ads
ކްރިމިނަލް ކޯޓް---
ގާޒީގެ ނަސޭހަތް އަދީބަށް: ތައުބާ ވެވޭނީ ފައިސާ ހޯދައިދީ ހަގީގަތް ހާމަކުރުމުން
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ހުކުމް ކުރުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު، އަދީބަށް ނަސޭހަތް ދެއްވައިފި އެވެ.

ގާޒީ ހަސަން ސައީދު ވިދާޅުވީ އެހާ ޒުވާން އުމުރުގައި އެހާމަތީ މަގާމެއް އަދި ޒިންމާއެއް އުފުލަންޖެހުމުން އެކަމާއި މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި އޭރު އަމަލުތައް ބެހެއްޓުނު ގޮތާއި މެދު އަމިއްލަ ނަފްސާ ސުވާލުކޮށްލުމަށް ގާޒީ އެދެލެއްވި އެވެ. 

ނަސޭހަތް ދެއްވަމުން ގާޒީ ވަނީ އެވާހަކަތައް ފާހަގަކުރައްވަނީ އަދީބަށް ދެރަގޮތެއް އެދިގެން ނޫންކަން ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ބޮޑު މަގާުގައި ހުރި އިރު އަދީބުގެ ކައިރީގައި މީހުން ތިބި ކަމަށާއި، އެހެން ނަމަވެސް މިއަދު އަދީބު ކައިރީގައި ތިބި މީހުންނާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަސްފަށް އަޅާލާނެ އިތުރު މީހަކު ތިމާނޫނީ ނުހުންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ސަބަބުން ރާއްޖެ މުޅި ދުނިޔޭގެ ކުރިމަތީ ފަލީހަތްވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރެވުނު ކަންކަމާއި މެދު ވިސްނާލާ އިސްލާހުވާންޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުން ދުރުހެލިވެ ތައުބާވުމަށް ގާޒީ ވަނީ އަދީބުގެ ކިބައިން އެދިފަ އެވެ. 

އަދީބަށް އަރައިގަނެވިފައިވަނީ މާތްﷲ ގެ ހައްޤަކަށް އަދި މުޖުތަމައުގެ ހައްޤަކަށްކަން ފާހަގަކޮށް ގާޒީ ވިދާޅުވީ ހިޔާނާތުގެ ހަގީގަތް ހާމަކޮށް ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދައިދީގެން މެނުވީ ތައުބާ ނުވާނެ ކަމަށެވެ. އަދި ވަރަށް ފުރިހަމަ ތައުބާއަކުން ތައުބާ ވާންޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

މިއަދުގެ ޝަރީއަތުގައި ގާޒީ މިވާހަކަތައް ދެއްކެވި އިރު، މީގެ ކުރިން ބޭއްވުނު އަޑުއެހުމުގައި އަދީބު ވަނީ އޭނާ ކުށްތަކަށް ތައުބާ ވާކަމަށް ވިދާޅުވެ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ޖުމުލަ 20 އަހަރުގެ ޖަލު ހުކުމެއް ކޮށް ދެ މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށްފަ އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް