ads
އެޕަލް ޕާކް-- ފޮޓޯ: ވިކިޕީޑިއާ
އެޕަލްގެ އާ ފޯނުތައް ދައްކާލައިފި
މަޝްހޫރު އެޕަލް ކުންފުނިން އާ އައިފޯނާއި އިތުރު އުފެއްދުންތައް ރޭ ބޭއްވި އެޕަލް އިވެންޓްގައި ދައްކާލައިފި އެވެ.
Advertisement

އެޕަލް އިން ވަނީ ނޫ ކުލަ އާއެކު އައިފޯން 12 ދައްކާލާފަ އެވެ. ކުރީގެ އައިފޯން 4 އާއި ވައްތަރު ގޮތަކަށް ފަރުމާކޮށްފައިވާ އާ އައިފޯން 12 ގެ މޮޑެލްތަކަށް 5ޖީ ގެ ހިދުމަތް ލިބެ އެވެ. 

މީގެ އިތުރުން މިފަހަރު ދައްކާލި ހުރިހާ ފޯނުތަކެއްގައި އަޅުވާފައި ވަނީ އޯލެޑް ސްކްރީންތަކެވެ. އެޕަލްގެ އާ އައިފޯންތައް 30 މިނެޓް ވަންދެން ފެނު އަޑީގައި ހަ މީޓަރުގެ ފުންމިނެއްގައި ގެންގުޅެވޭނެ އެވެ. 

މިފަހަރުގެ އައިފޯން 12 ގައި ހިމެނޭ އެޕަލް އޭ-14 ބައޮނިކް ޕްރޮސެސާގެ ސަބަބުން ބެޓެރީ ސޭވްކުރެވި، ފޯނު ވަރަށް ހަލުވިކޮށްދެ އެވެ. 

މިދިޔަ ތިން އަހަރާ ހިލާފަށް އެޕަލް އިން ވަނީ އައިފޯންގެ ހަތަރު މޮޑެލް އެއް ދައްކާލައިފަ އެވެ. އެއީ އައިފޯން 12 މިނީ، އައިފޯން 12، އައިފޯން 12 ޕްރޯ، އަދި އައިފޯން 12 ޕްރޯ މެކްސް އެވެ. މިފަހަރުގެ އައިފޯނާއެކު ޗާޖަރާއި އެޕަލްގެ ހެޑްސެޓް ނުހިމަނާނެ އެވެ.

މިދިޔަ އަހަރު ނެރުނު އައިފޯން 11 އާ ހިލާފަށް މިފަހަރު އެޕަލް އިން ދައްކާލި އައިފޯން 12 މިނީގައި 5.4 އިންޗީގެ އޯލެޑް ސްކްރީނެއް އިންނައިރު، އައިފޯން 12 ގައި 6.1 އިންޗީގެ އޯލެޑް ސްކްރީނެއް އިނދެ އެވެ. 

ފާހަގަކޮށްލެވޭ ކަމަކީ ދެ ފޯނުގައި ވެސް ޑުއަލް ކެމެރާ ސެޓަޕެއް އިންނައިރު، ދެ ކެމެރާއަށް ވެސް ނައިޓް މޯޑް ލިބޭ ކަމެވެ. އެޕަލް އިން ދައްކާލި އެންޓްރީ ލެވަލް އައިފޯން 12 މިނީ އާއި އައިފޯން 12 ގައި ހުންނާނީ 64 ޖީބީ، 128 ޖީބީ، އަދި 256 ޖީބީގެ އިންޓާނަލް ސްޓޯރޭޖް އެވެ. 

އައިފޯން 12 މިނީގެ އަގުތައް 699 އެމެރިކާ ޑޮލަރުން ފެށޭއިރު، އައިފޯން 12 ގެ އަގުތަށް ފެށެނީ 799 އެމެރިކާ ޑޮލަރުންނެވެ. 

ކަޅުކުލަ، ހުދުކުލަ، ފެހި ކުލަ، (ޕްރޮޑަކްޓް) ރެޑް، އަދި ނޫ ކުލަތައް ހިމެނޭ މި ދެ ފޯނުގެ ތެރެއިން އައިފޯން 12 އަށް ޕްރީއޯޑާއަށް އޮކްޓޯބަރު 16 ގައި ހުޅުވާލާއިރު، އައިފޯން 12 މިނީ ޕްރީއޯޑަރަށް ހުޅުވާލާނީ ނޮވެމްބަރުގެ ހަވަނަ ދުވަހު އެވެ. 

އައިފޯން 12 އޮކްޓޯބަރު 23 ގައި ޝިޕްކުރާއިރު، އައިފޯން 12 މިނީ ޝިޕްކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 13 ގައެވެ.

އައިފޯން 12 ގެ އާދައިގެ މޮޑެލްތަކާއި ހިލާފަށް، އެޕަލް އިން ދައްކާލި ޕްރޯ މޮޑެލްތަކުގައި ޓްރިޕަލް ކެމެރާ ސެޓަޕެއްގެ އިތުރުން ލައިޑާ ސެންސަރެއް ހިމަނާފައި ވެއެވެ. 

ލައިޑާ ސެންސަރުގެ ސަބަބުން އަނދިރީގައި ނަގާ ފޮޓޯތަކަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދެއެވެ. މީގެ އިތުރުން އޯގްމެންޓަޑް ރިއަލިޓީ ބޭނުންކޮށްގެން ކުރާ މަސައްކަތްތައް އިތުރު ހަރުފަތްތަކަށް ގެންގޮސްދެ އެވެ. 

އައިފޯން 12 ޕްރޯގައި 6.1 އިންޗީގެ ސްކްރީނެއް އިންނައިރު، 12 ޕްރޯ މެކްސްގައި 6.7 އިންޗީގެ ސްކްރީނެއް އިނދެ އެވެ. އެހެންކަމުން އައިފޯން 11 ޕްރޯ މޮޑެލްތަކާއި ހިލާފަށް 12 ޕްރޯ މޮޑެލްތައް ބޮޑެވެ. 

އައިފޯން 12 ޕްރޯ މެކްސް އަކީ މިހާތަނަށް އެޕަލް އިން ނެރޭ އެންމެ ބޮޑު ފޯނެވެ. 128 ޖީބީ، 256 ޖީބީ، އަދި 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހިމެނޭ ޕްރޯ މޮޑެލްތަކުގެ ތެރެއިން 12 ޕްރޯގެ އަގުތަށް ފެށެނީ 999 އެމެރިކާ ޑޮލަރުންނެވެ. އަދި 12 ޕްރޯ މެކްސްގެ އަގުތަށް ފެށެނީ 1099 އެމެރިކާ ޑޮލަރުންނެވެ. 

ގްރެފައިޓް، ރިހި، ރަން، އަދި ޕެސިފިކް ބްލޫ ކުލަތައް ހިމެނޭ ޕްރޯ މޮޑެލްތަކުގެ ތެރެއިން 12 ޕްރޯ ޕްރީއޯޑަރަށް އޮކްޓޯބަރު 16 ގައި ހުޅުވާލާއިރު، 12 ޕްރޯ މެކްސް ޕްރީއޯޑަރަށް ހުޅުވާލާނީ ނޮވެމްބަރުގެ ހަވަނަ ދުވަހުއެވެ. 

އަދި އޮކްޓޯބަރު 23 ގައި 12 ޕްރޯ ޝިޕްކުރާއިރު، 12 ޕްރޯ މެކްސް ޝިޕްކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 13 ގައެވެ.

މީގެ އިތުރުން އެޕަލް އިން ވަނީ ރޭ ހޯމްޕޮޑް މިނީ ސްޕީކަރާއި، މެގްސޭފް ޗާޖަރާއި، ކޭސްތައް ވެސް ދައްކާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް