ads
މަޖިލިސް-
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ހޯމަ ދުވަހު ފަށަނީ
އެއް މަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާ އޮތީ ސެޕްޓެމްބަރު 6 ގައެވެ. އެ ޖަލްސާއަށް ފަހު މަޖިލީހުގެ މެމްބަރުން ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. 

ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ފަށާއިރު، އެޖެންޑާގައި ހިމެނޭ އެންމެ ބޮޑު އެއް ކަމަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރުމެވެ. 

އެ ދުވަހުގެ ޖަލްސާއަށް އަސްލަމް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވުމަށް ހުށަހަޅާފައިވާ ސުވާލުތަކާ ގުޅިގެންނެވެ. 

އެއީ މާވަށު އުދައަރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެ ތާރީހާއި ނިމޭނެ ތާރީހު އަދި އެ ރަށު ބިން ހިއްކުމުގެ ސާވޭ ނިމި ކުރެހުމަށް ކައުންސިލުގެ ރުހުން ލިބިފައި ވާތީ އެ މަސައްކަތް ފަށާނެ ތާރީހު ސާފު ކުރުމަށެވެ. 

އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރެއް އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. އާސިމް އަހްމަދު، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުން ވެސް އެޖެންޑާގައި ހިމެނެ އެވެ. 

އެޖެންޑާގައި ދެން ހިމެނެނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް އާއި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލެވެ. 

މަޖިލީހުގެ މި ދައުރުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ މެދު ބަހުސްކޮށް ގޮތެއް ނިންމާނެ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ 2021 އަށް ލަފާ ކުރާ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް