ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ވަންއޮންލައިން
ރާއްޖޭގެ މިނިވަންކަމާއި މެދު ސުވާލު އުފެދޭ: މުއިއްޒު
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އޮތްކަމާއި މެދު ސުވާލު އުފެދޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ޕީޕީއެމް ޕީއެންސީގެ އިލެކްޝަން ޑިޕާޓްމެންޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނެތި ގެއްލި ދިއުމުގެ މަގުމަތީގައި އޮތްކަމަށް މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން ރާއްޖޭގައި ބޭރު ގައުމުތަކުގެ އަސްކަރީ ސިފައިން އައިސް އެކި ރަށްރަށުގައި ވަޒަންވެރިވެ އެކިކަންކަން ކުރަމުން އަންނަ ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ. މުއިއްޒު ވިދާޅުވީ ރާއްޖެ މިނިވަންކަން އޮތީ ނަމަކަށް ކަމަށާއި، އެއްވެސް މިނިވަންކަމެއް އަދި އަމިއްލަ ވައްތަކަމެއް ވެސް އޮތްކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. 

"އަޅުގަނޑުމެން ނަމެއްގައި މިނިވަން ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް، ހަގީގަތުގައި ހަގީގީ މާނާގައި އެއްވެސް ކަހަލަ މިނިވަންކަމެއް މިހާރު މިގައުމުގައި އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަމެއް އަޅުގަނޑުމެންގެ އިސްތިގުލާލެއް އޮތްކަމާއި މެދުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ އިންސާފުވެރި ނަޒަރަކުން ވިސްނާ ކޮންމެ ބޭފުޅަކުވެސް ސުވާލު އުފައްދާ ހާލަތެއްގަ މި ގައުމު މި އޮތީ." މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން މި ސަރުކާރާއި ވެރިކަން ހަވާލުކުރި އިރު އޮތް އިގްތިސާދީ ބާރުވެރިކަން މިހާރު ރާއްޖޭގައި ނެތްކަމަށެވެ. އަދި އެކަމާއި ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. 

ކޮންމެ ރަށެއްގައި ވެސް ކޯލިޝަން ހިންގާ ކޮމިޓީތަކެއް އިންތިހާބު ކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އޮކްޓޯބަރު 16 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރަށު ސްޓިއަރިން ކޮމިޓީތަކެއް އެކުލަވާލުމަށް އެތެރޭގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާކަން މުއިއްޒު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް