ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ެވެންޓިލޭޓަރު މައްސަލާގައި ޑަބްލިއުއެޗްއޯގެ ހިއްސާ އޮތް ކަމަށް އަމީން ތަކުރާރުކޮށް ވިދާޅުވެއްޖެ
ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރުމާ ހަމައަށް އެ މަސައްކަތް ކުރިއަށްގެން ދިޔައީ ޑަބްލިޔުއެޗްއޯ އާ ކުރެވުނު މުއާމަލާތްތަކުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ، މި މައްސަލާގައި މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީގެ ސަބް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ. 

މިއަދުގެ ކޮމިޓީއަށް މިނިސްޓަރު އަމީން ހާޒިރުކުރީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައި ވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏަކައް ކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގި ގޮތް ނޫން ކަމަށް ބަޔާންކޮށްފައި ވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. 

މި މައްސަލާގައި ކޮމިޓީއަށް ހާޒިރުކުރުމުން އަމީން ތަކުރާރުކޮށް ވިދާޅުވީ، ވެންޓިލޭޓަރު ގެނައުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާނީ، ޑަބްލިއުއެޗްއޯ އާ ކުރެވުނު މަޝްވަރާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެނައުމަށް ރާއްޖޭގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބާއެކު މަޝްވަރާ ކުރެވުނު ކަމަށް އަމީން ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ އެކި މަރުހަލާތަކުގައި ޑަބްލިއުއެޗްއޯގެ އެކި މެމްބަރުންނާއިއެކު މަޝްވަރާ ކުރެވުނު ކަމަށާއި، އެއީ ރަސްމީ މަޝްވަރާތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ފޯނުން ގުޅައިގެން، ނުވަތަ މެސެޖުކޮށްގެން، ނުވަތަ ސިޓީ މެދުވެރިކޮށް ނަމަވެސް، ވެންޓިލޭޓަރު ގެނައުމުގެ މަޝްވަރާ ކުރީ މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި އެހެންކަމުން އެއީ ރަސްމީ މަޝްވަރާތަކެއް ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެ މަޝްވަރާތަކުގެ ލިޔެކިއުންތައް އެބަހުރި ކަމަށް ވެސް އަމީން ވިދާޅުވި އެވެ. 

މިނިސްޓަރު އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯ އާއިއެކު ކުރެވުނު މަޝްވަރާތަކުގެ ތަފްސީލު އޭސީސީގެ ތަހުގީގަށް ވެސް ހިއްސާކުރި ކަމަށާއި، ކޮމިޓީގައި ވެސް އެ ތަފްސީލުތައް ހިއްސާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް މިނިސްޓަރު ވަނީ، ހުޅުވާލައިގެން ކުރިއަށްދާ ކޮމިޓީ ބައްދަލުވުމެއްގައި ޑަބްލިޔުއެޗްއޯ ފަދަ ޖަމިއްޔާއަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކެވޭނެތީ، ކޮމިޓީ ސިއްރު ކޮށްދިނުމަށް އެދިވަޑައިގެފައެވެ. ނަމަވެސް ކޮމިޓީގެ މެމްބަރުން ނިންމީ ހުޅުވާލެވިގެން ކުރިއަށްގެންދާ ބައްދަލުވުމެއްގައި ހިއްސާކުރެވޭނެ މިންވަރަށް ހިއްސާ ކުރުމަށާއި ކޮމިޓީ ސިއްރު ނުކުރުމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވަނީ، މި މައްސަލާގައި އޮޑިޓާ ޖެނެރަލް އޮފީހުން، ހެލްތު މިނިސްޓްރީން ފޮނުވި ލިއުންތަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި އެއްފަރާތުން ބުނާ ވާހަކަތަކުގެ މައްޗަށް މިފަދަ މައްސަލަތަކުގައި ގޮތް ނިންމުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. 

މިނިސްޓަރު އަމީން މިއަދު ކޮމިޓީއަށް ހާޒިރުކޮށްފައި ވަނީ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލާގައި، ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް