ads
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ހެދި ޕިކްނިކް ސަރަހައްދު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވޭމަންޑޫގައި ހިތްގައިމު ޕިކްނިކް ސަރަހައްދެއް ގާއިމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ވޭމަންޑޫގެ ތުނޑީކޮޅުގައި ހިތްފަސޭހަކަމާއެކު ދަތުރު ގޮސް އުޅެވޭނެ ގޮތަށް ސަރަހައްދެއް ގާއިމްކޮށްފި އެވެ.

ފަރުހިލާ ތުނޑީގެ ނަމުގައި ތަރައްގީ ކުރި ސަރަހައްދު މިހާރު ވަނީ އާއްމުން ބޭނުން ކުރުމަށް ހުޅުވާލާފަ އެވެ. އެއީ އެ ރަށު މީހުން އާއްމުކޮށް ދަތުރު ދިޔުމަށް ބޭނުން ކުރާ ތަނެކެވެ.

ހިތްފަސޭހަކަމާއެކު އެތަން ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް މިހާރު ވަނީ ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި، ހަޓް ހަދައި، ޖޯލިފަތި ބަހައްޓައި، ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަންތަން ގާއިމްކޮށްފަ އެވެ. 

your imageވޭމަންޑޫގެ ޕިކްނިކް ސަރަހައްދުގައި ކުޑަ ޖަހާފައި--

އޭގެ އިތުރުން ކުޅިވަރު ކުޅުމަށް މިނީ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓަކާއި، 2500 ލީޓަރުގެ ފެން ޓޭންކެއް ވެސް އެތަނުގައި ވަނީ ބަހައްޓާފަ އެވެ. އަދި ދަތުރު ދާ މީހުން ކުނި އުކުމަށް ޑަސްބިން ވެސް ބަހައްޓާފައި ވެއެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. އަދި މި ޕްރޮޖެކްޓަތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް ލިބިފަ. ވޭމަންޑޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމް ކުރުމަށް މި ފަންޑުގެ ދަށުން މި ޕްރޮޖެކްޓަށް އެހީތެރިވެ އަދި ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ ބުރަ މަސައްކަތެއް ނިންމާލުމުގައި މި މަސައްކަތް ރާވައި ހިންގެވުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

your imageވޭމަންޑޫ ޕިކްނިކް ސަރަހައްދުގެ ހުޅުވަނީ--

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލް ތަކެކެވެ. 

ވޭމަންޑޫ ކޮމިއުނިޓީ ޕިކްނިކް އޭރިއާ ޕްރޮޕޯސަލް ކާމިޔާބު ކުރި ފަހުދު އަބްދުއް ޝަކޫރު ވިދާޅުވީ ރަށުގެ ތުނޑި ޕިކްނިކް އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ. 

your imageވޭމަންޑޫ ޕިކްނިކް ސަރަހައްދުގައި ބަޔަކު ދަތުރު ގޮސް--

"އަޅުގަނޑުމެން އަދި މުސްތަގުބަލުގައި މި ސަރަހައްދު އިތުރަށް ތަރައްގީކޮށް އަވައްޓެރި ރަށްތަކުގެ ރައްޔިތުން ވެސް މި ސަރަހައްދު ބޭނުން ކުރުމަށް އަންނާނެހެން މި މިސަރަހައްދު ތަރައްގީ ކުރުމަކީ އަޅުގަނޑުމެންގެ ތަސައްވަރު،" ފަހުދު އަބްދުއް ޝަކޫރު ވިދާޅުވި އެވެ.

މި އަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށް ބީއެމްއެލުން ވަނީ ނިންމާފަ އެވެ. ފުރަތަމަ ދެ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވާފައިވާއިރު ތިންވަނަ ފިޔަވަހީގައި އެކަނިވެސް 10 ޕްރޮޕޯސަލް ހޮވުމަށް ބޭންކުން ވަނީ ނިންމާފަ އެވެ.          

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް