ads
ސަފާރީއެއް--
ރިސޯޓުގައި ޗުއްޓީ ހޭދަކުރާ މީހުންނަށް ސަފާރީއަށް ދެވޭ ގޮތް ހަދައިފި
ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑާއި ގުޅިގެން ކުރިން އޮތީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ސަފާރީތަކަށް ނުދެވޭ ގޮތަށެވެ. އެކަމަކު ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ސްޕްލިޓް ސްޓޭ ގައިޑްލައިނާ އެއްގޮތަށް ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މިހާރު ވަނީ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފައި ކަމަށެވެ. 

މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން 116 ސަފާރީއެއް އޮޕަރޭޓްކުރުމުގެ ހުއްދަދީފައިވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އޮކްޓޫބަރު 21 ގެ ނިޔަލަށް ރާއްޖެއަށް ވަނީ 31،801 ފަތުރުވެރިއަކު ޒިޔާރާތްކޮށްފަ އެވެ. 

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް މަހުން މަހަށް އިތުރުވަމުން އަންނައިރު މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 1000 އިން މަތީގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެ އެވެ. 

އޭގެ އިތުރުން، މިމަހުގެ 15 ގައި ގެސްޓްހައުސްތައް ވެސް ވަނީ އަލުން ހުޅުވާލާފަ އެވެ. ވަކި މިންގަނޑުތަކަކަށް ފެތޭ ރަށްރަށާއި ގެސްޓުހައުސްތަކަށް ހުއްދަ ދެމުން ދާއިރު، ރަށްރަށަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.

މިއަހަރު ނިމުމުގެ ކުރިން 120،000 ފަތުރުވެރިން ރާއްޖެއަށް ގެންނަން އަމާޒު ހިފާފާއި ހުރިއިރު އަންނަ އަހަރު ރާއްޖެއަށް 725،000 ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ. ކޮވިޑްގެ ކުރިން މިދިޔަ އަހަރު ނިންމާލީ ރިކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރު ނިންމުނުއިރު 1.7 މިލިއަން ފަތުރުވެރިން އައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް