ads
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުން-- ފޮޓޯ: ރައީސް އޮފީސް
މާލޭގައި ޕާކުކުރުމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރަން މަޝްވަރާކޮށްފި
މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތަކަށް ހައްލު ހޯދުމަށް މާލޭގައި ޕާކުކުރުމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި ގުޅޭގޮތުން ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި މާލޭގައި ޕާކުކުރުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅުމާއި، އެ ކަމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވާ ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، އަދި ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ބައިވެރިވެ ވަޑައިގަތެވެ. އަދި މާލެ ސިޓީގެ މޭޔަރާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް ބޭފުޅުން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް