ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ވެންޓިލޭޓަރު މައްސަލަ: މިނިސްޓަރު އަމީނަށް ދައުވާ ނުކުރަން ނިިންމައިފި
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ހެލްތް މިނިސްޓްރީން 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ ފޯހުން ދިރާސާކޮށްފައިވާ ކަމަށެވެ. 

އަދި އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާ އޮކްޓޫބަރު 19 ވަނަ ދުވަހު މައްސަލަ ޑިކްލައިންކޮށްފައިވާ ކަމަށްވެސް މައުލުމާތުދީފައިވެ އެވެ. އަދި އެ ނިންމުން ނިންމި ސަބަބުތައް މިއަދު މެންދުރު 01:00 ގައި ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ. 

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 11 ފަރާތެއްގެ މައްޗަށެވެ. އެއީ ހެލްތް މިނިސްތަރު އަބްދުﷲ އަމީން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު، ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު، ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ، ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރު އާމިނަތު ޝައުފާ، ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީގެ މެމްބަރު ފާތިމަތު ލިމްޔާ، ހެލްތް މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް އަހުމަދު އަސްލަމް، ހެލްތް މިނިސްޓްރީގެ ލީގަލް އޮފިސަރު އަލީ ޝިހާމް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޘް، ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒް އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފް ގެ މައްޗަށެވެ.

އޭސީސީން ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވާކަމަށެވެ.

މިނިސްޓަރު އަމީންގެ މައްޗަށް އޭސީސީން ކުރާ ތުހުމަތު

މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވާފައިވަނީ ޤާނޫނުލް އުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 512ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ  513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ  313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. 

އޭސީސީން ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވާކަމަށެވެ. 

އެގޮތުން އެ ކުންފުންޏަށް ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރު އަމީން ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި 75 ވެންޓިލޭޓަރ ސަޕްލައިކުރުމަށް ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ޑރ. އަލީ އަލް ޓަކްމަޗީ އަށް ހެލްތް މިނިސްޓްރީ ތައާރަފް ކޮށްދީފައިވަނީ މިނިސްޓަރު އަމީން ކަމަށާއި، އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއްކަމަށް ދޭހަވާގޮތަށް ބިޑް ކޮމިޓީއަށް ތައާރަފް ކޮށްދީފައިވަނީ މިނިސްޓަރު އަމީން ކަމަށެވެ. 

އަދި 75 ވެންޓިލޭޓަރުގެ 75 އިންސައްތަ އެޑްވާންސްޕޭމަންޓް ޕްރޮސެސް ކުރިއަށްގެންދިއުމާގުޅިގެން، ޕޭމަންޓް ދެއްކުން އަވަސްކުރުމަށް މިނިސްޓަރު އަމީން މަސައްކަތްކޮށްފައިވާކަން ތަހްގީގަށް އެނގިފައިވާކަމަށާއި، ވެންޓިލޭޓަރާއި  ގުޅިގެން ހެލްތް މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރު އަމީންއަށް އެނގިފައިވާކަމާއި، އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަހުޤީޤަށް އެނގިފައިވާތީއާއި، މިކަމާގުޅޭ ހުރިހާކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރު އަމީން ބްރީފިން ހޯދަމުންދިޔަކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ. 

ބިޑް ކޮމިޓީ މެމްބަރުންނަށް އޭސީސީން ކުރާ ތުހުމަތު

ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އެވެ. އަދި މަސައްކަތް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތުދީފަިއވެ އެވެ. ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ. 

އެ މައްސަލައިގައި ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން އެދި ފޮނުވާފައިވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް