ads
ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ނަހަމަ ފައިދާވި ފަރާތްތައް ހާމަކޮށް، ތަހުގީގަށް އެއްބޭރުލުންދޭން ބޭނުން: ނިޝާމާ
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ހަރަދު ކުރުމުގައި ބަޔަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރި ފަރާތްތައް ހާމަކޮށް، ތަހުގީގަށް އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ސިޓީއެއް އާއްމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ސިޓީއަކީ ނިޝާމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސް ކުރައްވާ، އޮގަސްޓް 19 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީ އެވެ. 

ނިޝާމާ އެ ސިޓީ ފޮނުއްވާފައި ވަނީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. 

އެ ސިޓީގައި ނިޝާމާ ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގައި މަސައްކަތްކޮށްފައި ވާނީ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެކަންކަމުގައި ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް ތަހުގީގަށް އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ނިޝާމާގެ ސިޓީގައިވެ އެވެ. 

"ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އިން ހަރަދު ކުރުމުގައި އެހެން ފަރާތްތަކަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައި ވެއެވެ.

އޭގެ އިތުރުން ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ސިޓިގައި އެދިވަޑައިގެންފައި ވެއެވެ.  

ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކުރުމަށް ބޭނުންވާ ކަމަށް ސިޓީގައި ފާހަގަކޮށްފައި ވާއިރު އެއީ ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ކޮން ކަމަކާ ގުޅޭ ހަރަދެއްކަން ބަޔާންކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް ވެންޓިލޭޓަރު ގަތުމުގެ ކަންކަމުގައި ބޮޑެތި ގޯސްތަކެއް ހިނގާފައިވާކަން ފާހަގަކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި ރިޕޯޓްގައި އެކަންކަން ފާހަގަކޮށްފައިި އޮތުމުން އޭސީސީންނާއި ފުލުހުން ގުޅިގެން ވަނީ އެ މައްސަލަ ތަހުގީގު ކޮށްފަ އެވެ. އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ފަރާތަކަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީއަށް ހުށަހެޅި އެވެ. 

މިނިސްޓަރު އަމީންގެ މައްޗަށް އޭސީސީން ކުރާ ތުހުމަތު

މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވާފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ)ގެ (2) އާއި 512 ވަނަ މާއްދާގެ (ހ) އާއި 513 ވަނަ މާއްދާގެ (ށ) އާއި 313 ވަނަ މާއްދާގެ (ހ) ގެ (1)ގެ ދަށުންނެވެ. 

އޭސީސީން ބުނެފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކުރުމުގެ މަސައްކަތް ޑުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައިވާ ކަމަށެވެ. 

އެގޮތުން އެ ކުންފުންޏަށް ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ހަވާލުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިނިސްޓަރު އަމީން ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި 75 ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ހަވާލުކޮށްފައިވާ ފަރާތް ކަމަށްވާ ޑރ. އަލީ އަލް ޓަކްމަޗީ އަށް ހެލްތް މިނިސްޓްރީ ތައާރަފް ކޮށްދީފައި ވަނީ މިނިސްޓަރު އަމީން ކަމަށާއި، އަދި އެ ފަރާތަކީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ހޯދާފައިވާ ފަރާތެއް ކަމަށް ދޭހަވާ ގޮތަށް ބިޑް ކޮމިޓީއަށް ތައާރަފް ކޮށްދީފައި ވަނީ މިނިސްޓަރު އަމީން ކަމަށެވެ. 

އަދި 75 ވެންޓިލޭޓަރުގެ 75 އިންސައްތަ އެޑްވާންސް ޕޭމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސް ކުރުމަށް މިނިސްޓަރު އަމީން މަސައްކަތްކޮށްފައިވާކަން ތަހްގީގަށް އެނގިފައިވާ ކަމަށާއި، ވެންޓިލޭޓަރާއި ގުޅިގެން ހެލްތް މިނިސްޓްރީން ހިންގާފައިވާ ޕްރޮކިއުމަންޓުގެ ކަންތަކާއި ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރު އަމީންއަށް އެނގިފައިވާކަމާއި، އަދި އެކަންކަމަށް ލަފާ އާ މަޝްވަރާ ދެއްވާފައިވާކަން ތަހުގީގަށް އެނގިފައި ވާތީ އާއި، މިކަމާގުޅޭ ހުރިހާ ކަމެއް ޕޮލިސީ ޓޭބަލްއަށް ހުށަހެޅުމަށްޓަކައި މިނިސްޓަރު އަމީން ބްރީފިން ހޯދަމުންދިޔަކަން ތަހްގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. 

ބިޑް ކޮމިޓީ މެމްބަރުންނަށް އޭސީސީން ކުރާ ތުހުމަތު

ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައި ވާތީ އެވެ. އަދި މަސައްކަތް ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ނަމުގައި ބިޑް ކޮމިޓީއަށް ކޯޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތު ދީފަިއވެ އެވެ. ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ. 

އެ މައްސަލައިގައި ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީއިން އެދި ފޮނުވާފައި ވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. 

ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށް!

މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވީ މި މައްސަލައިގައި އޭސީސީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. ޕީޖީ އޮފީހުގެ ޒިންމާއަކީ ޖިނާއީ ދައުވާ ކުރުން ކަމަށާއި، އަދި ކޯޓަށް މައްސަލައެއް ގެންދާނީ ސާބިތުކުރެވޭ ވަރަށް ހެކި ހުރެގެން ކަމަށް ވެސް ވިދާޅުވި އެވެ. 

އެހެން ނަމަވެސް މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕީޖީން ދައުވާ ނުކުރުމަށް ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 24 މެމްބަރަކު ސޮއިކޮށް ވަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އެރޭގެ މެންދަމުގެ ވަގުތެއްގައި އަމީން ވަނީ ހެލްތް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް