ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ވެންޓިލޭޓަރު ގަތުމުގައި ރައްކާތެރި ގޮތް ބޭނުން ނުކުރީ ކީއްވެ؟
ވެންޓިލޭޓަރު ގެނައުން: ކޮނުނުވަރަކަށް ފެންނަނީ ހިޔާނާތް!
މީގެ ތިން ހަފްތާކުރިން، އޮގަސްޓް 16 ވަނަ ދުވަހު އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ މިނިސްޓްރީ އޮފް ހެލްތުގެ އޮޑިޓް ރިޕޯޓާއިއެކު އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި ރައްޔިތުންގެ ފަރުވާއަށްޓަކައި ސަރުކާރުން ވެންޓިލޭޓަރު ގަތުމުގައި އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަކޮށްކަމަށް އޮޑިޓަ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން، ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރެވުނު ތިން ކުންފުނީގެ ތެރެއިން އެއް ކުންފުންޏަކީ ޑުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏެކެވެ.

އޮޑިޓް ރިޕޯޓުން ވަނީ ކަންބޮޑުވާފަދަ ކަންތައްތަކެއް ފާހަގަކުރެވިފައެވެ. މިގޮތުން، 75 ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއަށް ޖުމްލަ 34 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކުރެވުނު، ޖުމްލަ އަގުގެ 90 އިންސައްތަ (30.9 މިލިއަން ރުފިޔާ) ވަނީ އެއްވެސް އެޑްވާންސް ގެރެންޓީއަކާއި ނުލައި ވަރަށް އަވަސް އަރުވާލައިގެން އަދާކޮށްފައެވެ. މީގެ އިތުރުން ފާހަގަވި އިތުރުކަމަކީ، އަނެއް ދެ ކުންފުންޏާއި ބަލާއިރު އެގްޒެކިއުޓާސް އިން ހުށަހަޅާފައިވާ އަގު ގެ ބޮޑުކަމެވެ.

ކޮންމެއަކަސް، އޮޑިޓް ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ވެންޓިލޭޓަރު ގަތުމުގައި ގޮތްނޭނގޭ ކުންފުންޏަކާ މުޅިން އަލަށް މުއާމަލާތް ކުރާއިރު، ރައްޔިތުންގެ ފައިސާއިން ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި، އެއްވެސް ގެރެންޓީއެއް ނެތި އެހާ ފަސޭހައިން ދޫކޮށްލުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ، އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާކަމެކެވެ. މިކަމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސްއިންވެސް ވަރަށް ބޮޑަށް ޒިންމާ ނަގަންޖެހޭނެކަމަށް ގަބޫލްކުރެވެއެވެ. 

މިނިސްޓްރީ އޮފް ހެލްތުން ވަކި ގޮތަކަށް ނިންމިކަމުގައި ވިޔަސް، ސަރުކާރުގެ ފަރާތުން ފައިސާ ދޫކުރަނީ މިނިސްޓްރީ އޮފް ފިނޭންސުންނެވެ. އަދި ކިތެންމެ ވަގުތު ކުޑަތަންވެފައި އޮތް ކަމުގައި ވިޔަސް، ގޮތް ނޭނގޭ ބަޔަކަށް ބޮޑު އަދަދެއްގެ ފައިސާ އެގޮތަށް ފޮނުވުމަކީ ގަބޫލްކުރެވޭނޭ ގޮތެއް ނޫނެވެ. އަދި އެއީކީ އެކަން ކުރެވެން އޮތް ހަމައެކަނި ގޮތްކަމަކަށްވެސް ނުބެލެވެއެވެ.

ސުވާލަކީ، އެކަން އެނޫން ގޮތަކަށް ކުރެވުނީސް ތޯއެވެ؟   

އާދެ. ބޭރު ގައުމަކުން މުދަލެއް ގަތުމަށްޓަކައި މުދާ ގަންނަ ފަރާތާއި (އިމްޕޯޓަރު)، މުދާ ވިއްކާ ފަރާތާއި (އެކްސްޕޯޓަރު) ދެމެދު ގަނެ ވިއްކުމުގެ އެއްބަސްވުމެއް ވެވޭ ހިނދު، މުދަލުގެ އަގާއި، ބާވަތާއި އަދަދު އަދި ފައިސާ ދެއްކުމަށް އެއްބަސްވެވޭ ގޮތްތައް ކަނޑައެޅިގެންދެއެވެ. ހާއްސަ ގޮތެއްގައި މުއާމަލާތް ކުރެވެނީ ދެފަރާތުގެ ދެމެދުގައި އެންމެ ފުރަތަމަ ފަހަރު ކަމުގައިވާނަމަ، ނުވަތަ ވިއްކާ ފަރާތާއި މީގެކުރިން އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާނަމަ، އެންމެ ރައްކާތެރި ގޮތަކީ ލެޓަރ އޮފް ކްރެޑިޓް (ނުވަތަ އެލްސީ) އެއް ބޭނުން ކުރުމެވެ.

އެލްސީއެއްގެ ދަށުން މުއާމަލާތް ހިންގުމުން، މުދާ ވިއްކާ ފަރާތަށް ފައިސާ ލިބުމުގެ ޔަގީންކަން ލިބިގެންދެއެވެ. ހާއްސަ ގޮތެއްގައި މުދަލުގެ އަގަކީ ބޮޑު އަގަކަށް ވެފައި ފައިސާ ދެއްކުމުގައި އުނދަގޫތަކެއް މެދުވެރިވުމުގެ ފުރުސަތު އޮތްނަމަ، އެލްސީއަކީ ފައިސާ ލިބޭނެކަމުގެ ޔަގީންކަން ލިއްބައިދޭ އެއްޗެކެވެ. މިސާލަކަށް، މުދާ ވިއްކާ ފަރާތަކީ އެމުދަލެއް އުފައްދާ ފެކްޓަރީއެއް ނަމަ، އެމުދަލެއް އުފެއްދުމަށްވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެއެވެ. މިހެންކަމުގައި ވަނީ ނަމަ އެޑްވާންސްގެ ގޮތުގައި ކޮންމެވެސް މިންވަރެއް ވިއްކާ ފަރާތަށް ބޭނުންވާނެއެވެ. އަދި މުދާ ފޮނުވުމަށްފަހު މުދަލުގެ ބާކީ އަގު ލިބޭނެ ކަމުގެ ޔަގީންކަންވެސް ބޭނުންވާނެއެވެ.

your imageއެލްސީ ހުޅުވައިގެން ވިޔަފާރި ކުރާނެ ގޮތް

އެލްސީ ހުޅުވުން

އެލްސީ އެއް ހުޅުވުމަށްޓަކައި މުދާ ގަންނަ ފަރާތުން ޖެހޭނީ އެފަރާތުގެ ބޭންކުގައި އެދޭށެވެ. މިގޮތުން ގަންނަ މުދަލާއި ޖުމްލަ އަގާއި، ވިއްކާ ފަރާތުގެ މައުލޫމާތާއި، މުދާ ޝިޕްކުރާނެ ގޮތުގެ މައުލޫމާތު ބޭންކަށް ފޯރުކޮށްދެވޭނެއެވެ. އެލްސީއަކީ ގާނޫނީ ގޮތުންވެސް ގަބޫލްކުރެވޭ އަދި ބައިނަލް އަގްވާމީ ވިޔަފާރީގައި އެންމެންވެސް އިތުބާރުކުރާ ވަސީލަތެކެވެ. ބޭންކަކުން އެލްސީއެއް ހުޅުވައިދީ، ނުވަތަ އިޝޫކޮށްފިނަމަ، އެބޭންކަކުން މުދާ ވިއްކާ ފަރާތަށް ފައިސާ ފޮނުވައިދޭނެކަމުގެ ޔަގީންކަން ދެއެވެ. މިހެންކަމުން، އެލްސީ ހުޅުވައިދޭއިރު، މުދާ ގަންނަ ފަރާތުން ބޭންކަށް ފައިސާ ދައްކަންޖެހޭނެއެވެ. ބޭންކުން މިގޮތަށް ޒިންމާ ނެގުމުން، ވިއްކާ ފަރާތަށާއި އަދި ގަންނަ ފަރާތަށްވެސް ހިމާޔަތްކަން ލިބިގެންދެއެވެ.

އަޅުގަޑުމެންގެ ބޭނުމަށް ސަރުކާރުން ވެންޓިލޭޓަރު ގަންނައިރު، މިސާލަކަށް ބޭންކް އޮފް މޯލްޑިވްސްގައި އެލްސީ ހުޅުވިދާނެއެވެ. މިއާއިއެކު، ބޭންކް އޮފް މޯލްޑިވްސްއިން މުއާމަލާތް ކުރާނީ ބޭރުގައުމުގައި ހުންނަ ވިއްކާ ފަރާތުގެ ބޭންކާއެވެ. މިހާ ހިސާބުން ވިއްކާ ފަރާތަށް، ފައިސާ ލިބޭނެކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ.  

މުދާ ފޮނުވުން

އެލްސީގެ ދަށުން ފައިސާ ލިބުމަށްޓަކައި، ވިއްކާ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއްވެސް ވެއެވެ. މިގޮތުން އެއްބަސްވެފައިވާ ތާރީޚަކަށް މުދާ ޝިޕްކުރުން، މުދާ ފޮނުވުމުގެ ކުރިން މުދާ ރަނގަޅަށް ބަލައި ޗެކްކުރުން، އަދި އެލްސީގައި ބުނާ މަގަކުން (މިސާލަކަށް ކަނޑުމަގުން ނުވަތަ އެއާފްރައިޓްކޮށް) މުދާ ފޮނުވުން، އެލްސީގައި ބަޔާންކޮށްފައިވާ ލިޔުންތައް ވަކި ތާރީޚަކަށް ބޭންކަށް ފޮނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިހުރިހާ ލިޔެކިޔުމެއް،  މުދާ ވިއްކާ ފަރާތުން އެފަރާތުގެ ބޭންކަށް ހުށަހެޅުމުން، އެބޭންކުން މުއާމަލާތް ކުރާނީ ގަންނަ ފަރާތުގެ ބޭންކާއެވެ.

ފައިސާ ދެއްކުން

މުދާ ވިއްކާ ފަރާތުގެ ބޭންކަށް ލިޔެކިޔުންތައް ލިބުމުން، އެލްސީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކް ކުރުމަށްފަހު، ދެން ލިޔުންތައް ފޮނުވާނީ މުދާ ގަންނަ ފަރާތުގެ ބޭންކަށެވެ. އަދި ގަންނަ ފަރާތުގެ ބޭންކުންވެސް ހުރިހާ ލިޔުންތައް ބަލައި ޗެކް ކުރުމަށްފަހު، ހުރިހާ ޝަރުތުތައް ފުރިހަމަ ކަމުގައިވާނަމަ، މުދާ ވިއްކާ ފަރާތުގެ ބޭންކަށް ފައިސާ ފޮނުވާނެއެވެ. އަދި އެބޭންކު މެދުވެރިކޮށް، މުއްދާ ވިއްކާ ފަރާތަށް ފައިސާ ލިބިގެންދާނެއެވެ.

އަދި ހަމަ މިއާއިއެކު، މުދާ ގަންނަ ފަރާތަށްވެސް ލިޔުންތައް ލިބުމާއިއެކު، މުދާ ކްލިއަ ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ.

ކޮންމެއަކަސް، ގާނޫނީ ގޮތުން، އަދި ބައިނަލް އަގްވާމީ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި، ހުރިހާ ފަރާތްތަކުންވެސް އިތުބާރުކުރާ، އަދި ރައްކާތެރި އެއް ގޮތް ކަމުގައިވާ އެލްސީގެ ވަސީލަތް ބޭނުންކުރެވުނު ނަމަ، ވެންޓިލޭޓަރު ގަތުމާއިގުޅޭ އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް ދިމާނުވެ، ރައްޔިތުންގެ ފައިސާއަށް މާބޮޑަށް ރައްކާތެރިވެވުނީހެވެ. އަދި ރައްޔިތުންގެ ސިއްހީ ފަރުވާވެސް ދެވުނީހެވެ.

ކުރިއަށް އޮތް ތަނުގައި މާލިއްޔަތު ގަވައިދަށާއި، ޓެންޑަރިންގެ އުސޫލުތަކަށް ގެނެވޭ ބަދަލުތަކުގައި މިދެންނެވި ކަންތައްތަކަށް ވިސްނާ، ދައުލަތުގެ ފައިސާ މެނޭޖުކުރުމުގައި އިތުރަށް ޒިންމާދާރުވާންޖެހެއެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް