ads
މިނިސްޓަރު ޒަހާ--
މަޑުއްވަރީ އައިސްޕްލާންޓްގެ މަސައްކަތް ޑިސެމްބަރުގައި ނިމޭނެ
އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ރ. މަޑުއްވަރީގައި އައިސް ޕްލާންޓް ގާއިމުކޮށް ނިމޭނެ ކަަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ މަޑުއްވަރީގައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެގެންތޯ އާއި އައިސް ޕްލާންޓްގެ މަސައްކަތް ނިމި ހިދުމަތް ލިބެންފަށާނީ ކޮން ތާރީހެއްގައިތޯ ސާފުކުރުމަށް މިއަދު، މިނިސްޓަރު ޒަހާ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރައްވާފައިވެ އެވެ.

އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވީއޭއެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާ މިދިޔަ ނޮވެމްބަރު މަހުގެ 13 ގައި ހަވާލުކުރީ މިއަހަރުގެ މާޗު 31 ގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. 

އެގޮތުން 4.1 މިލިއަން ރުފިޔާގެ އެ މަޝްރޫއު، އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައި ނުވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ އެ މަސައްކަތް އަވަސްކުރުމަށް އެކި ފެންވަރުގައި މަސައްކަތް ކުރި ނަމަވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މަސައްކަތް ނިންމުމަށް ބޭނުންވާ މާލީ ގާބިލުކަން ވެސް އެކުންފުނީގައި ނެތްކަން ފާހަގަކުރެވުމުން 13 އޮގަސްޓުގައި، ވަނީ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށެވެ. 

މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެމްބަރު އާދަމް ޝަރީފް ވަނީ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރިއިރު ކުންފުނީގެ މާލީ ގާބިލުކަން ބަލާފައި ނުވޭތޯ ސުވާލުކުރައްވާފަ އެވެ. 

ޖަވާބުގައި މިނިސްޓަރު ވަނީ ޓެންޑާ ބޯޑުން އެ ކުންފުންޏަށް މަސައްކަތް ހަވާލުކުރީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު އެ ގާބިލުކަން ހުރި ކަމަށް ދެކިގެން ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި އެ މުއްދަތުގެ ތެރޭގައި އެކުންފުންޏަށް ކުރެވުނު މަސައްކަތަކީ އީއައިއޭގެ މަސައްކަތާއި ފައުންޑޭޝަންގެ އިތުރުން ވަށާފާރުގެ މަަސައްކަތް ކަމަށެވެ. 

އަދި ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި އައިސްޕްލާންޓް ޕްރީފެބް އިމާރާތާއި އައިސްޕްލާންޓް އަދި އެތަނާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތަކާއި ޖެނެރޭޓަރުގެ މަސައްކަތް ހިމެނޭ ކަމަށެވެ. 

އެގޮތުން މިހާރު އެރަށުގެ އައިސްޕްލާންޓުގެ މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ކުންފުންޏަކާއި ގުޅިގެންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އައިސްޕްލާންޓަކީ ރާއްޖެއިން ބޭރުން ވަކި ހާއްސަ ގޮތަކަށް ތައްޔާރުކޮށްގެން ރާއްޖެއަށް ގެނެސްގެން ހަރުކުރަން ޖެހޭ އެއްޗަކަށްވާތީ އެ މަސައްކަތް ނިންމަން މަދުވެގެން 120 ދުވަސް ބޭނުންވާނެ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ދައުލަތުގެ ފައިސާ އިން ހަރަދުކޮށްގެން ނިމޭނެކަމަށް ލަފާކުރެވެނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް