ads
މާލޭގެ މަގުމަތި--
ކުރި މަސައްކަތް ފެނަށް ނުވަނީސް ފިޔަވަޅުތަކަށް ބޯލަނބާ!
ކޮވިޑާއި ގުޅިގެން ދޮޅު މަހެއްހާ ދުވަހުގެ ލޮކްޑައުންއަކަށް ފަހު މާލޭ ސަރަހައްދު މެއި މަހުގެ ފަހުކޮޅު ހުޅުވާލާފައި ވަނީ "ނިއު ނޯމަލް" ގެ ފިޔަވަޅުތަކާއެކު އެވެ. ފިޔަވަހިތަކަށް ބަހާލައިގެން ދިން ލުއިތަކާއެކު ފެނިގެންދިޔައީ ޑޮކްޓަރުންގެ ހިތަށް ވެސް ނާރާވަރަށް ކޮވިޑްގެ ކޭސްތައް މަތިވެގެންދިޔަ މަންޒަރެވެ. ކޭސްތަކުގެ އަދަދު މަތިވަމުން ގޮސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އޮގަސްޓް މަހުން ފެށިގެން މިމަހުގެ ކުރީކޮޅާ ހިސާބަށް ފެނިގެންދިޔައީ 100 އިން މަތީގައި އުޅޭ މަންޒަރެވެ. ރާއްޖެއަށް ކޮވިޑްގެ ދެވަނަ ރާޅެއް ފޯރާއި، ބިރުވެރި ހާލަތެއްގައި ތިއްބާ މިއަދު މިވަނީ ހިތްހަމަޖެހުމުގެ ކުޑަ ނޭވާއަކާއި ހިސާބަށް އާދެވިފަ އެވެ.

ކޮންމެ ދުވަހެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100 އިން ދަށްކުރެވުނަސް މިވަރުން އަދި ފުދޭކަށް ނެތެވެ. އަދި ބަލިމަޑުކަން ފެތުރޭ މިންވަރު ދަށްކުރެވިފައިވާކަން ވެސް އަދި ޔަގީނެއް ނުކުރެވެ އެވެ. މިފަހުން ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ރާއްޖެއިން މިހާރު ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ދަށްކަމުގައި ވިޔަސް އެ އަދަދަކީ ޔަގީން އަދަދެއްކަން ކަށަވަރުކުރަން ދެތިން ހަފުތާ ނަގާނެ ކަމަށެވެ. 

ކޮންމެއަކަސް ބޮޑު ބަލިމަޑުކަމެއް ފެތުރިގެންދާއިރު ވެސް މާލޭގެ ހަލަބޮލި މަގުމަތަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. ފެންނަ ހަމައެކަނި ތަފާތަކީ މާސްކްއާއެކު މީހުން ބޭރުގައި އުޅޭ މަންޒަރެވެ. މަގުމަތިން ކިރިޔާ ވެސް ބަޔަކު މަދު ކަމަށް ފެނިގެންދަނީ އުޅަނދު ދުއްވުން މަނާކުރި ވަގުތުން ފެށިގެން ކާފިއުގެ ވަގުތު ހަމަވަންދެކަށެވެ. އިޖުތިމާއީ ގާއިދުރުކަމަށް ވެސް މާބޮޑު ސަމާލުކަމެއް ނުދޭއިރު ގިނަ ފިހާރަތަކުން ވެސް ފެންނަނީ ގައިޑްލައިންތަކުގައި ލިޔެފައިވާ އެއްޗަކާއި މުޅިން ތަފާތު މަންޒަރެކެވެ. 

މިކަމުގައި ވެސް ޑރ. އަފްޒަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ލުއިތައް ދިނީ ޒަރޫރީ ބޭނުންތަކުގައި ފަސޭހައިން ބޭރުގައި އުޅެވޭނެ އިންތިޒާމު ހަމަޖައްސަން ނަމަވެސް މަގުމަތިން ބަލިމަޑުކަމެއް ފެތުރޭ މަންޒަރު ނުފެންނަކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ތަކުރާރުކޮށް އިލްތިމާސްކުރެއްވީ އެއް ވާހަކަ އެކެވެ. އެއީ މިވަގުތު ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރުގައި ނޫޅުމާއި ބޭރުގައި އުޅޭއިރު ވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލެނބުމެވެ. އަދި ލުއިތައް ދިނީ ބަލިމަޑުކަމުން އަރައިގަނެވިގެން ނޫންކަމަށާއި އެކަމަކު ލުއި ދިނުން ނޫން ގޮތެއް ވެސް ނެތިގެންކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރެއްވި އެވެ. 

ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދިންއިރު ކޮންމެ ފިޔަވައްސަކަށް ވެސް އެ ދިން ކޮންމެ ލުޔެއް ވެސް ދިނީ އަމަލުކުރަން ޖެހޭ ގައިޑްލައިންތަކެއް ނެރުމަށް ފަހެވެ. އެހެންކަމުން، ކޮންމެ ރައްޔިތަކު ވެސް އެ ގައިޑްލައިންތަކަށް ބޯލެނބުމަށް ޑޮކްޓަރުން ކޮންމެ ރެއަކު އާދޭސްކުރެ އެވެ. އަދި ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަކަށް ބޯލެނބުމާއެކު ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމާއެކު ގިނަ ގިނައިން އަތްދޮވުމަށް އެދެމުންދާ ނަސޭހަތްތައް ކޮންމެ ރެއަކުމެދަނީ ތަކުރާރުކުރަމުންނެވެ. ސަބަބަކީ، ކުރިން ފާހަގަކުރި ގޮތަށް ދޮޅު މަހެއްގެ ލޮކްޑައުނުން ރައްޔިތުން އެ އުފުލި ބުރަ އާއި ތަކުލީފް ފެނަށް ވެދާނެތީ އެވެ. އަދި ހަ މަސް ދުވަހަށް މުޅި ގައުމު ހުއްޓުވާލާ، މި އެޅި ފިޔަވަޅުތަކުގެ ސަބަބުން ނަތީޖާ ނުފެނި އަލުން ކުރި މަސައްކަތް ކުރަން ޖެހިދާނެތީ އެވެ. އެހެންކަމުން، ޑޮކްޓަރުންގެ އާދޭހަށް ބީރު ކަންފަތެއް ދީގެން ފަހުން އަރުގައި ހިތި ރަހަ ލާފާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް