ads
އައްޑޫސިޓީ-- ފޮޓޯ: ހުސެއިން ސޮލާހް/ ޓްވިޓާ
އައްޑޫ ސިޓީގެ ހާއްސަ ހަތަރު ސަރަޙައްދެއް ހިމާޔަތްކުރަން ނިންމައިފި
އައްޑޫ ސިޓީގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަތަރު ސަރަހައްދެއް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

އިއްޔެ މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ހިމާޔަތް ކުރުމަށް ނިންމި ހަތަރު ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، އަދި ހިތަދޫ މާކިޅިގެ އިތުރުން މެދެއާރަ އަދި ފެހެލެ ކިޅިއެވެ.

އަދި މީގެ އިތުރުން ހުޅުދޫ މާފިށި ކިޅި (ކޭވަކާ ގޮނޑޮ) އާއި، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު ހިމާޔަތްކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ ނިންމަވައިފަ އެވެ.

އެ ސަރަހައްދުތަކަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ. އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫ ސިޓީގެ 97 އިންސައްތަ ރައްޔިތުން ބޭނުންވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުތައް ހިމާޔަތް ކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު، އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވެއެވެ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް