ads
ހުކުރު މިސްކިތް-- ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
މާލެ ހުކުރު މިސްކިތް މާދަމާ ހުޅުވާލަނީ
މާލެ ހުކުރު މިސްކިތް މާދަމާ ހުޅުވުމަށް ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ މާލޭ ހުކުރު މިސްކިތުގައި އެކެއް އޮކްޓޫބަރުވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިސްކިތް ހުޅުވާލުމާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ އިސްމާއިލް ނާއިލް ވިދާޅުވީ މިސްކިތް ހުޅުވާލަން ނިންމާފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ފަަށަން އޮތް މަޝްރޫއު ކޮވިޑް-19 އާއި ގުޅިގެން މަޑުޖެހި، ފެށެން ގިނަ ދުވަސްތަކެއް ނަގާނެކަމަށް ލަފާކުރެވޭތީ އެ މަސައްކަތް ފެށެންދެން މިސްކިތް މިވަގުތަށް ބަންދުކޮށްފައި ބަހައްޓަން ބޭނުންނުވާތީއާއި އެ މިސްކިތަކީ ވަރަށް މުހިންމު ހިސާބެއްގައި ހުރި އާއްމުންގެ ގިނަ ބަޔަކު ބޭނުންކުރާ މިސްކިތަކަށް ވާތީކަމަށެވެ.

މާދަމާ މިސްކިތް ހުޅުވާލަން ނިންމާފައިވާއިރު މިނިސްޓްރީން ބުނީ މިސްކިތަށް ބޭނުންވާ މުހިންމު މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ކަތުރުފަނި އެޅުމުގެ ސަބަބުން ގެއްލުންވެފައިވާ ލަކުޑިތަކާއި ހިރިގަލަށް ދޭން ޖެހޭ ޓްރީޓްމެންޓްތައް ދީފައިވާކަމަށާއި މިސްކިތުގެ ކާޕެޓް ނަގާ ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކޮށް ސާފުކުރެވޭ ފްލޯރިންނަކަށް ފްލޯރިން ބަދަލުކުރެވިފައިވާ ކަމަށާއި އަދި ގޯތިތެރެއަށް ވެލިލާ މިސްކިތުގައި ކުރަންހުރި މުހިންމު މަރާމާތުތައް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ މިސްކިތް ބަންދުކުރިއިރު އެންމެ ބޮޑަށް ފާހަގަކުރެވުނީ ކަތުރުފަނީގެ މައްސަލަ ކަމަށާއި އެކަމުގެ ސަބަބުން މިސްކިތުގެ ހުރިހާ ބަޔަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުރިކަމަށެވެ.

މީގެއިތުރަން ނާއިލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުންނާއި ތަނަކީ އާސާރީތަނަކަށް ވުމުން އެއްކޮށް ދާއިމީ ހައްލެއް ނުގެނެވުނުކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި ރަނގަޅު މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން ރަނގަޅު އިންޓަވަލްގައި ދޭން ޖެހޭ ޓްރީޓްމެންޓް ދެވެމުންދާނެކަމަށެވެ. އަދި މިވަގުތު ދެވިފައިވާ ޓްރީޓްމެންޓްތަކަަކީ ވެސް އެކަށޭނަ މުއްދަތަކަށް ހައްލުކުރެވިގެން ދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ. 

ހެރިޓޭޖް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ހުޅުވުމަށް ކުރެވުނު މަސައްކަތަށް އިސްލާމިކް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލަށާއި ސްޓެލްކޯއިން ވެދެއްވި އެހީތެރިކަމަށް ހެރިޓޭޖް މިނިސްޓްރީ އާއި ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖްގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. 

މާލެ ހުކުރު މިސްކިތުގެ މަތިވަޑާން ގަޑަށް މިހާރު ވަނީ 200 ވުރެ ގިނަ އަހަރު ވެފައެވެ. އެތަނުގެ އެންމެ ބޮޑު މަރާމާތެއް އެންމެ ފަހުންކޮށްފައިވަނީ 1986 އިން 1987 އަށެވެ. އެފަހަރު އިންޑިއާގެ ތަރިކައާ ސަގާފަތް ރައްކާތެރިކުރުމާ ބެހޭ އިދާރާތަކުގެ ޓީމަކާއި ރާއްޖޭގެ ޓީމަކާއި ގުޅިގެން އޭރުގައި ފަނި ބޮއިފައި ހުރި ބެރިތައް ފިލްކޮށް، މިސްކިތުގެ މަތިވަޑާންގަޑަށް ވަރަށް ބައިވަރު ޓްރީޓްމެންޓްތަކެއް ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް