ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ރައީސް އޮފީސް
ރައީސްގެ މުސާރަ ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި
ކޮވިޑް-19 އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދައުލަތުގެ ބައެއް މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުގައި ތާވަލުކޮށްފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެކެއް ޖޫން 2020 ގައި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 އަށެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންގެ މުސާރަ ކުޑަކޮށްފައިވެ އެވެ. 

ހަލީމް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ބުނެފައިވަނީ "ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިގެން އިނާޔަތްތަކާބެހޭ ގާނޫނު"ގައި ރައީސް އާއި ނައިބު ރައީސްގެ މުސާރަ ބަޔާންކޮށްފައިވަނިކޮށް، އަދި ވަކި ގާނޫނުތަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރައާއި، އިނާޔަތްތައް ގާނޫނަށް ބަދަލު ނުވަތަ އިސްލާހެއް ގެނައުމަކާ ނުލާ މަޖިލީހުން ކުޑަކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާއި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިގެން އިނާޔަތްތަކާބެހޭ ގާނޫނު، ހިޔުމަންރައިޓްސް ކޮމިޝަންގެ ގާނޫނު، އިލެކްޝަންސް ކޮމިޝަންގެ ގާނޫނު، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނު، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ގާނޫނު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ހަލީމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވާ އެ ބައިތަކަކީ ގާނޫނާ ހިލާފު ބާތިލު ނިިންމުންތަކެއްކަމަށް ކަނޑައަޅައިދިނުމަށް ވެސް މައްސަލައިގައި އެދިފައިވެ އެވެ. 

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިގެން އިނާޔަތްތަކާބެހޭ ގާނޫނުގައި ރައީސްގެ މުސާރައިގައި ކަނޑައަޅާފައިވަނީ 100،000 ރުފިޔާއެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 75،000 ރުފިޔާ އެވެ. ކޮވިޑް-19 އާއި ގުޅިގެން މަޖިލީހުން މުސާރައަށް ބަދަލުގެނައުމުން ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 65،000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 48،000 ރުފިޔާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް