ads
ފުލުހުންގެ މައި އިދާރާ--
ވިކްޓިމްގެ ބަޔާން ބަދަލުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް: ފުލުހުން
ހުޅުމާލޭ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި އޭނާ ފުލުހުންނަށް ދިން ބަޔާން ފުލުހުން ބަދަލުކުރާ ކަމަށް ބުނެ އިއްޔެ އާންމުކުރި ވީޑިއޯއަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ވަކީލުން އާންމުކުރި ވީޑިއޯއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެވީޑިއޯ ކްލިފަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ވިކްޓިމްއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓްކުރުގެ މަރުހަލާގައި ތަހްގީގްކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެވެ. 

އަދި އެއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް ދޭހަވާގޮތަށް ވިކްޓިމްގެ ވަކީލުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތާއި ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.

އަދި އެވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ގާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫންކަމަށް ވެސް ބުނެ އެވެ. 

އޭގެ އިތުރުން ފުލުހުން ބުނީ ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހްގީގުގައި ބައިވެރިވި ފަރާތްތަކުގެމެދުގައި މަޝްވަރާކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަހްގީގުކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓްކުރުމަކީ އާންމު އުސޫލުންވެސް އަމަލުކުރެވޭ ގޮތްކަމަށާއި އެއީ ތަހްގީގަށް ނެގޭ ބަޔާން ބަދަލުކުރުން ނޫންކަމަށް ފުލުހުންގެ ބަޔާނުގައި ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނީ ތަހުގީގުގައި ކުރެވޭ އިންޓަވިއުއަށްފަހު، ލިޔެވި ބަޔާން އިންޓަވިއު ކުރެވޭ ފަރާތާއި އިންޓަވިއު ކުރެވޭ ފަރާތުގެ ގާނޫނީ ވަކީލުން ބަލައި ޗެކްކުރުމަށްފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތްނަމަ އެބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާންޖެހުމަކީ ތަހުގީގުގައި އާންމުކޮށް އަމަލުކުރެވޭ އުސޫލެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެފަރާތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް ފުލުހުންގެ ބަޔާނުގައި ބުނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ވީޑިއޯ ކްލިޕަކީ ފުލުހުން ތަހްގީގް ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތުކުރުމަށް ގާނޫނީ ވަކީލުން އައްޔަނުވުމަށްފަހު، ކުރިން ތަހްގީގަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަވިއު ކުރުމަށް އެދި ވިކްޓިމްގެ ގާނޫނީ ވަކީލުން ފުލުހުންނަށް ލިޔުމުން ހުށަހެޅުމުން ގާނޫނީ ވަކީލުންގެ ހާޒިރުގައި ކުރެވިފައިވާ އިންޓަވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާއި ދޭތެރޭ
ތަހްގީގުކުރި ފަރާތްތަކުން ބަޔާނުން އިސްލާހުކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކުރުމަށް ދެކެވުނު ވާހަކަތަކެއް ކަމަށެވެ. 

އެ ވީޑިއޯއަކީ ތަހްގީގުގެ ބޭނުމަށް ފުލުހުން ކޮށްފައިވާ އިންޓަވިއުއަކަށްފަހު ކުރެވިފައިވާ ރެކޯޑަކަށްވާއިރު މި އިންޓަވިއުއަށް ވަކީލުންނަށް އެކްސެސްދީފައިވަނީ ތަހްގީގުގެ ބޭނުމަށްކަމަށްވާއިރު، އިންޓަވިއުގައި ހިމެނިފައިވާ
މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން، މުޖުތަމައުގެ ތެރެއަށް ވީޑިއޯ އެގޮތަށް އާންމު ކުރުމަކީ ވިކްޓިމްގެ ހައްގުތަކަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއްކަމަށް ދެކޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އަދި ޖިނާއީ ތަހުގީގުތަކުގައި ބައިވެރިވާ ގާނޫނީ ވަކީލުން ތެރޭގައި ކުރެވޭ އިންޓަވިއު ނުވަތަ މަސައްކަތްކުރާ ގޮތަކާއި މެދު މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ބޭނުންކުރުމެއް ނެތި އިންޓަވިއު ރެކޯޑިންގެ ބައިތައް ފަދަ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ހިމެނޭ ކޮންޓެންޓް އާންމުކޮށް، ކުށުގެ އަނިޔާލިބޭ ފަރާތްތަކުގެ މައުލޫމާތު އެގޮތަށް އާންމުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މިއީ ފުލުހުންގެ ތަޞައްވުރު
ކިލަނބުވާ ގޮތަށް ހަގީގަތާއި ހިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއްކަމަށް ބުނެ އެވެ. 

"މި ޝަކުވާ އުފުލި ފަރާތުން މިމައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެކަމަށް ބަޔާންކޮށްފައިވާތީ މިކަމާއި ގުޅިގެން އެކޮމިޝަނުން ކުރާ ތަހްގީގަށް މިސާވިސްގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި އަދި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެ އެވެ. 

އެ ވީޑިއޯ އާންމުކޮށްފައި ވަނީ ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ވަކީލެއް ކަމަށްވާ، ޝަފީއާ ރިޒާ އެވެ. 

ޝަފީއާ އެ ވީޑިއޯ އާންމުކޮށް ވިދާޅުވެފައި ވަނީ ސަފާރީ ރޭޕް ކޭސްގެ މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން އިހުމާލުވާތަން އެތައް ފަހަރަކު ފެންނަމުންދާއިރު ވެސް ކެތްކޮށްގެން ތިބީ އިންސާފު ލިބޭނެ ކަމަށް އުއްމީދުގަ އެވެ. 

އެގޮތުން ވިކްޓިމްގެ ބަޔާން ބަދަލުކުރަން މަސައްކަތްކުރުމުން އެކަމުގައި ފުލުހުންގެ ނިޔަތް ސާފުކަމަށް ވިދާޅުވި އެވެ.

ޝަފީއާ ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. 

މީގެ ކުރިން ވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިހުމާލު އޮތް ކަމުގެ އަޑުތައް އެރި އެވެ. 

އަދި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލްމަންނާން ޔޫސުފް މީގެ ކުރިން ވަނީ އެތަނުގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގި ކަމަށް ބެލެވޭ ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

ފުލުހުންނަށް ހިއްސާކުރި މައުލޫމާތުގައި އަންހެން މީހާ ބުނެފައި ވަނީ އޭނާ މޫދަށް ފުންމާލީ، ސަފާރީގައި ޖިންސީ ގޯނާކުރުމުން ކުރި މީހުންގެ އަމަލުތައް ހުރި ގޮތުން އެކަން ތަކުރާރުވެދާނެތީ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް