ads
އައްޑޫ ސިޓީ-- ފޮޓޯ: ޓްވިޓާ
ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ވެލި ނެގި ބަޔަކު ޖޫރިމަނާކޮށް ނަން އާއްމުކޮށްފި
ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އެކި ފަހަރުމަތިން އައްޑޫ ސިޓީ ހިދަތޫގެ އެކި ސަރަހައްދުތަކުން ވެލި ނަގާފައި ވާތީ ދެ މީހަކު 4000 ރުފިޔާއިން ޖޫރިމަނާކޮށް އެމީހުންގެ ނަން އާއްމުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ގަވާއިދާ ހިލާފަށް ހިތަދޫގެ އެކި ސަރަހައްދުތަކުން ތަކުރާރުކޮށް ވެލި ނެގި ދެމީހަކު ޖޫރިމަނާ ކޮށް އެމީހުންގެ ނަން އާއްމުކޮށްފަ އެވެ. 

އޭގެ އިތުރުން ވެލި ނެގި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ޖޫރިމަނާ ކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް އެ ކުއްޖާގެ ނަން ކައުންސިލުން އާއްމުކޮށްފައެއް ނުވެއެވެ. 

"ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އެކި ފަހަރު މަތިން އައްޑޫ ސިޓީ ހިދަތޫގެ އެކި ސަރަހައްދުތަކުން ވެލި ނަގާފައި ވާތީ ކައުންސިލުން ވަނީ ދެ ފަރާތެއް 4000 ރުފިޔާއިން ޖޫރިމަނާކޮށްފަ. އަދި މިކަމާއި ގުޅިގެން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވެސް ޖޫރިމަނާ ކުރެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން. އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ވެލި ނަގަމުން ގެންދާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފަ. އެހެންކަމުން އެފަދަ އަމަލުތައް ހިންގަވާ ފަރާތްތަކުން މިކަން ހުއްޓަވާލެއްވުމަށް އިލްތިމާސްކުރަން،" ކައުންސިލުން ބުނެފައި ވެއެވެ. 

މީގެ ކުރިން ވެސް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ވެލި ނަގާ ކަމުގެ މައްސަލަތައް ފެންމަތިވަމުންދެއެވެ. އަދި އައްޑޫ ސިޓީ ނޭޗާ ޕާކުގެ އީދިގަލި ކިޅި އަދި ކޯއްޓޭ ހިމެނޭ ސަރަހައްދުން ގަވާއިދާއި ހިލާފަށް ކަޅުފަހާއި އަކިރި އަދި ދޮންވެލި ނަގާ ކަމުގެ ޝަކުވާތައް ވެސް ރައްޔިތުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ކައުންސިލަށް ވަނީ ހުށަހަޅާފައެވެ.

އެހެންކަމުން ކައުންސިލުން ބުނީ ހުއްދަ ހޯދުމަކާއި ނުލައި ހިންގާ މިފަދަ މުއާމަލާތްތައް ހުއްޓުވުމުގެ ގޮތުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި، ތިމާވެށި ހިމާޔަތްކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުންނާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ހުއްދަޔަކާއި ނުލާ ވެލި އަދި އަކިރިފަދަ އެނޫންވެސް ބާވަތްތައް ނެގުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި، ތިމާވެށި ހިމާޔަތްކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މަނާކޮށްފައިވާ ކަމެކެވެ. 

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ. 

އަދި އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، އަދި ހިތަދޫ މާކިޅިގެ އިތުރުން މެދެއާރަ އަދި ފެހެލެ ކިޅި، އަދި މީގެ އިތުރުން ހުޅުދޫ މާފިށި ކިޅި (ކޭވަކާ ގޮނޑޮ) އާއި، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މިމަހުގެ ނުވަވަނަ ދުވަހު ނިންމަވައިފަ އެވެ.

އެ ސަރަހައްދުތަކަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް