ads
ޖެންޑާ މިނިސްޓަރު--
އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ހާއްސަ އިސްކަމެއް ދެން: ޖެންޑާ މިނިސްޓަރު
އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވަން ހާއްސަ އިސްކަމެއްދީގެން މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު އެގޮތަށް ވިދާޅުވެފައި މިވަނީ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ "ކޮންވާސް ވިތް މިނިސްޓާ" ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ހަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ގާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. 

އަދި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރުކާރުން ކުރަމުންދާނެ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ކޮންވާސް ވިތް މިނިސްޓާ ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 10 އަހަރާއި 17 އަހަރާއި ދެމެދުގެ އަންހެން ކުދިން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. 

ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ބައިވެރިވި ކުދިން މިނިސްޓަރާ ކުރި ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކަންކަން ނިންމާ މަރުހަލާގައި އަންހެން ކުދިންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަމަހަމަ ކަމާއިއެކު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މުޖުތަމައު އެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށް ވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދގެ އާންމު މަޖިލީހުން ފާސްކޮށް، 2011 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ. މިއަހަރުގެ އަންހެންކުދިންގެ ދުވަހުގެ ޝިޔާރަކީ "މައި ވޮއިސް: އަވާ އީކުއަލް ފިއުޗާ" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް