ads
މަސްވެރިންތަކެއް ދޮށި އަޅަނީ
މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާއި ބެހޭ ގަވާއިދު އާއްމުކޮށްފި
މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާއި ބެހޭ ގަވާއިދު ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފި އެވެ.

"މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާ ބެހޭ ގަވާއިދު" ގެ މަގްސަދަކީ، އެކްސްޕޯޓަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގައި، މަސްވެރިންގެ އަތުން މަސް ގަނެގެން އެކްސްޕޯޓްކުރާ ފަރާތްތަކުން މަސްވެރިންނަށް ހުށަހެޅޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުން ޕްރޮސެސްކުރާ ނުވަތަ ރައްކާކުރާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅައި އަގުތަކުގައި މަސް ގަތުމަށް ލާޒިމުކުރާ އަގު ކަނޑައެޅުމުގައި މަސްވެރިންނާއި މަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކަށް އިންސާފުވެރި ގޮތެއްގައި އެފަދަ އަގުތަކެއް ކަނޑައެޅުމުގެ ހަމަތައް އެކަށައެޅުން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ގަވާއިދު ހިނގާނީ އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސް ކުރުމުގެ ލައިސަންސް ލިބިގެން މަސް ގަތުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އެ ފަރާތްތަކުން އޮޕަރޭޓްކުރާ ކަލެކްޓާ ބޯޓުފަހަރަށާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްގަތުމުގައި ހަރަކާތްތެރިވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ބޭރުގެ އުޅަނދުފަހަރަށް ކަމަށެވެ.

އެ ގަވާއިދުގައި ވާގޮތުން މަސްވެރިންގެ އަތުން މަސް ގަނެވޭނެ އެންމެ ދަށް އަގު، އެ ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ. އެގޮތުން ކަނޑައަޅާ އަގުތައް ކަނޑައެޅުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނު ކުރަންވާނެކަމަށާއި އެ ގަވާއިދުގެ ދަށުން މަސްވެރިކަމަކަށް ކަނޑައަޅާ މަސް ގަނެވޭނެ އެންމެ ދަށް އަގު، މަދުވެގެން ކޮންމެ 12 މަސްދުވަހަކުން އެއްފަހަރު މުރާޖައާކޮށް އިއުލާނު ކުރަންވާނެކަމަށް ގަވައިދުގައިވެ އެވެ. 

އެ ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގައި މިނިސްޓްރީގެ ފަރާތުން ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، މަސްވެރިންގެ އާމްދަނީއާއި، މަސްވެރިކަމަށް ކުރާ ހޭދައާއި، މަސްވެރިކަމުން އުޅަނދަށް ލިބޭ އާމްދަނީއާއި، އަދި މަސްވެރިކަމުގެ ހަރަދާއި، އުޅަނދު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނު ހިމެނޭ ގޮތަށް މަސް ގަންނަ ފަރާތްތަކުގެ އާމްދަނީއާއި، މަސް ގަނެ ޕްރޮސެސްކޮށް ރައްކާކޮށް އެކްސްޕޯޓް ކުރުމަށް ކުރާ ހަރަދު ހިމެނެއެވެ.

އަދި މަސް ގަންނަ ފެސިލިޓީ ގާއިމުކުރުމަށް އެ ފަރާތްތަކުން ކުރާ ހޭދައާއި އިންވެސްޓްމަންޓުގެ އަގާއި ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރު އަދި މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅޭ މަސްވެރިކަމުގައި ބާނާ މަހަށް ބޭރުގެ ބާޒާރުގައި އެކްސްޕޯޓް ކުރުމުން ލިބޭ އަގުގެ އިތުރުން ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އާންމު ހަރަދުތަކާއި މަސައްކަތްތެރިންނަށް ދިނުމަށް އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފައިވާނަމަ، އެ އުޖޫރައިގެ މިންވަރަށްވެސް މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގައި މިނިސްޓްރީގެ ފަރާތުން ރިއާޔަތް ކުރަންޖެހޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެ ގަވާއިދުގެ ދަށުން ކަނޑައަޅާ މަސް ގަންނަ އެންމެ ދަށް އަގަށްވުރެ ކުޑަ އަގެއްގައި، މަސް ގަތުމަކީ ނުވަތަ މަސް ގަންނަން ހުށަހެޅުމާއި މިނިސްޓްރީއަށް ދޭންޖެހޭ މައުލޫމާތު އޮޅުވައިލުމަކީ ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުމަކީ ނުވަތަ މައުލޫމާތު ދިނުމަށް އިންކާރު ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި އެފަދަ އަމަލެއް ހިގައިފިނަމަ، އެ ފަރާތަކަށް މަސްގަތުމުގެ ލައިސަންސް ދޫކޮށްފައިވާ ގަވާއިދުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނުވަތަ އިދާރީ ފިޔަވަޅު އެޅޭނެކަމަށް ގަވާއިދުގައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް