ads
އިންޑިއާ ސަފީރު ސަންޖޭ ސުދީރު-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާ-ރާއްޖެ ފެރީއާއެކު ބޭރުގެ ޝިޕިން ރޫޓު މެޕުތަކުގައި ކުޅުދުއްފުށި ހިމެނޭނެ: ސަފީރު ސަންޖޭ
އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީ ހިދުމަތުގެ ސަބަބުން ބޮޑެތި ޝިޕިން ކުންފުނިތަކުގެ ރޫޓު މެޕުގައި ހދ. ކުޅުދުއްފުށި ހިމެނިގެން ދާނެ ކަމަށް އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.
Advertisement

އިންޑިއާގެ ކޮޗިން އާއި ޓުޓިކޮރިން ބަނދަރުން ރާއްޖޭގެ ކުޅުދުއްފުއްޓާއި މާލޭގެ ބަނދަރަށް ކާގޯ ފެރީގެ ހިދުމަތް ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރައްމިއްޔާތެއް ބާއްވާފަ އެވެ. 

އެ ރަސްމިއްޔާތުގައި ސަންޖޭ ވިދާޅުވީ މި ހިދުމަތް ފެށުމުގެ ސަބަބުން އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ކުޅުދުއްފުއްޓަށް ކަމަށާއި، އެ ރަށުގެ ބަނދަރު ބައިނަލްއަގްވާމީ ޝިޕިން ކުންފުނިތަކުގެ މެޕުގައި ދެން ހިމެނޭނެ ކަމަށެވެ.

އޭގެ އިތުރުން މިއީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ، ސަގާފީ އަދި ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ސަންޖޭ ފާހަގަކުރެއްވި އެވެ. 

ޖިއޮގްރަފީ ގޮތުން އިންޑިއާ އޮންނަނީ ރާއްޖެއާ ކައިރީގައި ނަމަވެސް، އެގައުމަކީ ރާއްޖޭގެ އެކްސްޕޯޓަށް ބަލާއިރު ހަތަރުވަނަ މާކެޓެވެ. ސަންޖޭ ވިދާޅުވީ މި ފެރީގެ ސަބަބުން އެކަން ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށެވެ. 

"މި ފެރީގެ ސަބަބުން ބައިިލެޓަރަލް ވިޔަފާރި ފުޅާވެ، ހަރަދުތައް ކުޑަ ކުރެވި، ތަކެތި ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި މުދާ ލިބިގެން ދާނެ،" ސަންޖޭ ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ އެއް ބިލިއަން މީހުންގެ ބޮޑު މާކެޓެއް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިކަމުގެ ސިނާއަތަށް ހުޅުވާލެވިއްޖެ ކަމަށެވެ. 

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ފުރި ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައި ވާއިރު، އޭގައި ވަނީ މުހިއްމު މުދާ ހިމެނޭ ދެ ކޮންޓެއިނަރެއް ގެނެސްފަ އެވެ.

އެ ފެރީގައި ގެނައި މުދަލުގެ ތެރޭގައި ކާބޯތަކެތި، ސިމެންތި، މަސްވެރިކަމަށް ބޭނުން ކުރާ ސާމާނު، އޯގެނިކް ގަސްކާނާ، މެޝިން އާލާތްތައް އަދި ޕީވީސީ ޕައިޕް ހިމެނެ އެވެ. 

އެ ލިސްޓު ކުރިއަށް އޮތް ތަނުގައި ފުޅާވާނެ ކަމަށް ފާހަގަކުރައްވަމުން ސަންޖޭ ވިދާޅުވީ ކުޅުދުއްފުއްޓާއި ސަރަހައްދީ އެހެން ބަނދަރުތަކަށް ގެންނަ މުދަލުގެ ޑިއުޓީ 50 ޕަސަންޓު ކުޑަ ކުރުމަކީ ވިޔަފާރިވެރިންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.

"މީގެ ސަބަބުން ކުޅުދުއްފުއްޓަށް މުދާ ގެނައުން އިތުރުވެ، ލާމަރުކަޒީ ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކުރިއެރުން ލިބޭނެ،" ސަންޖޭ ފާހަގަކުރެއްވި އެވެ.

ސަންޖޭގެ ވާހަކާގައި ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގައި މި ވަގުތު 28 މަޝްރޫއެއް ހިންގަމުންދާކަން ފާހަގަކުރައްވާފަ އެވެ.

އަދި އޭގެ ތެރޭގައި ހިމެނޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ ސަބަބުން ވައިގެ މަގުން އިންޑިއާ އާއި ހަނިމާދޫ ގުޅިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއަކީ އިންޑިއާގެ އިތުރުން ހަނިމާދޫ އާއި މެދުއިރުމަތީގެ ގައުމުތަކާ ވެސް ފަސޭހައިން ވައިގެ ގުޅުން ގާއިމް ކުރެވޭނެ މަޝްރޫއެއް ކަމަށް ސަންޖޭ ވިދާޅުވި އެވެ. 

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ވެރިކަމުގަ އެވެ. 

އެއަށްފަހު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އެއް އަހަރު ދުވަހުގެ ދިރާސާތަކަށް ފަހު މި މަހު ހިދުމަތް ފަށައިގެން ފުރަތަމަ ފެރީ މިއަދު ކުޅުދުއްފުށީގައި ބަނދަރުކޮށްފައި ވާއިރު، ދެ ދުވަސް ތެރޭ އެ ފެރީ މާލެއަށް އަންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް