ads
ޒަކާތަކީ މުދަލަށް ތާހިރުކަމާ އިތުރުވުން ގެނެސްދޭ އަޅުކަމެއް: ހުތުބާ
ޒަކާތަކީ މުދަލަށް ތާހިރުކަމާ އިތުރުވުން ގެނެސްދޭ އަޅުކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މުދަލަކީ އެ އެއްޗަކަށްޓަކައި އިންސާނުންގެ ހިތްތަކުގައި ގަދަވެގެންވާ ލޯތްބެއް ޖެހިފައިވާ އެއްޗެއްކަމަށެވެ. އަދި އިންސާނުން މުދަލަސް ކުރާ ލޯތްބަކީ ފިތުރީ ކަމެއްކަމަށްވެސް ބުނެފައިވެ އެވެ. މުދަލަށް ލޯބި ކުރުމުގައި ދެ ކަމެއް ހަނދާން ކުރަންޖެހޭ ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ މުދަލަކީ މާތްﷲ ގެ މިލްކެއް ކަމަށާއި، މުދާ ހަވާލުކޮށްފައިވަނީ އޭގެ ހައްޤުވެރިންނަށް ރައްދުކޮށްދިނުމަށްޓަކައި އަމާނާތެއްގެ ގޮތުގައި ކަމަށެވެ. 

ޒަކާތް ގުޅިފައިވަނީ މުދަލާ ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ޒަކާތް ބެހިގެން ވަނީ މައިގަނޑު ދެ ބައަކަށް ކަމަށެވެ. އެގޮތުން ފިތުރު ޒަކާތަކީ ރޯދަ މަހާ ވިދިގެން ނެރޭ ޒަކާތެއް ކަމަށާއި އަދި މުދަލު ޒަކާތަކި އެ މީހެއްގެ މުދަލުގައި ޒަކާތް ނިސާބު ހަމަވެ ހިޖުރީގޮތުން އަހަރު ވުމުން ނެރެންޖެހޭ އެއްޗެއްކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. 

މި ދެ ޒަކާތަކީ އެކަތި އަނެކެއްޗާ ގުޅިލާމެހިފައިވާ ދޭތި ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދެ ޒަކާތަކީވެސް ތަފާތު ދޭއްޗެއް ކަމަށެވެ. 

"ނަމަވެސް ބައެއް މީހުނަށް ޒަކާތަކީ ކޮބައިކަން ފަހުމްވެފައި ވަނީ ރަނގަޅަކަށް ނޫނެވެ. އެފަދަ މީހުންނަށް ހީވެފައި އޮންނަނީ ޒަކާތަކީ ހަމައެކަނި ރޯދަމަހާ ގުޅިގެން ނެރޭ ފިތުރު ޒަކާތް އެކަނިކަމަށެވެ. ފިތުރު ޒަކާތް ދެއްކުމުން ޒަކާތުގެ ރުކުން ފުރިހަމަ ކުރެވުނީ ކަމަށެވެ. އަނެއްބައި މީހުންނަށް ހީވެފައި އޮންނަނީ މުދަލުން ޒަކާތް ނެރެން ޖެހެނީ ހަމައެކަނި ވިޔަފާރި ވެރިންނަށް ކަމަށެވެ. ވިޔަފާރި ނުކުރާނަމަ، ވަޒީފާ އަދާކޮށްގެން ލިބޭ މުސާރަ، ނުވަތަ އެ ނޫން ގޮތަކަށް ވެސް ލިބޭ ފައިސާއިން ޒަކާތް ނެރެން ނުޖެހޭ ކަމަށެވެ. ނަމަވެސް ހަގީގަކީ ވިޔަފާރިވެރިއެއް ކަމުގައި ނުވި ނަމަވެސް ނިސާބު ހަމަވެ، ހިޖުރީ އަހަރު ފުރޭ އިރު، އެފައިސާ ނިސާބަށް ވުރެ މަދުނުވެ ހުރެއްޖެ ނަމަ، އެއިން ޒަކާތް ނެރެންޖެހޭނެ ކަމެވެ."

ޒަކާތަކީ މުދަލަށް ތާހިރުކަމާ އިތުރުވުން ގެނުވައިދޭ އަޅުކަމެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ ތަނަވަސްކަން ލިބިގެންވާ މީހުންގެ މުދަލުގައި އޭގެ ހައްޤުވެރިންނަށް މާތް ﷲ ސާޅިސްބައިކުޅަ އެއްބައި ލެއްވި ކަމަށެވެ. 

އެހެން ކަމުން އެމިންވަރާ މެދު ދަހިވެތިކަން ފާޅުނުކުރުމަށާއި، އެމިންވަރު ނެރެން ފަސްނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މުދަލު ޒަކާތާއި މެދު އިހުމާލުވުމަކީ ދުނިޔެ އާއި އާހިރަކުގައި ތިބާގެ ހަލާކު ކަމުގައި ވެދާނެ ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް