ads
ފޮޓޯ: ރައީސް އޮފީސް
އިޖްތިމާއީ މައްސަލަތައް ހައްލުކުރަން ދީނީ އިލްމްވެރިންގެ އެހީތެރިކަން ބޭނުންވޭ: ނައިބު ރައީސް
މުޖުތަމައަށް ކުރިމަތިވެފައިވާ އަހްލާގީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ދީނީ އިލްމުވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ، މުޖުތަމައަށް ކުރިމަތިވެފައިވާ އަހްލާގީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމާއި އަދި މުޖްތަމައުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމަށެވެ. 

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާ އެފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިހްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމައުގެ އަފްރާދުންގެ ތެރޭގައި އަށަގެންނެވުމަށް އިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް ނައިބް ރައީސް އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު، ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިލްމުވެރިން، ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ހިޔާލުފުޅުތައް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރައްވާފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިއާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވިކަން އިލްމުވެރިން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

މި ބައްދަލުކުރެއްވުމުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ އިލްމު ފެތުރުމަށް އިލްމުވެރިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހާއްސަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ ކަންކަމާއިމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އިލްމުވެރިން ކުރެއްވި ބުރަ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް