ads
އުއްތަމަ ފަނޑިޔާރާއި ރައީސުލް ޖުމްހޫރިއްޔާ
ސުޕްރީމް ކޯޓަށް ބާރަ އަހަރު- ހާސިލުވީ ކޮން ކަމެއް؟
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަމުގައިވާ ސުޕްރީމް ކޯޓު އުފެދުނުތާ މިއަދަށް ބާރަ އަހަރުވީއެވެ. ވޭތިވެ ދިޔަ ބާރަ އަހަރުގެ ކުރު މާޒީއަށް ބަލާލާއިރު ފެންނަން އޮތީ، ވެރިކަމުގެ ބާރުގައި އޭރަކު ތިބި ބަޔަކު ބޭނުންވާ ގޮތަކަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރާ މަންޒަރުކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

މީގެ 12 އަހަރު ކުރިން 2008 ވަނަ އަހަރު ތަސްދީޤު ކުރެވުނު ޤާނޫނު އަސާސީގެ ދަށުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސުޕްރީމް ކޯޓެއް އުފެދުނީ 18 ސެޕްޓެމްބަރު 2008 ގައެވެ. ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އެ ދުވަހު އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރެވުނީ، އިންތިގާލީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ސަޢީދު، އަލްއުސްތާޒު މުޖުތާޛު ފަހްމީ، އަލްއުސްތާޒު ޔޫސުފު ޙުސައިން، އަލްއުސްތާޒު ޢަބްދުﷲ ޢަރީފު އަދި އަލްއުސްތާޒު އަޙުމަދު ފާއިޒު ޙުސައިންނެވެ. އެއީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ. އެންމެ ފުރަތަމަ އައްޔަން ކުރެވުނު އިންތިގާލީ އުއްތަމަ ފަނޑިޔާރަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ނެރުނު އަމުރަކާއި ގުޅިގެން ޖަލަށް ލެވުނު އަލްއުސްތާޒު ޢަބްދުﷲ ސަޢީދުއެވެ.

your imageރައީސް ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެކު

ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު އިންތިގާލީ އިމްތިޒާމުގެ ތެރޭގައި އުފެއްދި ފުރަތަމަ ސުޕްރީމް ކޯޓުގެ ދައުރު ދެމި އޮތީ ގާނޫނު އަސާސީގައި ބުނާ ދާއިމީ ސުޕްރިމް ކޯޓް އުފެދެން ދެންނެވެ. ދާއިމީ ސުޕްރިމް ކޯޓް އުފެދި އާ ގާނޫނު އަސާސީގައި ބުނާ ދާއިމީ ސުޕްރިމް ކޯޓުގެ ދާއިމީ ސުޕްރިމް ބެންޗް އެކުލަވާލެވުނީ ރައީސް ނަޝީދުގެ ވެރިކަމުގައި 10 އޯގަސްޓް 2010 ގައެވެ. އެ ދުވަހު ގާނޫނު އަސާސީގައި ބުނާ ދާއިމީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ އަލްއުސްތާޒު އަޙުމަދު ފާއިޒު ޙުސައިންއެވެ. ދެން ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނުނީ އަލްއުސްތާޒު ޢަބްދުﷲ ސަޢީދު، އަލްއުސްތާޒު ޢަބްދުﷲ ޢަރީފު، އަލްއުސްތާޒު ޢަލީ ޙަމީދު، އަލްއުސްތާޒު އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނެވެ.

ދާއިމީ ސުޕްރިމް ކޯޓް އުފަންވެގެންދިޔައީ ވަގުތީ ސުޕްރިމް ކޯޓުގައި ތިއްބެވި ބައެއް ފަނޑިޔާރުން އަމިއްލައަށް އެ ފަނޑިޔާރުން ދާއިމީ ވެއްޖެކަމަށް ކަނޑައަޅައި ރައީސް ނަޝީދު އަށް ފޮނުއްވި ސިޓީއަކާގުޅިގެން އުފެދުނު ބޮޑު މައްސަލަގަނޑެއްގެ ތެރެއިންނެވެ. ވަގުތީ ސުޕްރިމް ބެންޗް ދާއިމީވެއްޖެކަން ކަނޑައަޅައި ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައިވަނީ ގާނޫނު އަސާސީގެ އިންތިގާލީ ބާބުގައި ބުނެފައިވާ އިންތިގާލީ ސުޕްރިމް ކޯޓުގެ އިންތިގާލީ އުއްތަމަ ފަނޑިޔާރު އަބުﷲ ސައީދު އެވެ. އަބުދުﷲ ސައީދުގެ އެ ސިޓީއާއެކު އުފެދުނު މައްސަަލަގަނޑުގެ ތެރެއިން ސުޕްރިމް ކޯޓަށް ދާއިމީ ފަނޑިޔާރުން އައްޔަނު ކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ތެރޭައި ސިޔާސީ ވެރިންގެ މެދުގައި ރާއްޖޭގެ ދާއިމީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަހާލަން ޖެހުނެވެ. ދާއިމީ ފަނޑިޔާރުންގެ ބެންޗް ބަހާލައިގެން އައްޔަނު ކުރެވުމަކީ ރާއްޖޭގެ އަދަލުއިންސާފުގެ ނިޒާމަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ބުނެ މިއަދު ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އަނެއްކާވެސް ސުޕްރީމް ކޯޓަށް ބަދަލު ގެނައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތެއްގައި އޮއްވާ، ފަހަކަށް މަދުކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިންއާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރީ 11 ޑިސެންބަރު 2014 އެވެ. އެއާއި އެކު އަނެއްކާވެސް އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އިންތިގާލީ މަރުހަލާގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އައްޔަން ކުރެވުނެވެ.

ފަސް ފަނޑިޔާރުންގެ ބެންޗެއްގެ ގޮތުގައި ސުޕްރީމް ކޯޓު އޮވެ ދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބަދަލެއްއައި 2018 ވަނަ އަހަރުގެ ކުރީކޮޅު ނެރުނު ބޮޑު އަމުރާއި އެކުއެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ބޮޑު އަމުރާއި އެކު، ރައީސް ޔާމީންގެ ވެރިކަމަށް ސިޔާސީ ގޮތުން އައި ބޮޑު ލޮޅުން މައިތިރި ކުރީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި ޢަލީ ޙަމީދު މުހައްމަދު ހައްޔަރުކޮށް މަގާމުން ވަކިކޮށްގެނެވެ.

އަނެއްކާވެސް އުއްމަތަ ފަނޑިޔާރު ބަދަލުވީއެވެ. މި ފަހަރު އުއްމަތަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނީ ޑރ. އަހްމަދު ޢަބްދުﷲ ދީދީ އެވެ. އަދި އެއާއި އެކު ކުރެވި މަގާމުން ވަކިކުރެވުނު ދެ ފަނޑިޔާރުންގެ ބަދަލުގައި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު ކުރިން އަދާ ކުރެއްވި ޢަބްދުﷲ ދީދީއާއި ޢަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނެވެ.

your imageޑރ. އަހްމަދު ޢަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު ދުވަހު      

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އަލުން ތަރުތީބު ކުރެވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް މާ ގިނަ ދުވަހަކު މަގާމުގައި ތިބެވޭ ގޮތެއް ނުވިއެވެ. 2018 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައިވެސް އެންމެ ކުރިން ފެށުނު މަސައްކަތަކީ ސުޕްރީމް ކޯޓު ބަދަލުކުރުމުގެ މަސައްކަތެވެ. މި ފަހަރު އެހެން ފަހަރުތަކާއި ޚިލާފަށް ބެންޗުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން މަގާމުން ވަކިކުރެވުނު އިރު، އެއް ފަނޑިޔާރު އަމިއްލަފުޅަށް އެދިވަޑައިގެން ރިޓަޔަ ކުރެއްވީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި، ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަން ކުރެވުނީ، ފަސް ފަނޑިޔާރުންގެ ބެންޗެއްގެ ގޮތުގައި އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުވެސް ކުރުމާއި އެކުއެވެ. އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއެވެ. އަޒްމިރާލްދާ ޒާހިރުއާއި އެކު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުހައްމަދުވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނެވެ.

your imageސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން 2 ފަނޑިޔާރުން

ރައީސް ޔާމީންގެ ވެރިކަމުގައި މަގާމުން ވަކިކުރެވުނު އަޙްމަދު މުޢުތަސިމް އަދުނާން އަލުން އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ ހުސްވި އަހަރުގެ ފަހުކޮޅުއެވެ. އަދި ޑްރަގު ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި މަހާޒް އަލީ ޒާހިރުއާ، ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބު ކަމުގެ މަގާމުގައި ހުންނެވި ހުސްނުއްސުޢޫދުވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނެވެ. ސުޕްރީމް ކޯޓަށް އެންމެ ފަހުން އައްޔަން ކުރެވުނީ ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގެ ކުރު މާޒީއަށް ބަލާލާއިރު ފެންނާން އޮތީ ކުރު މުއްދަތެއްގެ ތެރޭގައި ފަނޑިޔާރުން ބަދަލުވެފައިވާ މަންޒަރެވެ. ޤާނޫނަށް ބަދަލުގެނެސް އެކި ފަހަރު މަތިން ފަނޑިޔާރުންގެ އަދަދުވެސް ބަދަލުކޮށްފައިވެއެވެ. 12 އަހަރުގެ ތެރޭގައި ފަސް ފަހަރެއްގެ މަތިން ހަތަރު ބޭފުޅަކު އުއްތަމަ ފަނޑިޔާރުކަން ކުރައްވައިފިއެވެ. އެވްރެޖްކޮށް ބަލާނަމަ އެއީ އުއްމަތަ ފަނޑިޔާރަކަށް ދެ އަހަރާއި ކުޑަ ދުވަސްކޮޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް