ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
އިއްޔެ އެކަނިވެސް 428 ފަސިންޖަރުން ރާއްޖެ އައިސްފައިވޭ
އިއްޔެ 428 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އޮޕަރޭޝަންގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގުރާމަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ވިދާޅުވީ އިއްޔެ 428 މީހަކު ރާއްޖެ އައިސްފައި ވާއިރު ރާއްޖެއިން އިއްޔެ ފުރާފައިވަނީ 1127 ފަސިންޖަރުން ކަމަށެވެ.

އެގޮތުން ބަންގުލަދޭޝް އަށް ދެ ފްލައިޓެއް އިއްޔެ އޮޕަރޭޓްކޮށްފައި ވާއިރު، އެ ދެ ފްލައިޓުން އިއްޔެ ޖުމްލަ ބަންގުލަދޭޝްގެ 323 ފަސިންޖަރުން އަލުން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވި ފަހުން އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން ރާއްޖެއިން ބޭރުވި ދުވަހުގެ ގޮތުގައި އިބްރާހިމް ފާހަގަ ކުރެއްވިއެވެ.

އިބްރާހިމް ވިދާޅުވީ ޑޮމެސްޓިކް 4 ފްލައިޓެއް އިއްޔެ އޮޕަރޭޓް ކޮށްފައިވާ ކަމަށެވެ. އެއީ އައްޑު ސިޓީ ގަމަށާއި، ހދ ކުޅުދުއްފުއްޓަށާއި، ފުވައްމުލަކު އަދި ކޫއްޑު އަށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި އެއާޕޯޓުތަކުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 38 ފަސިންޖަރުން އައިސްފައިވާ ކަމަށާއި މާލެއިން ޑޮމެސްޓިކް އެއާޕޯޓުތަކަށް 72 ފަސިންޖަރުން ދަތުރުކޮށްފައި ވާކަމަށް ވެސް އިބްރާހިމް ވިދާޅުވިއެވެ.

ފްރާންސްއިން އާއި ޔޫއޭއީ އަދި ހައިދަރްއާބާދުގެ އިތުރުން ސްޕެއިންއިން އިއްޔެ 4 ޕްރައިވެޓް ޖެޓު ރާއްޖެ އަށް އޮޕަރޭޓުކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކާގޯގެ ފްލައިޓްތަކުގެ އޮޕަރޭޝަންއަށް އަލިއަޅުވާލަމުން އިބްރާހިމް ވިދާޅުވީ އިއްޔެ 82.7 ޓަނުގެ މުދާ ރާއްޖެއަށް އެތެރެވެފައިވާ ކަމަށާއި 31.9 ޓަނުގެ މުދާ ރާއްޖެއިން ބޭރުވެފައިވާ ކަމަށެވެ.

އިބްރާހިމް ވިދާޅުވީ އިއްޔެ އިންޓަނޭޝަނަލް 9 ފްލައިޓެއް އޮޕަރޭޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމިރޭޓްސް، ސްރީލަންކަން އެއާލައިންސް، ޤަތަރު އެއާލައިންސް، ސްޕައިސް ޖެޓް، އިއްތިހާދު އެއާވޭސް، ޓާކިޝް އެއާލައިން އަދި މޯލްޑިވިއަންގެ 3 ފްލައިޓް އިއްޔެ އޮޕަރޭޓު ކޮށްފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް