ads
ރަސްފަންނު ސަރަހައްދު--
މަރުވެފައި އޮތް ޒުވާނާގެ މައްސަލަ ތަހުގީގުކުރަން އާންމުންގެ އެހީއަށް އެދިއްޖެ
ރަސްފަންނު ސަރަހައްދުގެ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ މައްސަލަ ތަހުގީގުކުރަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އައިޖީއެމްއެޗް ސަރަހައްދު މޫދު އަޑިން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ. 

އެގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެކަމާއި ގުޅޭ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ބުނެ އެވެ. 

އެހެންކަމުން، އެ ފަރާތްތަކުން ފުލުހުންގެ އިމަޖަންސީ ނަމްބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ވަނީ އެދިފަ އެވެ. 

އެކަމުގެ މައުލޫމާތު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުނުއިރު އެމީހާ މަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހަދަން ނިންމާފަ އެވެ. 

އިއްޔެ ފުލުހުން ބުނީ އައިޖީއެމްއެޗާ ދިމާ ބޭރު މޫދުގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 10:40 ހާއިރު ކަމަށެވެ. 

މަރުވެފައި އޮއްވާ ފެނިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މަރުވެގެން ހޮސްޕިޓަލަށް ގެންދެވުނު މީހާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް އަނިޔާގެ ނިޝާންތައް ވެސް ހުއްޓެވެ. 

އެމީހާ މޫދަށް އެއްލާލާފައި ވަނީ މަރާލާފައި ކަމަށް ވެސް އަޑުތައް އަރަ އެވެ. އެކަމަކު މިހާތަނަށް ފުލުހުން އެކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް