ads
ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލައި މަގުތަކުގައި މުޒާހަރާކުރަނީ. ފޮޓޯ: އަލްޖަޒީރާ
ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް އެބަ ވިސްނަން: ބަންގްލަދޭޝް
ރޭޕްގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވިސްނަމުންދާ ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ބުނެފިއެވެ.

މީޑިއާއަށް މައުލޫމާތުދެއްވަމުން ބަންގްލަދޭޝްގެ ގާނޫނުތަކާއި ބެހޭ ވަޒީރު އަނިސުލް ހައްގު ވިދާޅުވީ ޖިންސީ ކުށްތަކާއި ބެހޭ ގާނޫނަށް މާދަމާގެ ކެބިނެޓް ބައްދަލުވުމުގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން އުމުރަށް ޖަލަށްލުމުގެ ބަދަލުގައި ރޭޕްގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ވިސްނަމުންދާ ކަމަށް ހައްގު ވިދާޅުވިއެވެ.

ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށާއި، ރޭޕްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކުގައި ގިނަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެވެ. އެގޮތުން ގިނަ މީހުން ވަނީ ރޭޕްކުރާ ފަރާތްތައް ދަންޖެއްސުމަށް ގޮވާލައި، ބޯޑުތައް ހިފައިގެން މުޒާހަރާގައި އަޑުއުފުލާފައެވެ. ބަންގްލަދޭޝްގައި ރޭޕްކުރާ ފަރާތްތަކާއި ދެކޮޅަށް މުޒާހަރާ ކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރުގެ ދެ ވަނަ ދުވަހު އެގައުމުގެ ދެކުނު ނޯޚާލީ ޑިސްޓްރިކްޓްގައި ކުރި ގޭންގް ރޭޕްގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ. މި މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާއަކުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް މިއަހަރުގެ ޖެނުއަރީ އާއި ސެޕްޓެމްބަރާއި ދެމެދު ގާތްގަނޑަކަށް ރޭޕްގެ 1000 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގޭންގް ރޭޕްގެ 208 ކޭސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް