ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫން--
ވިހި އެކާވީހަށް ފަތުރުވެރިކަން ކޮޅަށް ޖެހުމުގެ އަމާޒުގައި!
ކޮވިޑް-19 އާއި ގުޅިގެން އެކަމުގެ އެންމެ ބޮޑު އަަސަރެއް ރާއްޖެއިން ކޮށްފައިވަނީ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ރަންބިސްއަޅާ ކުކުޅުގެ ގޮތުގައި ފާހަގަކުރަމުން އައި ފަތުރުވެރިކަމުގެ ސިނާއަތް، ކޮވިޑް-19 އާއި އެކު އެކީ އެކައްޗަކަށް ހުއްޓުނެވެ. މިއާއިއެކު އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނޭ ގޮތެއް ނެތި އަދި ގައުމުގެ އާމްދަނީވެސް ބޮޑުތަނުން ދަށަށް ދިޔައެވެ.

ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވަމުން އަންނަވާ މަސައްކަތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ގިޔަރު ކުރިއަށްޖައްސަވާ ހިންގާލުމަށް ބައިވެރިއެއްގެ ގޮތުގައި އިހްތިޔާރު ކުރެއްވީ މިދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރެއްވި ޑރ. އަބްދުﷲ މައުސޫމެވެ. 

ޓޫރިޒަމްގެ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މައުސޫމް ވަނީ ރާއްޖޭގެ ޓޫރިޒަމް މާކެޓް ކުރުމަށް އުފެއްދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ވެސް ހިންގަވާފަ އެވެ. ރައިސް މައުމޫނު ސަރުކާރުގައި ވެސް ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަނު ކުރެއްވި އިރު ހުންނެވީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އެންމެ އިސް މަގާމުކަމު ގައެވެ.

ކޮވިޑާއި އެކު ހުއްޓިފައިވާ ފަތުރުވެރިކަން އަލުން ފަށައިގަތުމުގައި އަދި އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މިނިސްޓަރު މައުސޫމްގެ ވިސްނުންފުޅާއި މަގުޗާޓު ސާފެވެ. ޑރ. މައުސޫމް މަގާމާއި ހަވާލުވެވަޑައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ދޭ، ސޭފް ޓްރެވަލް ސްޓޭމްޕް ލިބިފައެވެ.

ސީއެންއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ސޭފް ޓްރެވަލް ސްޓޭމްޕް މިދަނޑިވަޅަށް ވަރަށް މުހިންމު ކަމަށެވެ. ރާއްޖޭގެ ކޮވިޑް ހާލަތު އޮތްގޮތުން ކޮވިޑް ފެތުރެމުން އަންނަނީ މާލޭގައި ކަމަށާއި، އަދި އެނޫން ހިސާބެއްގައި ނުފެތުރޭ ކަން ގިނަ ބަޔަކަށް އިނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ރާއްޖޭގެ ކޮވިޑް ނަމްބަރުތަކަށް ބެލުމުން "ރެޑް އެލާޓް" އަޅާ ކަމަށާއި، އެހެން ނަމަވެސް މި ހާލަތުގައި ސޭފް ޓްރެވަލް ސްޓޭމްޕް ލިބުމުން އެ ރެޑް އެލާޓް "ގްރީން އެލާޓް"އަށް ބަދަލުވެގެން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

your imageޑރ. މައުސޫމް ސީއެންއެމްއަށް ދެއްވި އިންޓަވިއުގެ ތެރެއިން--

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަރައިގެން ދިޔައެވެ. ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި 15 ގަ އެވެ. އޭގެ ފަހުން ބައެއް ރިސޯޓްތައް ވަނީ ހުޅުވާލާ ފަތުރުވެރިންނަށް މަރުހަބާ ކިޔަންފަށާފައެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ މިވަގުތުވެސް ރާއްޖޭގައި 82 ރިސޯޓްގެ 20،000 އެނދު އަދި 105 ސަފާރީ އުޅަނދަކުން 2000 އެނދު ފަތުރުވެރިންނަށް ހުޅުވިފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 15 ގައި ރާއްޖޭގެ ގެސްޓް ހައުސްތައް ހުޅުވުމުން ޖުމުލަ 25،000 އެނދު ފަތުރުވެރިންނަށް ހާއްސަކުރެވޭނެ ކަމަށެވެ.

ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިން ގެނައުމަށް މިވަގުތު މަސައްކަތް ކުރަމުން އަންނަނީ "ކައިރިޔަސް، ދުރަސް" ހުރިހާ މާކެޓަކަށް އަމާޒުކޮށްގެން ކަމަށެވެ. 

"ރަޝިޔާއިން އިރާދަކުރެއްވިއްޔާ ކަންކަން ވަރަށް ފަހިވެފަ މިއޮތީ. ރަޝިޔާ ފްލައިޓް ސީދާ އަންނަން ފެށީމަ އެބަ އާދޭ ފަތުރުވެރިން. ދެން ޔޫރަޕް ގައުމުތަކަށް ބަލާއިރު އެންމެ ޕޮޒިޓިވް ހަބަރެއް މިލިބުނީ ޖަރުމަނުން. ޖަރުމަނު މީހުންވެސް ރާއްޖެއައިސްފަ އެނބުރި ގޮސްފަ ކަރަންޓީން ވާކަށް ނުޖެހޭނެ އޮކްޓޫބަރު އެކަކުން ފެށިގެން."

ސަރުކާރުގެ އަމާޒު: 2021 ވަނަ އަހަރު އެއް މިލިއަން ފަތުރުވެރިން

މިނިސްޓަރު މައުސޫމް ވިދާޅުވީ އަންދާޒާ ކުރަނީ ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ލައްކައަކަށްވުރެއް ގިނަ ޓޫރިސްޓުން އަންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ އަދަދު ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އަދި އުންމީދަކީ ވެސް އެ އަދަދު ބަދަލުވުންކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ. 

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ މަސައްކަތް ކުރަނީ އަދި އުންމީދަކީ މަހަކަށް ވުރެއް މަހެއް ރަނގަޅު ކުރަމުން ގޮސް 2021 ވަނަ އަހަރުން ފެށިގެން އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަން ނިމުމަކަށްގެނެސް އާރޯކަމެއް ގެނައުމަށް މިނިސްޓަރުގެ އެންމެ ބޮޑު އެއް އަމާޒެއް މިވަގުތު ހުރީ ރަށްރަށުގައި ހުރި "ކުދި ހޮޓާ" [ގެސްޓްހައުސް] ތަކުގެ ތެރެއިންނެވެ.

ރާއްޖޭގެ ބޯޑަރުތައް ޖުލައި 15 ގައި ހުޅުވާލި ނަމަވެސް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. ޑރ. މައުސޫމް ވިދާޅުވީ "ގެސްޓްހައުސްތައް ހުޅުވާލާއިރު އެއްކޮށް ހުޅުވާލަނީ" ކަމަށެވެ. އަދި އެ ގެސްޓްހައުސްތައް ހުޅުވާލާއިރު ރަށްރަށުގައި ތިބޭ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނޭ ކަމަށް ވިދާޅުވި އެވެ. 

"މިކަމަކީ އެންމެން އެއްކޮށް މަސައްކަތް ނުކޮށް ކާމިޔާބު ވާނޭ ކަމެއް ނޫން. ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން ގަނޑެއްގައި ޖަހައިގެން ގަވައިދެއް ހަދައިގެން އުޅުމަށްވުރެއް ބޮޑަށް އެބަޔަކު އަމިއްލައަށް ގަބޫލުކޮށްގެން އުޅުމުން ލިބޭނެ އެއްޗެއް."

your imageޑރ. މައުސޫމް ސީއެންއެމްއަށް ދެއްވި އިންޓަވިއުގެ ތެރެއިން--

މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރު ވާހަކަދެއްކުން ބޮޑަށް އޮންނާނީ ޓޫރިސްޓުންގެ އަަދަދުން ނޫންކަމަށެވެ. އެހެން ނަމަވެސް ފަތުރުވެރިކަން ކުރިއަރާ ދާކަން ދައްކާނީ އޭގެން ލިބޭ ނަފާއިން ކަމަށެވެ. 

"އަދިވެސް ސީދާ ސީދާ އަޅުގަނޑުމެންނަށް މަންޒަރެއް ނުފެނޭ ކުރިއަށް އޮތް 6 މަހުގެ ތެރޭގައި ޓޫރިޒަމަށް ވެގެން ދާނެ ގޮތެއް. އެހެން ނަމަވެސް އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ މުޅި ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ ވަރުގަދަ އަޒުމުން."

ޑރ. މައުސޫމް ވިދާޅުވީ، 2021 ވަނަ އަހަރަކީ ފަތުރުވެރިކަން ހިނގައިގަނެ ދިވެހިންގެ މޫނުމައްޗަށް މާޔޫސްކަމުގެ ބަދަލުގައި ހިނިތުންވުމެއް ގެނުވާނެ އަހަރެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް