ads
މެމްބަރު މުގުނީ-
ދަރަންޏެއް ނުދައްކައިގެން ވިޔަފާރިވެރިއަކު މުގުނީ ގޮވައިގެން ކޯޓަށް ދަނީ
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ، އެ ރަށު ވިޔަފާރިވެރިއެއްގެ އަތުން ނަގާފައިވާ ދަރަންޏެއް އަނބުރާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ކޯޓަށް ދާން ނިންމައިފި އެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ މެމްބަރު މުގުނީ އެ ފައިސާ އަނބުރާ ނުދައްކާތާ ދިގު މުއްދަތެއްވެފައިވާތީ އެވެ. 

2017 ވަނަ އަހަރުގެ އޭޕްރީލް ހަތް ވަނަ ދުވަހުވެފައިވާ އެއްބަސްވުމުގައި ވަނީ ތިނަދޫ، އޯޖަން، އަހުމަދު އުޒައިރުގެ އަތުން ނަގާފައިވާ އެއް މިލިއަން ރުފިޔާ 12 މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

އަދި އެ އެއްބަސްވުމުގައިވާ ގޮތުން ފައިސާ ދައްކަން ޖެހެނީ 12 މަހަށް ބަހާލައިގެން ކޮންމެ މަހަކު ދައްކަން ޖެހޭ އަދަދަށް ނުދެއްކި ބާކީ ހުންނަ އަދަދުގެ ހަތް ޕަސެންޓް އިންޓަރެސްޓާއެކު އެވެ. އޭގެ އިތުރުން، 12 މަހަށް ދައްކަން ޖެހޭ ޖުމްލަ އަދަދު ލިޔެ 12 ޗެކް އެޑްވާންސްކޮށް ފައިސާދިން ފަރާތަށް ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައިވެ އެވެ.

އެއްބަސްވުމުގައި އިތުރަށް ބުނެފައި ވަނީ އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކުރެވެންދެން މުގުނީގެ އިމާރާތުގެ “އުޖާލާވިލާ“ ރަޖިސްޓްރީ އުޒައިރުގެ އަތުގައި ރަހުނުގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.

އެގޮތަށް އެއްބަސްވެފައި އޮތް ނަމަވެސް ފައިސާ ދައްކާ ހަލާސްކޮށްފައި ނުވާތީ އެކަމާއި ގުޅިގެން އުޒައިރު ބުނީ ލޯނުގެ ތެރެއިން ހަތް ލައްކަ ރުފިޔާ ދަައްކާފައިވާ ކަމަށެވެ.  އަދި ތިން ލައްކަ ރުފިޔާ އާއި 23 މަހުގެ ނަފާއަށްވާ އިތުރު ހަތް ލައްކަ މިމަހާއި ހަމައަށް ނުދައްކާ ކަމަށާއި އެހެންކަމުން، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެބަ އޮތް ކަމަށެވެ.

އުޒައިރު ވަނީ ނަފާގެ ގޮތުގައި ފާއިތުވެދާ ކޮންމެ މަހަަކު 21،000 ރުފިޔާ އިތުރުވެގެންދާނެކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ދެ އަހަރުވެގެންދިޔައިރު ފައިސާ ނުދެއްކިވާތީ ދެރަވާ ކަމަށާއި މިހާރު އޭނާ މަސައްކަތް ކުރަނީ ފައިސާ ނުދައްކާ ވާނެ ގޮތެއް ހޯދަން ކަމަށް ވެސް ބުންޏެވެ. އެގޮތުން އޭނާއަށް ގުޅާއި ބިރު ދައްކަމުންދާތީ އެކަން އާއިލާ މީހުންނާއި ރައްޓެހިންނަށް ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މެމްބަރު މުގުނީގެ ކޮމެންޓެއް އަދި “ސީއެންއެމް” އަކަށް ނުލިބެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް