ads
ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަނީ--
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު 50 އިންސައްތަ ދަށަށް ހިނގައްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން 51 ޕަސަންޓު ދަށަށް ހިނގައްޖެ އެވެ.

ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން ވަނީ 51 ޕަސަންޓު ދަށްވެފަ އެވެ. 

އޭގެ އިތުރުން މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު، ދެވަނަ ކުއާޓާގައި ޖީޑީޕީ ވަނީ 54 ޕަސަންޓު ދަށްވެފަ އެވެ. އެ ދަށްވުން އައީ ފަތުރުވެރިކަމުގެ ދާއިރާ 25.5 ޕަސަންޓު ފަހަތަށް ދިޔުމުންނެވެ. 

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓި، ފަތުރުވެރިކަން ހީނަރުވުމުން އޭގެ އަސަރު އެހެން ސިނާއަތްތަކަށް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ޓެލެކޮމިއުނިކޭޝަން ދާއިރާއިން 6.8 ޕަސަންޓު އަދި ހޯލްސޭލާއި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން 4.0 ޕަސަންޓު ދަށްވެފައި ވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ބަންދުކުރި ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލީ ޖުލައި 15 ގައެވެ. އެއަށްފަހު މަޑުމަޑުން ފަތުރުވެރިން އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ސެޕްޓެމްބަރު 23 އާ ހަމައަށް ވަނީ 16،405 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ. 

ޖުލައި މަހު 1،752 ފަތުރުވެރިން ރާއްޖެއަށް އައިއިރު އޮގަސްޓް މަހު އައިސްފައި ވަނީ 7،628 ފަތުރުވެރިންނެވެ. އަދި މިމަހުގެ 23 ގެ ނިޔަލަށް އައިސްފައި ވަނީ 7،076 މީހުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމެވެ. އެހެންކަމުން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ދަނީ ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް