ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އަދުހަމާ ދެކޮޅަށް އުފުލާފައި ވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވި އެވެ. އަދި ދައުލަތުގެ ވަކީލަކު ހިޔާރު ކުރި އެވެ.
ނަމަވެސް ހަމަ އެ ހަފްތާގައި ބޭއްވި ދެވަނަ އަޑުއެހުމުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކޮށް، އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ.
ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިންތާ އަށް މަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި އަދުހަމް ބުނެފައި ވަނީ ވަކީލަކު ހޯދަން ކަރެކްޝަނަލް ސާވިސްއިން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"މިތަނުން ފޯނު ކޯލެއް ލިބޭނީ އެ އިންނަ ޕްރޮސީޖާ ގެ ތެރެއިން. އެ ޕްރޮސީޖާގެ ތެރެއިން ދާން ހަދައިގެން ވަކީލަކު ހަމަ ޖެއްސުމަށް އަދި ފޯނުކޯލެއް ލިބިފައެއް ނުވޭ،" އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އޭނާ ބުންޏެވެ.
ވަކީލަކު ނެތް ނަމަވެސް އަތަށް ހުރިހާ ލިޔެކިޔުމެއް ލިބުމުން އެ މައްސަލަ ކުރިއަށް ގެންދަން ތައްޔާރަށް ހުރި ކަމަށާއި "ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އެނގޭ މިންވަރަކުން" ކުރިއަށް ދެވިދާނެ ކަމަށް އޭނާ ބުންޏެވެ.
މައްސަލަ ވަރަށް ރަނގަޅަށް ދިރާސާކޮށްފައިވާ ކަމަށާއި އަމިއްލަ ވަކީލަކު ހަމަޖެހުނު ނަމަވެސް އެކަހެރިކޮށް ބައްދަލު ނުކުރެވޭ ނަމަ ވަކީލަކު ހުރުމުގެ ބޭނުމެއް ނެތް ކަމަށް އަދުހަމް ބުނެފައި ވެއެވެ.
ދައުލަތުގެ ފަރާތުން ހަމަޖައްސައިދިން ދިފާއީ ވަކީލުގެ އަތުގައި މައްސަލައިގެ ލިޔުންތައް މިހާރު ހުރިއިރު، އެ ތަކެތި މިއަދު ކަރެކްޝަންސްއާ ހަވާލު ކުރާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
ގާސިމް މަރާލުމަށް ފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.