭ ހާލަތެއް ނުވަތަ ބެޑް ކެޕޭސިޓީއަށް ވުރެ ގިނައިން މީހުން ބަލިވެއްޖެނަމަ ޕްރަވެޓް ހޮސްޕިޓަލުތަކަށް ވެސް ވާހަކަ ދައްކާ އެތަންތަން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޑރ. އަލީ ވިދާޅުވި އެވެ. 

ޑރ. އަލީ ލަތީފް ވިދާޅުވީ މިހާތަނަށް ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް އައިޖީއެމްއެޗުގައި އެޑްމިޓް ނުކުރާ ކަމަށާއި އެކަމަކު އެހާލަތަށް ހިނގައްޖެނަމަ އެގޮތަށް ވެސް އެކަން ކުރަން ޖެހޭނެ ކަމަށެވެ. 

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 7225 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް